އަޖޭ އާއި އަކްޝޭގެ ކުރިމަތިލުމެއް އަންނަ މަހު 10ގައި

ބޮލީވުޑްގެ އެކްޓަރު އަޖޭ ދޭވްގަންގެ ކުރިޔަށް އޮތް ފިލްމު "މައިދާން" އޭޕްރިލް މަހުގެ 10 ވަނަ ދުވަހު ރިލީޒްކުރަން ތާވަލުކޮށްފައި ވަނިކޮށް އަކްޝޭ ކުމާރު އަދި ޓައިގާ ޝްރޮފް މުހިއްމު ރޯލް ކުޅޭ ފިލްމު "ބަޅޭ މިޔާން ޗޯޓޭ މިޔާން" ހަމަ އެ މަހުގެ ނުވަ ވަނަ ދުވަހު ރިލީޒްކުރާނެކަން އިއުލާނުކޮށްފިއެވެ.

އަޖޭ ދޭވްގަން ލީޑް ރޯލް ކުޅެ ބޮނީ ކަޕޫރު ޕްރޮޑިއުސްކުރާ ފިލްމު "މައިދާން"އަކީ ރިލީޒް ނުކުރެވި ވަރަށް ބޮޑަށް ދިގުލައިގެން ގޮސްފައިވާ ފިލްމެކެވެ. ފިލްމުގެ ޓްރެއިލާ ވެސް ރިލީޒްކޮށްފައި ވަނިކޮށް އަކްޝޭ ކުމާރު އަދި ޓައިގާ ޝްރޮފްގެ ފިލްމު ރިލީޒްކުރާ ދުވަސް އިއުލާނު ކުރުމާއެކު މިއީ ބޮކްސް އޮފީހުގައި ބޮޑު ކުރިމަތިލުމަކަށް ދާނެ ދެ ފިލްމު ކަމަށް ގިނަބަޔަކު ވަނީ ބުނެފައެވެ.

ފިލްމު "މައިދާން"ގެ ޓްރެއިލާ ލޯންޗުކުރި ހަފްލާގެތެރެއިން-- ފޮޓޯ/ އެންޑީޓީވީ

މި އަހަރުގެ ފިތުރު ޢިދު ބަންދާ ދިމާކޮށް ދެ ފިލްމު ވެސް ސިނަމާއަށް ގެންނަން ތާވަލުކޮށްފައި ވާއިރު އަޖޭ ދޭވްގަން ބުނެފައި ވަނީ އަކްޝޭ އާއި ޓައިގާގެ ފިލްމު ރިލީޒް ކުރާ ދުވަސްވަރު ފުށުއެރި ނަމަވެސް އަޖޭ އެކަމާ އެއްވެސް ވަރަކަށް ހާސްނުވާ ކަމަށެވެ.

އަޖޭގެ ފިލްމަކީ ކުޅިވަރަށް ހާއްސަ ސްޕޯޓްސް ޑްރާމާއެއް ކަމަށާއި "ބަޅޭ މިޔާން ޗޯޓޭ މިޔާން" އަކީ އެކްޝަން ތުރިލާއެއް ކަމުން ދެ ފިލްމު ވެސް ބޮކްސް އޮފީހުގައި ރަނގަޅަށް ހިނގާނެ ކަމަށް ގަބޫލުކުރާ ކަމުގައި އަޖޭ ވަނީ ބުނެފައެވެ.

ދެ ފިލްމަކީ މުޅީން ދެ ޖޯންރާއެއްގެ ފިލްމެއް ކަމަށާއި ފިލްމީ ދާއިރާގައި މަސައްކަތް ކުރާ ހުރިހާ ފިލްމީ ތަރިންނަކީ ވެސް އެއް އާއިލާއެއް ފަދަ ގާތް ބަޔަކަށްވީ އިރު ފިލްމު ރިލީޒްކުރާ ތާރީޚު ފުށު އަރާކަމަށް ބުނަން ބޭނުން ނުވާކަމަށް "މައިދާން"ގެ ޓްރެއިލާ ލޯންޗުކުރި ހަފުލާގައި އަޖޭ ވަނީ ބުނެފައެވެ.

comment ކޮމެންޓް