ރޯދައަށް ފަރުވާކުޑަކުރާ މީހާ އެކަމުގެ ދެރައާ ވަރަށް އަވަހަށް ކުރިމަތި ލާންޖެހިދާނެ: ޚުތުބާ

ނަމާދު ކުރަނީ -- ސަން ފޮޓޯ/ ނާއިލް ހުސައިން

ރޯދައަކީ ބުރަ ކަމަކަށް ނަހަދާ ރޯދައަށް ފަރުވާ ކުޑަ ނުކުރުމަށާއި، ރޯދައަށް ފަރުވާ ކުޑަކޮށްފި ނަމަ އެކަމުގެ ދެރައާ ވަރަށް އަވަހަށް ކުރިމަތިލާން ޖެހިދާނެ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

ރަމަޟާން މަހަށް އިސްތިގުބާލު ކުރުމުގެ މައްޗަށް މިއަދުކީ ހުކުރު ޚުތުބާގައި ބުނީ، ރޯދައަށް ފުރިހަމަ ގޮތުގައި ތައްޔާރުވުމަށް އެކަމާ ގުޅޭ މައުލޫމާތު އުނގެނި ދަސްކުރަން ޖެހޭކަމަށެވެ. އެގޮތުން ރޯދައިގެ އަދަބުތަކާއި ސުންނަތްތަކަކީ ކޮބައިކަމާ ރޯދަ ގެއްލޭ ކަންތައްތަކާ ރޯދައިގެ ސަވާބު އުނިކުރާ ކަންކަން ދެނެގަންނަން ޖެހޭނެ ކަމަށް ޚުތުބާގައި ބުންޏެވެ.

"ތަރާވީހު ނަމާދާއި، އިއުތިކާފަށް އިނުމާއި، ގުރުއާން ކިޔެވުން ގިނަ ކުރުމާއި، ޞަދަގާތް ކުރުން އިތުރުކުރުމާއި، ފިތުރު ޒަކަތް ދިނުން ފަދަ ރަމަޟާން މަހާ ގުޅިފައިވާ އަޅުކަންތައް ކުރުމުގައި ހިވާގިވާށެވެ،" ޚުތުބާގައި ބުންޏެވެ.

ޚުތުބާގައި ވަނީ ރޯދައިގެ ސުންނަތްތަކަށް އަލި އަޅުވާލައިފައެވެ. އެގޮތުން، އިރުއޮއްސުމުން ރޯދަވީއްލުން އަވަސް ކުރުމަށް އިރުޝާދު ދެއްވާ، ރަސޫލާ ހަދީސްކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ، "އިރުއޮއްސުމުން ރޯދަވީއްލުން އަވަސް ކުރާހާ ހިނދަކު މީސްތަކުން ހެޔޮކަންމަތި ފިލައިނުދަނެއެވެ،"

ރޯދައިގެ ސުންނަތްތަކުގެ ތެރޭގައި ކަދުރުން ރޯދަވީއްލުން ވެސް ވެއެވެ. އަދި، ހާރުކެއުން ހިމެނެއެވެ. ޚުތުބާގައި ބުނީ، ދީނީ ގޮތުން ބަލާއިރު ހާރު ނުކައި ރޯދައަށް ތިބުމަކީ ރަސޫލާގެ ސުންނަތަ ޚިލާފު ކަމެއް ކަމަށެވެ.

ރަސޫލާގެ ހަދީޘް ބަސްފުޅަކަށް އިޝާރާތް ކުރައްވާ ޚުތުބާގައި ބުނީ، އަހުލު ކިތާބީން ރޯދަ ހިފުމާ މުސްލިމުން ރޯދަ ހިފުމާ ދެމެދުގައިވާ އެއް ތަފާތަކީ މުސްލިމުން ރޯދަ ހިފުމައްޓަކާ ހާރު ކެއުން ކަމަށެވެ. ހާރު ކެއުން ވީހާވެސް ފަސް ކުރުމަކީ ވެސް ސުންނަތެކެވެ.

ރޯދައަށް ހުންނައިރު އަރާރުންވުމާއި، ދޮގުހެދުމާއި، ނެތިމޮށުމާއި، ދެބައޮޑުވުމާއި އާޑަފުރައްސާރަ ކުރުން ފަދަ އިސްލާމްދީން މަނާކުރާ ކަންކަމުން ދޫ ރައްކާތެރި ކުރުމަކީ ވެސް ވާޖިބު ކަމެއް ކަމަށް ޚުތުބާގައި ބުންޏެވެ.

"މިފަދަ ކަންކަން ކުރާ މީހާގެ ރޯދަ ބާތިލުނުވިއަސް އޭނާ ރޯދައަށް ހުރުމުން ލިބެން ޖެހޭ ފުރިހަމަ ދަރުމައާއި ސަވާބެއް ނުލިބޭނެއެވެ. ރޯދަވެރިޔާ ހަމައެކަނި ކެއިންބުއިން ދޫކޮށްލައިގެން ހުރުމަށް މާތްﷲ އެދިވޮޑިއެއް ނުގަންނަވައެވެ،" ޚުތުބާގައި ބުންޏެވެ.

އެހެންކަމުން މާތްﷲ އެދިވޮޑިގަންނަވާ މޭވާއާ ހަމައަށް ދެވޭނީ ރޯދަވެރިޔާއަށް ދެވޭނީ ހިތް ނިޔަން ޚާލިސްކޮށްގެން ކަމަށް ޚުތުބާގައި ބުންޏެވެ.

comment ކޮމެންޓް