ދުނިޔޭގެ އެންމެ ހޫނު ގަދަވީ ފެބްރުއަރީ މަހަކަށް މިދިޔަ ފެބްރުއަރީ

މިހާތަނަށް ހޫނުމިން އެންމެ މަތިވި ފެބްރުއަރީ މަހަކީ މިދިޔަ ފެބްރުއަރީ މަސް. ފޮޓޯ/ބީބީސީ

މިހާތަނަށް ހޫނުމިން އެންމެ މަތިވި ފެބްރުއަރީ މަހަކީ މިދިޔަ ފެބްރުއަރީ މަސް ކަމަށް ޔޫރަޕިއަން ޔޫނިއަންސް ކްލައިމެޓް މޮނިޓަރިން ސާވިސްއިން ބުނެފިއެވެ.

އެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި މިދިޔަ މަހު ފިނިހޫނުމިން އެހެން އަހަރުތަކުގެ ފެބުރުއަރީއާ އަޅައި ބެލިއިރު 1.77 ޑިގްރީ ސެލްސިއަސް މަތި ކަމަށާއި، މިދިޔަ މަހަކީ ފާއިތުވި އެއް އަހަރު ތެރޭގައި އެންމެ ހޫނުވި މަސް ކަމަށެވެ. މިއީ ދުނިޔޭގެ ހޫނުމިން ވިދިވިދިގެން މަތިވަމުން އަންނަތާ ނުވަ ވަނަ މަހެވެ.

އޭގެކުރިން ޖެނުއަރީ މަހަކީ ވެސް އަހަރުގެ އެންމެ ހޫނު ފުރަތަމަ މަސް ކަމަށް ރެކޯޑްކޮށްފައިވެއެވެ.

ސައިންސްވެރިން ބުނާގޮތުގައި މޫސުމީ ކަރިސާއެއް ކަމަށްވާ އެލް ނީނޯގެ އަސަރު އިކުއެޓޯރިއަލް ޕެސިފިކްގައި ބަލިކަށިވަމުން އައި ނަމަވެސް ކަނޑުގެ ވައިގެ ފިހިހޫނުމިން ވަނީ އަދަޔާހިލާފަށް މަތިވެފައެވެ.

ހޫނުމިން މަތިވުމުގެ އިތުރުން ދުނިޔޭގެ ފަރުތަކުގައި ހުރި ގާތައް ހުދުވުމުގެ މައްސަލަ ވެސް ފެންމަތިވެފައިވާ ކަމަށް ސައިންސްވެރިން މިދިޔަ ހަފުތާ ވަނީ ބުނެފައެވެ.

ސައިންސްވެރިން ބުނަމުން އަންނަނީ ހޫނުމިން އެންމެ ބޮޑަށް މަތިވަނީ އިންސާނުންގެ އަމަލުތަކާ ގުޅިގެން ކަމަށެވެ.

ހޫނުމިން މަތިވުމުގެ ސަބަބުން ބައެއް ގައުމުތަކުގައި ޖަންގަލިތަކުގައި ރޯވެ، އަލިފާނުގެ ބޮޑެތި އަލިފާނުގެ ހާދިސާތައް ގިނަވަމުން އަންނައިރު، ކާރިސާތަކުން ސަލާމަތްވާން ގައުމުތައް ވަނީ ނުކުޅެދިފައެވެ.

comment ކޮމެންޓް