އެސްޓީއޯއިން ރޯދަޔަށް ފިޔާ އަގުހެޔޮކޮށް، ވިއްކަން ފަށައިފި

ޕިކަޕެއްގެ މަތީގައި އަރުވާފައި ހުރި ފިޔާ ބަސްތާތަކެއް --

ކުރިއަށް އޮތް ރޯދަމަހަށް ފިޔާގެ އަގު ހެޔޮ ކޮށްފައިވާ ކަމަށް އެސްޓީއޯއިން މިއަދު ބުނެފިއެވެ.

މި ކަމާ ގުޅިގެން އެސްޓީއޯއިން ބުނީ ފިޔާ ކިލޯއެއް މިހާރު 17 ރުފިޔާއަށް ވިއްކަމުން އަންނަ ކަމަށެވެ. މީގެ ކުރިން ފިޔާ ކިލޯއެއް ވިއްކީ 20 ރުފިޔާއަށެވެ.

މީގެ އިތުރުން އެސްޓީއޯއިން ބުނީ، މީގެ ކުރިން 450 ރުފިޔާއަށް ވިއްކި ފިޔާ ބަސްތާއެއް މިހާރު 320 ރުފިޔާއަށް ލިބޭނެ ކަމަށެވެ.

ކުރިން ފަސް ބަސްތާ ފިޔާ ނަގާނަމަ ލިބެނީ ބަސްތާއެއް 400 ރުފިޔާއަށެވެ. އެހެން ނަމަވެސް ރޯދަ މަހަށް ފިޔާގެ އަގުހެޔޮ ކުރުމާއެކު މިހާރު 10 ބަސްތާ ފިޔާ ގަންނަ ނަމަ ބަސްތާއެއް 310 ރުފިޔާއަށް ލިބޭނެއެވެ. އަދި 20 ބަސްތާ ގަންނަ ނަމަ މިހާރު ބަސްތާއެއް 300 ރުފިޔާއަށް ލިބޭނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ފިޔާގެ އަގު ވަނީ އިންތިހާއަށް ބޮޑުވެފައެވެ. އެގޮތުން އޭރު ބަސްތާއެއް 500 ރުފިޔާއަށް ބައެއް ފިހާރަތަކުން އަގު ބޮޑުކުރިއިރު، ގިނަ ފިހާރަތަކުގައި ފިޔާ ބަސްތާއެއް ވިއްކީ 800 ރުފިޔާއާއި 900 ރުފިޔާއާ ދެމެދުގެ ބޮޑު އަގެއްގައެވެ.

comment ކޮމެންޓް