ހަތަރު އަތޮޅަށް ކުރެއްވި ދަތުރުފުޅަށްފަހު ރައީސް މާލެ ވަޑައިގެންފި

ނިލަންދެއަތޮޅު ދެކުނުބުރިއަށާއި، މުލަކަތޮޅު އަދި ފެލިދެއަތޮޅުގެ ބައެއް ރަށްތަކާއި މާލެއަތޮޅު ދެރަށަކަށް ރައީސް ކުރެއްވި ދަތުރުފުޅުގެ ތެރެއިން --- ފޮޓޯ/ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިލަންދެއަތޮޅު ދެކުނުބުރިއަށާއި، މުލަކަތޮޅު އަދި ފެލިދެއަތޮޅުގެ ބައެއް ރަށްތަކާއި މާލެއަތޮޅު ދެރަށަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު މާލެ ވަޑައިގެންފިއެވެ.

ރައީސްގެ މި ދަތުރުފުޅުގައި އެ މަނިކުފާނު ވަނީ އެ ރަށްތަކާއި އަތޮޅުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާއި، ރައްޔިތުންގެ އެންމެ އެދޭ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ. އެގޮތުން މިހާތަނަށް ރައީސް މުއިއްޒު ވަނީ 145 ކައުންސިލަކާ ބައްދަލުކުރައްވާފައެވެ.

ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތް ކުރެއްވުމަށާއި، އަތޮޅުތަކާއި ރަށްތަކުގެ ލޯކަލް ކައުންސިލްތަކާ ބައްދަލުކުރެއްވުމަށް ރައީސް ޑރ. މުޢިއްޒު ފަށްޓަވައިގެން މިހާރު ކުރިޔަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގައި ރައްޔިތުންގެ ހާލުއަހުވާލު ބަައްލަވައި، ތަރައްގީގެ މަޝްރޫއުތައް ތަރުތީބުކުރާނެ ގޮތާމެދު ވެސް އެ މަނިކުފާނު މަޝްވަރާ ކުރައްވައެވެ.

ރައީސް މުޢިއްޒު ވިދާޅުވެފައިވަނީ އެ މަނިކުފާނުގެ އަމާޒަކީ މި ފަސް އަހަރުގެ ތެރޭގައި ރާއްޖޭގެ ކޮންމެ ރަށަކަށް ވެސް މަދުވެގެން ދެ ފަހަރު ޒިޔާރަތް ކުރެއްވުން ކަމަށެވެ.

ރައީސްގެ މި ދަތުރުފުޅުތަކުގައި އެ މަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެ ވަޑައިގެންނަވައެވެ.

comment ކޮމެންޓް