މާލެ ގޮނޑުވުން، ސަބަބަކީ ކުނި އުކުމަށް ހުރި ދަތިތައް؟

މާލޭ މަގުތައް ކުނިން ފުރިފައި -- ސަން ފޮޓޯ

ރޯދައަށް ގެ ސާފު ކުރުމަށް ފަހު ކުނިތައް މަގުމައްޗަށް އަޅާ މިހާރު މުޅި މާލެ މި ވަނީ ގޮނޑު ވެފައެވެ. ގޭތެރޭ ހިފާގެންގުޅޭ ސާމާނާއި، ނުބައި ވަސް ދުވާ ޒާތުގެ އެއްޗެހިން ދުވާރާއި މުޅި މަގު ފުރިފައިވާއިރު، ހުރިހާ ކުންޏެއް މަގުމައްޗަށް އަޅަންވީ ސަބަބަކީ ކޮބައި ހެއްޔެވެ؟

މަގުމަތި ކުނިން ފުރިފައިވާ މަންޒަރުން މިހާރު ސޯޝަލް މީޑިއާ ވެސް ވަނީ ފުރިފައެވެ. އެގޮތުން މާލޭގައި އެންމެ ކާރުބާރު ބޮޑު "ބިޒީ" މަގުތައް ވެސް މިފަދައިން ކުނިން ފުރިފައި ވާތަން ފެނެއެވެ. މާފަންނު ދެކުނު ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ޓްވިޓާގައި ހިއްސާކޮށްފައިވާ ވީޑިއޯތަކަކުން ފެންނަ ގޮތުގައި ޗާންދަނީ މަގު ޖިންގަލްސް ގޯޅީގައި ފޮށިތަކާ ކޮތަޅުތައް އަދި ގޯނިތަކުގައި ކުނި ނެރެ ދުވާރު ވަނީ ފުރާލާފައެވެ.

މާފަންނު ޖަވާހިރު މަގުގައި ފިލާތަކާއި ފުޅިމަދު ފޮށިތަކެވެ. އިސްކަންދަރު ސްކޫލުގެ ފުރަގަހުން ބެދިފައި އޮންނަ މަގުގައި ވެސް ހުސް ކަރުދާސް ފޮށިތަކާއި ފުޅިމަދު ފޮށިތަކާއި ދަގަނޑުތައް އަދި ކޮތަޅުތަކެވެ. ކުރިން ގޭގައި ގެންގުޅުނު ބާ ސޯފާތަކާ ބޭނުންނުކުރާ ތެލިތަށިތަކާ ގޮދަޑިތައް ވެސް މިހާރު ހަމަ މަގުމަތީގައެވެ.

މާލޭގެ ހާލަތު ގޮނޑަކަށް ވެފައިވާއިރު، މިހާލަތަށް ދާން ޖެހުނު ސަބަބާމެދު ގިނަ ބަޔަކު ސުވާލު އުފައްދައެވެ. އެގޮތުން އެކަމާ ގުޅިގެން އެކަކު ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ހިޔާލެއްގައި ވަނީ، މާލޭ ގޮޑުވުމުގައި ކުނި އުކައިލަން އާންމު މީހާ އުފުލަންޖެހޭ ތަކުލީފު ވެސް ހިއްސާވާ ކަމަށެވެ.

"މަގުމައްޗަށް މީހުން ކުނިއަޅާ ސަބަބު އަހަރެމެން ދެނެގަންނަން އެބަ ޖެހޭ. މީގެން އެއްޗެއް އުކާލަން ބޭނުން ވަންޏާ އެ ކަމަށް އާންމު މީހެއް ޖީބުން 750 - 1000 ރުފިޔާއާ ދެމެދުގެ އަގެއް ޚަރަދުވޭ. އަދި ވެމްކޯގެ ޓްރަކެއް ގެނައުމަކީ މާ ބޮޑު އުނދަގުލެއް. އެކަމަށް ވެސް 350 - 500 ރުފިޔާއާ ދެމެދުގެ އަގެއް ހޭދަވޭ. ފަހަރެއްގައި މަގުމައްޗަށް މީހުން ކުނިއަޅާ ސަބަބަކީ މިއީ ކަމަށް ވެދާނެ،" އޭނާ ލިޔެފައިވެއެވެ.

ގެއަކުން ނެރުނު ބާ ސޯފާއެއް މަގުމަތީގައި -- ސަން ފޮޓޯ

އަމިއްލައަށް ލޮރީއެއްގައި ނުވަތަ ވެމްކޯގެ ޓްރަކުގައި ކުނި އުފުލުމަކީ ހަގީގަތުގައި ވެސް އާންމުންނަށް ވަރަށް ބޮޑު ގޮންޖެހުމެކެވެ. އެގޮތުން އާންމުން ވެހިކަލްތަކުގައި ގެންދާ ކުންޏަށް ފީގެ ގޮތުގައި 750 ރުފިޔާ ނަގައެވެ. ބައެއް މީހުން ސިފަކުރާ ގޮތުގައި މި ވަރަށް ފައިސާ ހޭދަކޮށްގެން ކުނި އުކުމުގެ މާލީ ތަނަވަސްކަން އެންމެ ކިބަޔަކު ނެތެވެ.

މީގެ އިތުރުން، ފުރަމާލެ ސަރަހައްދުގައި ކުނި އުކާލުމުގެ ޚިދުމަތް ފޯރުކޮށްދޭ ފެސިލިޓީތަކަށް އަންނަ އުޅަނދަކަށް ޚިދުމަތުގެ އަގެއް ގޮތުގައި ވެމްކޯގެ ސައިޓަށް ވަންނަ ކޮންމެ ފަހަރަކު 150 ރުފިޔާގެ ފީއެއް ވެސް ނަގައެވެ. މި ސަބަބާ ހުރެ ބައެއް މީހުން ވެމްކޯގެ ކުނި ސައިޓު ކައިރިއަށް ވެސް ކުނި ހުސްކުރެއެވެ.

މަގުމައްޗަށް ކުނި އުކަން މީހުންނަށް މަޖުބޫރު ވަނީ ކުނި އުކައިލަން އާންމު މީހާ އުފުލަންޖެހޭ ތަކުލީފުގެ ސަބަބުން ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

comment ކޮމެންޓް