ވާހަކައިގައި "ދަތްދޮޅި ދުއްވައިލުން" ވިދާޅުވީ މަޖާޒީކޮށް: މިނިސްޓަރު

ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް--- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ 'ދަތްދޮޅު ދުއްވައިނުލައި ހުރެވިދާނެ"ބާއޭ ވިދާޅުވީ މަޖާޒީ ގޮތަކަށްކަމަށާއި އެއީ އަނިޔާއަށް ހިތްވަރު ދިނުމަށް ދެއްކެވި ވާހަކައެއް ނޫންކަމަށް ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު މިރޭ ވިދާޅުވެއްޖެއެވެ.

އިއްޔެ މ. ދިއްގަރުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރު ވަނީ މިހާރު މަޖިލީހުގައި ހިނގަމުން އަންނަ ކަންކަމުގެ ސަބަބުން، އޭނާ "މިއަދު އެތަނުގައި ހުރި ނަމަ، އެއިން މީހެއްގެ ދަތްދޮޅި ދުއްވައި ނުލައި ހުރެވޭނެބާއޭ،" ވިދާޅުވެ ސުވާލު އުފައްދަވައިފައެވެ.

މި ކަމާ ގުޅިގެން މަޖިލީހުން ނެރުނު ބަޔާނެއްގައިވަނީ އާދަމް ޝަރީފްގެ އެ ވާހަކަތަކަކީ މަޖިލީހުގެ މެމްބަރުންނަށް ހަމަލާދިނުމަށް ހިތްވަރު ލިބޭފަދަ ވާހަކަތަކެއްކަމަށެވެ.

https://sun.mv/189578

އެހެން ބުނެ އެ ވާހަކަތައް މަޖިލީހުންވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.

މި ބަޔާނާ ގުޅިގެން މިރޭ އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާ "ދަތްދޮޅި" ލަފްޒު ބޭނުންކުރެއްވީ އަނިޔާއަށް ހިތްވަރު ދެއްވުމަށް ނޫންކަމަށެވެ.

އެއީ އޭނާއާ ގުޅުވައިގެން "ކިޔާ އެއްޗަކަށްވާތީ މަޖާޒީކޮށް، މެޓަފޯއެއްގެ ގޮތުގައި ބޭނުންކުރެވުނު" އިބާރާތެއްގެ ގޮތުގައި އިއްޔެގެ އެ ވާހަކަ އޭނާ ސިފަކުރެއްވިއެވެ.

އަދި އެއީ އަނިޔާވެރިކަމަށް ގޮވައިލެވުނު ކަމެއްގެ ގޮތުގައި ވިސްނޭނަމަ އެ ކަމަށް މައާފަށް އެދިވަޑައިގަންނަވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރަށް ނިސްބަތްކޮށް އިދިކޮޅުން މީގެ ކުރިން ވެސް "ދަތްދޮޅި" ލަފްޒު އައީ ބޭނުންކުރަމުންނެވެ. އެއީ މިނިސްޓަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ދެއްކެވި ވާހަކައަކާ ގުޅިގެންނެވެ.

comment ކޮމެންޓް