14 އަހަރަށްފަހު ދޮންއަނދަރާދަ ހިނގުން ހުޅުވައިފި

ދޮންއަނދަރާދަ ހިނގުން ހުޅުވާލުމުގެ އެންމެ ފަހުގެ ތައްޔާރީތައްވަނީ -- ފޮޓޯ/ ސަން

ސްޓެލްކޯގެ ބޭނުމަށް ބަންދުކުރި ދޮންއަނދަރާދަ ހިނގުން 14 އަހަރަށްފަހު މިރޭ އާންމު ޓްރެފިކަށް ދުއްވަން ހުޅުވާލައިފިއެވެ.

މި މަގު މިރޭ ހުޅުވާލީ އެ ކަމަށް ޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

ސްޓެލްކޯއިން ބުނީ އެ މަގު ހުޅުވާލީ ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ފަހުގައި ކަމަށެވެ.

މި މަހުގެ ހަތަރުވަނަ ދުވަހު ސްޓެލްކޯއިން ވަނީ ނޫސްވެރިންނަށް ދޮންއަނދަރާދަ ހިނގުން ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ދައްކާލާފައެވެ.

އެ މަގުގެ ދެފަރާތުގައި ވެސް ވަނީ ގަސް އިންދައި، މަގުބައްތި ހަރުކޮށްފައެވެ. އެ މަގުގެ ދެ ފަރާތުގައި ހުންނަ ސްޓެލްކޯގެ އިމާރާތްތައް ގުޅުވާލާފައިވަނީ ބްރިޖަކުންނެވެ.

ސްޓެލްކޯގެ ބޭނުމަށް 2010ވަނަ އަހަރު އެ މަގު ބަންދުކުރިއިރު، އަލުން އެ މަގު ހުޅުވާލުމަށްޓަކައި، މަގު ހުސްކުރުމުގެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ޑިސެންބަރުމަހުގެ 17ގައެވެ.

ސްޓެލްކޯއިން ބުނީ އެ މަގު ބަންދުކުރަން ޖެހުނީ މާލޭގެ ކަރަންޓުގެ ޑިމާންޑަށް ޚިދުމަތް ފުޅާކުރުމަށް އިތުރު ކެޕޭސިޓީ ގާއިމްކުރުމަށް ހިންގަން ކުރިން ރޭވި ފޯޓް ޕަވާ ޕްރޮޖެކްޓް ފެށުން ލަސްވުމުން ކަމަށެވެ.

އެހެންވެ ކުންފުނީގެ ބިމާ އިންވެގެން އޮތް ދޮންއަނދަރާދަ މަގު ބަންދުކޮށް، އެ މަގަށްވާ ގޮތަށް އިންޖީނު ގެއެއް އެޅީ 2010ވަނަ އަހަރެވެ.

ގުޅޭ ޓެގު
comment ކޮމެންޓް