ރޯދައަށް ކާބޯތަކެތި އަގުހެޔޮކުރުމަށް އިތުރު މަސައްކަތްތަކެއް ކުރާނަން: ރައީސް

ރައީސް މުއިއްޒު ކެމްޕޭން ތެރޭ މާލޭ ލޯކަލް މާރުކޭޓުގައި -- ފޮޓޯ: އެލީޒް

ކާބޯތަކެތީގެ އަގު ހެޔޮކުރުމަކި ސަރުކާރުން ވަރަށް އިސްކަމެއްދޭ ކަމެއް ކަމަށާއި ކާބޯތަކެތީގެ އަގުހެޔޮކުރުމަށް އިތުރު މަސައްކަތްތަކެއް ކުުރަމުންދާ ކަމަށް ރައީސުލްޖުމުހުރިއްޔާ ޑރ މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ސިލްސިލާކޮށް ކުރިއަށްގެންދާ އާންމުންނަށް ރައީސާ ސުވާލުކުރެވޭ 'ރައީސްގެ ޖަވާބު'ގެ މިއަދުގެ ޕްރޮގްރާމްގައެވެ.

މިއަދުގެ ޕުރޮގްރާމްގައި ރައްޔިތަކު ވަނީ ރަމަޟާން މަހާ ދިމާކޮށް ކާބޯތަކެތީގެ އަގު ހެޔޮކޮށްދިނުމަށް އެދިވަޑައިގެންފައެވެ.

https://x.com/MJameelAhmed/status/1766700329146466715?t=fFlp_i6oIYLmtYeUmrucLg&s=35

މި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ ކާބޯތަކެތި އަގުހެޔޮކުރުމަށް އިތުރު މަސައްކަތްތައް ކުރައްވާނެކަމަށެވެ.

"ކާބޯތަކެތީގެ އަގު ހެޔޮ ކުރުމަކީ ސަރުކާރުން ވަރަށް އިސްކަންދޭ ކަމެއް. ބަރަކާތްތެރި ރަމަޟާން މަސް ފެށިގެންދާއިރު، އެންމެ އަސާސީ ހުރިހާ ބާވަތެއް އެސްޓީއޯ މެދުވެރިކޮށް ގެނެވި، އަގުހެޔޮކުރުމުގެ މަސައްކަތް މިހާރު ކުރިއަށް އެބަދޭ. މިހާރު ވެސް އަގު ހެޔޮކޮށް ވިއްކަން ފަށައިފައި ވަނީ. އަދިވެސް އިތުރު މަސައްކަތްތައް ކުރާނަން ކާބޯތަކެތީގެ އަގުހެޔޮ ކުރުމަށް ޓަކައި،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ ކުރިއަށްހުރި ދުވަސްތަކަށް މެދު ރާސްތާއާއި ދުރު ރަސްތާގެ ޕްލޭނަކީ ރާއްޖޭގެ އުފެއްދޭ ހުރިހާ ބާވަތެއްގެ ކާބޯތަކެތި ރާއްޖޭގައި ޤާއިމްކޮށް، ފުޑް ސެކިއުރިޓީ ޔަގީންކުރުން ކަމަށް ރައީސް ވިދާޅުވިއެވެ.

އޭގެ ސަބަބުން ކާބޯތަކެތީގެ އަގު ވެސް ދައްވާނެ ކަމަށާއި، ބޭނުންވާ މިންވަރަށް އުފެއްދޭކަން ޔަގީންވާނެ ކަމަށް ވެސް ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.

މާދަމާ އަކީ ބަރަކާތްތެރި ރަމަޟާން މަހުގެ ފުރަތަމަ ދުވަސްކަމަށް ވާއިރު އެސްޓީއޯއިން ވަނީ ބާޒާރުގައި އަގު އުފުލިފައިވާ ބައެއް މޭވާއާއި ތަރުކާރި އެތެރެކޮށް އަގު ހެޔޮކޮށް ވިއްކަން ފަށައިފައެވެ.

comment ކޮމެންޓް