ރަށްވެހިންނަށް އިސްކަން ދިނަސް، އެންމެންނަށް މާލެއިން ގެދޮރުގެ ފުރުސަތު ލިބޭނެ: ރައީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު -- ފޮޓޯ/ ރައީސް އޮފީސް

މާލޭ ސަރަހައްދުގައި ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ މާލޭގެ ރަށްވެހިންނަށް ގެދޮރު ޔަގީންކޮށްދޭން ކަމަށާއި އެކަމަކު، އެހެން ރަށްރަށުގެ މީހުންނަށް ވެސް މާލޭ ސަރަހައްދުން ބޯހިޔާވަހިކަމުގެ ފުރުސަތު ލިބޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

އާންމުންނަށް ރައީސާ ސުވާލުކުރެވޭ 'ރައީސްގެ ޖަވާބު' ސިލްސިލާގެ މިއަދުގެ ޕްރޮގްރާމްގައި ދ.މީދޫ، އާސްޓްރާ، ފަރިޔާޟް ޙުސައިން ވަނީ އަތޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް މާލެ ސަރަޙައްދުން ހިޔާވަހިކަން ލިބޭނެތޯ އައްސަވައިފައެވެ.

އެ ސުވާލަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، މާލޭ ސަރަހައްދުގައި ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގާނީ އެންމެހައި ރައްޔިތުންނަށް ވެސް އެ ކަމުގެ ފުރުސަތު ލިބޭނެ ފަދަ އުސޫލަކުން ކަަމަށެވެ. އެގޮތުން، މާލޭ ސަރަހައްދުން އަތޮޅުތެރޭގެ ރައްޔިތުންނަށް ވެސް ބޯހިޔާވަހިކަމުގެ ފުރުސަތު ލިބޭނެކަން ފާހަގަކުރައްވައި އެ މަނިކުފާނު ވިދާޅުވީ، އެކަމަކު ވެސް އެންމެ ބޮޑު އިސްކަމެއް ދޭނީ މާލޭ ސަރަހައްދުން މާލޭގެ ރަށްވެހިންނަށް ބޯހިޔާވަހިކަން ޔަގީންކޮށްދޭން ކަމަށެވެ.

"މާލޭ ސަރަހައްދުގައި ގާއިމުކުރަން މަސައްކަތްކުރާ ގެދޮރުވެރިކަމުގެ ޕްރޮޖެކްޓްތަކަކީ ހުރިހާ ރައްޔިތުންނަށް އޭގެ ފުރުސަތު ލިބިގެންދާނެ މަޝްރޫއުތަކެކޭ. އޭގައި މާލޭގެ ހުރިހާ ރައްޔިތުންނަށް ގެދޮރުވެރިކަން ބޭނުންވާ ހުރިހާ ރައްޔިތުންނަށް މާލޭ ސިޓީގެ ހުރިހާ ރައްޔިތުންނަށް ގެދޮރުވެރިކަން ކަށަވަރު ކޮށްދިނުން އެއީ އެންމެ ފުރަތަމަ ކަމަކީ،" އެ މަނިކުފާނު ވިދާޅުވިއެވެ.

"އެއީ، މާލޭގައި އެތައް އަހަރެއް އެންމެ ގިނަ ދުވަސްވީ މާލޭގެ ރައްޔިތުންނަށް ގެދޮރުވެރިކަން ޔަގީންކޮށްނުދެވި،"

ވެރިކަމަށް ވަޑައިގަތުމުގެ ކުރީގައި ރައީސް މުއިއްޒު ވަނީ ގިނަ ދުވަސްތަކެއް ވަންދެން ހައުސިން މިނިސްޓަރުކަން ކުރައްވައިފައެވެ. އެގޮތުން، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގައާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ވެސް އެ މަނިކުފާނު ހައުސިން މިނިސްޓަރުކަން ކުރެއްވިއެވެ. އެންމެ ފަހުން ހުންނެވީ މާލޭގެ މޭޔަރުކަމުގެ މަގާމުގައެވެ.

ރައީސް ވިދާޅުވީ، މާލޭ ސަރަހައްދުގައި ހިއްކެން ހުރި ބިންތައް ހިންގައިގެން ކުރިއަށް ގެންދާ މަޝްރޫއުތަކުން އެންމެ ބޮޑު އިސްކަމެއް ދެއްވާނީ މާލޭގެ ރަށްވެހިންނަށް ކަމަށެވެ. އެކަމަކު، މާލޭގެ ރަށްވެހިންނަށް ބޯހިޔާވަހިކަން ޔަގީންކޮށްދިނުމަށް ފަހު، އަތޮޅުތެރޭގެ މީހުންނަށް ވެސް މި ސަރަހައްދުން ގެދޮރުވެރިކަން ލިބޭނެ ފަހި ފުރުސަތު ހޯއްދަވައިދެއްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ޖުމުލަ ގޮތެއްގައި މުޅި ރާއްޖެއިން ވެސް އެންމެންނަށް ފަހިވާގޮތަށް ބޯހިޔާވަހިކަމުގެ ފުރުސަތުތައް ފަހިކޮށްދެއްވަން އެ މަނިކުފާނު ވައުދުވެލެއްވިއެވެ.

"މި ދައުރު ނިމޭއިރުގައި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ގެދޮރުވެރިކަމުގެ ދާއިމީ ޔަގީންކަން ލިބިގެންދާނެ،" ރައީސްގެ ރިޔާސީ ވައުދުފުޅު މިއަދު ވެސް ތަކުރާރުކުރެއްވިއެވެ.

މިއަދުގެ ޕްރޮގްރާމްގައި ސުވާލަށް ޖަވާބުދެއްވުމުގެ ކުރީގައި ރައީސް މުއިއްޒު ވަނީ މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގެ ތަހުނިޔާ އަރިސްކޮށްފައެވެ. އެގޮތުން، ހުރިހާ ކަނބަލުންނަށް އެ މަނިކުފާނު ވަނީ އަންހެނުންގެ ދުވަހުގެ ތަހުނިޔާ އަރިސްކުރައްވައިފައެވެ.

"އަޅުގަނޑުގެ ސިޔާސަތަކީ ކަނބަލުންނަކީ ބާރުވެރިކުރެވިފައިވާ ބަޔަކަށް ހަދައިދިނުން. އެ ކަމަށްޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް އެބަ ކުރިއަށް ގެންދަން،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް މިލަންދެއަތޮޅު ދެކުނުބުރިއަށާއި، މުލަކަތޮޅު އަދި ފެލިދެއަތޮޅުގެ ބައެއް ރަށްތަކާއި މާލެއަތޮޅު ދެ ރަށަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި މާލެ ވަޑައިގަތީ ރޭގެ ވަގުތެއްގައެވެ. މުޅި ރާއްޖޭގެ ހުރިހާ ރަށަކަށް މި އަހަރު ތެރޭ ޒިޔާރަތްކުރައްވާނެ ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ. އަދި، މި ރިޔާސީ ދައުރު ނިމުމުގެ ކުރީގައި ކޮންމެ ރަށަކަށް ދެ ފަހަރަށް ޒިޔާރަތްކުރުމަކީ އަމާޒެއް ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް