ރައީސްގެ ގެކޮޅުގައި އަގު ބޮޑު ކަރޯކޭ ސިސްޓަމެއް ނުބަހައްޓާ: ރައީސް އޮފީސް

ރައީސް ޑރ. މުޙައްމަދު މުއިއްޒާއި އަނބިކަނބަލުން ސާޖިދާ މުޙައްމަދު -- ފޮޓޯ/ ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅުގައި އަގުބޮޑު ކަރޯކޭ ސިސްޓަމެއް ބެހެއްޓިކަމަށް ސިޔާސީ ބައެއް ފަރާތްތަކުން ދައްކާ ވާހަކައަކީ ދޮގެއް ކަމަށް، ރައީސް އޮފީހުން މިއަދު ބުނެފިއެވެ.

ރައީސްގެ ގެކޮޅުގައި ދައުލަތުން ހަރަދުކޮށްގެން އަގުބޮޑު ކަރޯކޭ ސިސްޓަމެއް ބެހެއްޓިކަމަށް ބުނެ ސޯޝަލް މީޑިއާގައި ފޮޓޯތަކެއް ދަނީ ދައުރު ކުރަމުންނެވެ.

އެކަން ދޮގު ކުރައްވަމުން ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހީމް ޚަލީލް ވިދާޅުވީ މިއީ އެއްވެސް ދުވަސްވަރެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޢާއިލާއިން ގޭތެރޭގައި ކުރައްވާކަމެއް ވެސް ނޫން ކަމަށެވެ.

މިފަދަ ދޮގުވާހަކަތައް ފަތުރަން މަސައްކަތް ކުރާތަން ފެންނަނީ، ލިބުނު ފުރުސަތުގައި ދައުލަތުގެ ވަސީލަތްތަކާއި ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރުމަށްފަހު، އެފަދަ ބޮޑެތި ޚިޔާނާތްތައް ފޮރުވަން މަސައްކަތްކުރާ މީހުން ކަމަށް ޚަލީލް ވިދާޅުވިއެވެ.

"އަދި ފޭކް ފޮޓޯތައް މީޑިއާއަށް ނެރެ، މިފަދަ ދޮގު ތުހުމަތުތައް އަނެކުންގެ މައްޗަށް ކުރުމުގެ ބޭނުމަކީ މާޒީގައި އެ ފަރާތްތަކުން ކޮށްފައިވާ ނޭދެވޭ ކަންކަން ރައްޔިތުންގެ ހަނދާނަށް އަޔަނުދީ އެހެން ކަންކަމަށް ރައްޔިތުންގެ ފޯކަސް އަނބުރުވައިލުމަށް،" ޚަލީލު ވިދާޅުވިއެވެ.

comment ކޮމެންޓް