ދެވަނަ ފިޔަވަހީގައި ބިނާކުރި ޗާލު މިސްކިތް ހުޅުވައިފި

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބިނާކުރި އާ މިސްކިތް: 1،500 މީހުންގެ ޖާގައިގެ މި މިސްކިތް މިއަދު ވަނީ ހުޅުވާފައި -- ފޮޓޯ/ މިނިސްޓްރީ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަމިއްލަ ފަރާތަކުން އަލަށް ބިނާކުރި "މަސްޖިދު ހަސަން އާދަމް" މިސްކިތް މިއަދު ހުޅުވައިފިއެވެ.

ނިރޮޅު މަގުގައި ބިނާކޮށްފައި ހުރި އެ މިސްކިތް މިއަދުގެ ހުކުރު ނަމާދަށް ހުޅުވައިދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ. މިއީ، 1،500 މީހުންގެ ޖާގައިގެ ބޮޑު އަދި ރީތި މިސްކިތެކެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިއަދު ހުޅުވި މިސްކިތް - ފޮޓޯ/ މިނިސްޓްރީ

މިސްކިތް ރަސްމީކޮށް ހުޅުވައިދެއްވުމަށް ފަހު ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ކުރިއަށް އޮތް ރޯދަ މަހާ ދިމާކޮށް ދެވަނަ ފިޔަވަހީގައި ދާއިމީ އިތުރު މިސްކިތެއް ހުޅުވިގެން ދިއުމަކީ އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ވަރަށް ބޮޑު ލުއިފަސޭހައެއް ލިބޭނެ ކަމެއް ކަމަށެވެ.

އަމިއްލަ ފަރާތަކުން ބިނާކުރި މި މިސްކިތުގެ އިތުރުން ވެސް އިތުރު ފަސް މިސްކިތެއް ދެވަނަ ފިޔަވަހީގައި އަންނަނީ ބިނާކުރަމުންނެވެ.

މި މިސްކިތުގެ އިތުރުން ދެވަނަ ފިޔަވަހީގައި ދެވަނަ ފިޔަވަހީގައި ހައުސިން ޑިވޮލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ)ން ވަނީ ރޯދަ މަހަށް ވަގުތީ އިތުރު މިސްކިތެއް ވެސް ބިނާކޮށްފައެވެ.

މީގެ ދެ އަހަރު ކުރިން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އެއް ދާއިމީ މިސްކިތް ވަނީ ހުޅުވައިފައެވެ. އެއީ، އަމިއްލަ ފަރާތަކުން އެޅި މިސްކިތެކެވެ. އެ މިސްކިތަކީ 1994 ވަނަ އަހަރު މަރުވި އަހުމަދު އަމީލް ޖަލީލްގެ ހަނދާނުގައި "މަސްޖިލު ޢަމީލް ޖަލީލް"ގެ ނަމުން ނަންދީގެން އޭނާގެ ދަރިން އިމާރާތް ކުރި މިސްކިތެކެވެ.

comment ކޮމެންޓް