އައްޑޫގައި ހަށި ވިއްކުމުގެ ވިޔަފާރި ކުރާ ބަޔަކު ހައްޔަރު ކޮށްފި

ފުލުހުން ކުރިން ހިންގި އޮޕަރޭޝަނެއްގައި ހަށި ވިއްކި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ބައެއް - ސަން ފައިލް ފޮޓޯ

އައްޑޫ ސިޓީގައި ހަށި ވިއްކުމުގެ ވިޔަފާރި ކުރާ ބަޔަކު ހައްޔަރު ކޮށްފިއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ އައްޑޫ ސިޓީގައި ހަށި ވިއްކުމުގެ ވިޔަފާރި ކުރާ ކަމުގެ މައުލޫމާތު ފުލުހުންގެ އިންޓެލިޖެންސަށް ލިބުމާ ގުޅިގެން މި މަހުގެ ހަތް ވަނަ ދުވަހު ހިތަދުއާއި މަރަދޫގައި އޮޕްރޭޝަނެއް ހިންގައިފައިވާ ކަމަށެވެ.

މި އޮޕަރޭޝަނުގައި ހިތަދޫގެ ގެއެއް ބަލައި ފާސްކޮށް ދިވެހި ދެ ފިރިިހެނަކާއި، ތައިލެންޑުގެ ތިން އަންހެނުން ވަނީ ހައްޔަރު ކޮށްފައެވެ.

އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން އެންމެންގެ ބަންދަށް ވެސް 14 ދުވަސް ޖަހައިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މީގެ އިތުރުން މަރަދޫގައި ހިންގި އޮޕަރޭޝަނުގައި ސްޕާއެއްގެ ގޮތުގައި ހިންގަމުން ދިޔަ ތަނެއް ބަލައި ފާސްކޮށް ދިވެހި ފިރިހެނަކާއި އިންޑިއާ ފިރިހެނެއްގެ އިތުރުން ތައިލެންޑުގެ ދެ އަންހެނުންނާއި މިޔަންމާ ފިރިހެނެއް ހައްޔަރު ކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ.

އެ މީހުންގެ ބަނދާއިމެދުވެސް ގޮތެއް ނިންމުމަށް އިއްޔެ މަރަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ތައިލޭންޑުގެ ދެ އަންހެނުންނާއި ދިވެހި ފިރިހެން މީހާގެ އިތުރުން މިޔަންމާ ފިރިހެން މީހާ 10 ދުވަހަށް ބަންދުކުރުން އަމުރު ކޮށްފައިވަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އިންޑިއާ ފިރިހެން މީހާ ހަތަރު ދުވަހަށް ބަންދުކުރަން އަމަރުކޮށްފައިވާ ކަމަށްވެސް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

ފުލުހުން ބުނީ މި ދެ މައްސަލަ ވެސް މިހާރު ތަހުގިގު ކުރަމުން ދާ ކަމަށެވެ.

މިދިޔަ މަހުގެ ތެރޭގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެފައިވަނީ މާލޭ ސަރަހައްދުން އެކަނި ވެސް އެކިއެކި ނަންނަމުގައި ހަށިވިއްކުމުގެ ވިޔަފާރިކުރާ 111 ތަނެއް ފާހަގަކުރެވިފައިވާ ކަމަށެވެ.

comment ކޮމެންޓް