އަދުރޭ ނުސީދާކޮށް ވިދާޅުވީ ޔާމީން ރައްޔިތުންނަށް ޣައްދާރުވެއްޖެ ކަމަށް

ކުރީގެ ރައީސް ޔާމީނާ އެކު ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ: އަދުރޭ ވަނީ ނުސީދާ ގޮތެއްގައި ޔާމީނަށް ބަހުގެ ހަމަލާތަކެއް އަމާޒުކުރައްވާފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރީގެ ރައީސް އަބްދުﷲ ޔާމީން ހުންނެވީ ދިވެހި ރައްޔިތުންނަށް ޣައްދާރުވެފައި ކަމަށް ދޭހަވާ މޭރުމަކުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިއަދު ވާހަކަފުޅުދައްކައިފިއެވެ.

ރައީސް އަތޮޅުތެރެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު މ. މުލަކަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވަން ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވަނީ ނުސީދާ ގޮތެއްގައި ގިނަ ބަހުގެ ހަމަލާތަކެއް ޕީޕީއެމް/ޕީއެންސީގެ ކުރީގެ ލީޑަރު ޔާމީނަށް ރައްދު ކުރައްވައިފައެވެ. އޭނާ ޔާމީންގެ ނަން ވިދާޅުނުވިޔަސް އެ މަނިކުފާނު ދެއްކެވި ބައެއް ވާހަކަފުޅުތަކާއި ކަންކަމަށް އިޝާރާތްކުރެއްވިއެވެ.

އެގޮތުން، ޔާމީން މިހާރު އުފައްދަވަން އުޅުއްވާ ޕީޕަލްސް ނެޝަނަލް ފްރަންޓުގެ ޖަލްސާތަކުގައި އޯޑިއަންސްގައި އިންނަވައިގެން އެ މަނިކުފާނު ގެންދަވަނީ ޕޯޑިއަމްގައި ވާހަކަދައްކައި ބޭފުޅުންނާ ސުވާލު އަމާޒުކުރައްވަމުންނެވެ. އެ ކަމަށް އިޝާރާތްކުރައްވައި ވަކި ބޭފުޅެއްގެ ނަންފުޅު ވިދާޅުނުވެ، އަދުރޭ މިއަދު ވިދާޅުވީ، ފިތުނަ އުފައްދައިގެން ގައުމަށް ދެވެނީ އަނިޔާއެއް ކަމަށެވެ.

"ފިތުނަ ފަސާދަ އުފެއްދުމަށްޓަކައި ރޭގަނޑާއި ދުވާލު ޕޯޑިއަމްތައް ބަހައްޓައިގެން އޯޑިއަންސްގައި ތިބެގެން ސުވާލުކުރައްވާ ބޭފުޅުންނަށް އަޅުގަނޑު ދަންނަވައިލަން ބޭނުންވަނީ ތިޔަ ބޭފުޅުންނަށް ވެސް މި ގައުމަށް ޚިދުމަތްކުރެއްވުމުގެ ފުރުސަތު ރައްޔިތުން ދެއްވިއޭ،" ޔާމީންގެ ނަންފުޅު ވިދާޅުނުވެ އަދުރޭ ވިދާޅުވިއެވެ.

ރައީސް ޑރ. މުއިއްޒާ އެކު އެ މަނިކުފާނުގެ ހާއްސަ އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ: އަބްދުއްރަހީމް ވަނީ ޔާމީނަށް ފާޑުވިދާޅުވެފައި -- ސަން ފޮޓޯ/ މޫސާ ނަދީމް

އޭނާ ވިދާޅުވީ، އެ ބޭފުޅުންނަށް ރައްޔިތުންނަށް ޚިދުމަތްކުރައްވަން ލިބިވަޑައިގެން ފުރުސަތުގައި މިހާރު އެ ވިދާޅުވާ މޭރުމުން ކަންކަން ނުކުރައްވާ ކަމަށެވެ.

މި ސަރުކާރުން ވެރިކަން ކުރަނީ ރައްޔިތުންނަށް ލާބައާއި މަންފާވާގޮތަށް ކަމަށް ފާހަގަކުރައްވައި އަދުރޭ ވިދާޅުވީ، މި ސަރުކާރާ ދެކޮޅަށް ފިތުނަ ފަސާދަ އުފައްދަންކުރާ މަސައްކަތް ވާނީ ގައުމަށް ދެވޭ އަނިޔާއަކަށް ކަމަށެވެ. އަދި، "ދުލުގައި ހިފާ ދަންމަވަން ހައްދަވާނެ ކަމެއް ނެތް" ކަމަށް އޭނާ ވިދާޅުވިއެވެ.

"މި ކަހަލަ ޕޯޑިއަމެއްގައި ހުރެގެން އަޅުގަނޑަކަށް މާ ގިނަ ވާހަކައެއް ދެއްކޭކަށް ވެސް ނެތް، އެހެންނަމަވެސް ދައްކަން ލައްކަ ގިނަ ވާހަކަ އެބަހުރި،" އަދުރޭ ވިދާޅުވިއެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލައްގައްޔޫމާއި ޔާމީނާ ދެ ބޭފުޅުން ވެރިކަން ކުރެއްވިއިރު އެ ބޭފުޅުންނާ ވެސް ވަރަށް އަރިސްކޮށް ހުންނެވި އަދުރޭ މިއަދު ވިދާޅުވީ ވަރަށް ގިނަ ރައީސުން ވެރިކަން ކުރިގޮތް ދެކެފިން ކަމަށާއި އެ ވެރިން މަސައްކަތްކުރި ގޮތާއި ރައްޔިތުންގެ ވާހަކަ އަޑުއެއްސެވި މިންވަރު ވެސް އެނގިވަޑައިގަންނަވާ ކަމަށެވެ.

ފެބްރުއަރީ 1، 2019: އަދުރޭ، ޔާމީނާ އެކު: މި ވެރިކަން އައުމާ ހަމައަށް އަދުރޭއަކީ ޔާމީންގެ އެންމެ އަރިސް އެއް ބޭފުޅާ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"ތިހެން [ދުލަށް] ދެމި ވަރަކަށް އަޅުގަނޑުމެންނަށް ވެސް ތަންކޮޅެއް ގަދައަށް ވާހަކަދެއްކޭގޮތް ވެދާނޭ،" އޭނާ ވިދާޅުވިއެވެ.

"ކޮންމެ ކަމެއްގައި ވެސް އޮންނާނެ ހައްދެއް، އިމެއް. އެ ހައްދުން ނެއްޓިގެން އިމުން ބޭރަށް ދިޔައިމާ ދެން ކުރިމަތިވާނެ ކަންތައްތައް އަމިއްލަފުޅަށް އިހުސާސްނުކުރެވޭ ކަމަށްވަންޏާ އަޅުގަނޑު އެއަށް ދަންނަވާނެ އެއްޗެއް ނެތް،"

އެއަށް ފަހުގައި އަދުރޭ ވިދާޅުވީ އެ ބޭފުޅުން ތިއްބެވީ ރައީސް މުއިއްޒުގެ ވެރިކަން ދަމަހައްޓަން ކުރަންޖެހުނު ކޮންމެ މަސައްކަތެއް ކުރަން ސާބިތުކަމާ އެކީގައި ކަމަށެވެ.

އޭނާ ވިދާޅުވީ، ކޯފާވެ ވަޑައިގެން ޖެއްސުންކުރެއްވުން އެއީ އެއްވެސް ބޭފުޅަކު ކުރައްވައިގެންވާނެ ކަމެއް ނޫން ކަމަށެވެ. އަދި، ގައުމެއް ބިނާކުރުމަށް ސަރުކާރުން މަސައްކަތްކުރަމުންދާއިރު އެއާ އެމްބިއުލާންސް ތައާރަފުކުރީމާ ބައެއް ބޭފުޅުން "އެއާޕޯޓު ނެތް ރަށްރަށުން މީހުން ބަލިވީމާ ކިހިނެއް ހެއްޔޭ ހަދާނީ،" އައްސަވާ ކަމަށް ވިދާޅުވެ އަދުރޭ ވިދާޅުވީ އެގޮތަށް އައްސަވަނީ ސީޕްލޭން އެމްބިއުލާންސް ތައާރަފުކުރާނެކަން ވެސް އެނގިވަޑައިނުގަންނަވާތީ ކަމަށެވެ.

އެއާ އެމްބިއުލާންސާ ގުޅޭ ގޮތުން އެ މޭރުމުން ޔާމީން ވާހަކަފުޅުދެއްކެވީ ހޯމަ ދުވަހުގެ ރޭ ޕީއެންއެފްގެ ޖަލްސާއެއްގައެވެ.

https://sun.mv/189406

ޔާމީންގެ ނަން ވިދާޅުނުވެ، އަދުރޭ ވިދާޅުވީ އެއާ އެމްބިއުލާންސަށް ފާޑުވިދާޅުވާ ކަމަށްވަންޏާ އެ ފާޑު ވިދާޅުވެވެނީ ދިވެހި ރައްޔިތުންނަށް ކަމަށެވެ.

"ދިވެހީންގެ ވެރިކަން ދިވެހީންނަށް ކޮށްދޭން ބަޔަކު ނުކުތީމާ އެކަން ކުރާން ފެށީމާ އެއާ ދެކޮޅަށް ވަކާލާތުކުރަން އެއާ ދެކޮޅަށް ޖަދަލުކުރަން، އެއަށް ފާޑުކިޔަން ނުކުންނަ މީހާ ވާނީ ގައުމުގެ ދުޝްމިނަކަށް. ރައްޔިތުންގެ ޚާއިނަކަށް. އެއީ ކޮންމެ ބޭފުޅެއް ކަމަށްވިޔަސް،" ނުސީދާކޮށް ޔާމީނަށް ނިސްބަތްކުރައްވާ އަދުރޭ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ކުރިން ގައުމަށް ޚިދުމަތްކުރައްވަން ފުރުސަތު ލިބިވަޑައިގެންފައި ތިއްބެވި ބޭފުޅުން، އެ ބޭފުޅުންނަށް ލިބުނު ފުރުސަތުގައި ކޮށްދެއްވި ރަނގަޅު ކަންކަން ލޯތްބާ އެކު ބަލައިގަންނަ ކަމަށެވެ. އެކަމަކު، އެ ލޯތްބާއި އިޚުތިރާމު ދަމަހައްޓަވަން ބޭނުންފުޅުވާނަމަ ހަގީގަތް ގަބޫލުކުރައްވަން ޖެހޭނެ ކަމަށް އަދުރޭ ވިދާޅުވިއެވެ.

"މިއަދު ވެރިކަމުގައި ހުންނެވީ ޑރ. މުއިއްޒުކަން ގަބޫލުފުޅުކުރައްވަން އެބަޖެހޭ... އަބަދު ތިމާމެންގެ އަތުގައި ބާރު ނޯންނާނެކަން ގަބޫލުކަން އެބަޖެހޭ. މިއީ ފިތުރަތުގެ ގާނޫނުކަން ދަސްކުރަން އެބަޖެހޭ،" އަދުރޭ ވިދާޅުވިއެވެ.

ރައީސް ޔާމީން ގެކޮޅަށް ބަދަލުކުރި ދުވަހު ރައީސް މުއިއްޒާއި އަބްދުއްރަހީމް -- ސަން ފޮޓޯ/ މާހިލް އާތިފް

މި ސަރުކާރު އުފެދުނުތާ ހަފުތާއެއް ނުވަނީސް ޔާމީން ވަނީ ޕީޕީއެމް/ޕީއެންސީގެ ލީޑަރުކަމުން އިސްތިއުފާ ދެއްވައިފައެވެ.

އަދިވެސް 11 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ޔާމީނާއި ސަރުކާރާ ދެމެދު ހިޔާލުތަފާތުވުންތަކެއް އުފެދުނުކަން އެނގުނު ނަމަވެސް ޖެހުނު މައްސަލައެއް ސާފުކޮށް ޔާމީން ވިދާޅެއް ނުވެއެވެ. އެ މަނިކުފާނު ވިދާޅުވީ، އެ ވާހަކަ ތިލަކޮށް ވިދާޅުނުވެވެނީ ބަންދެއްގައި އަދިވެސް ހުންނެވުމުން ކަމަށެވެ.

މި ސަރުކާރުން ވެރިކަމަށް އަންނަން އެންމެ ބޮޑަށް ދެއްކެވި އެއް ވާހަކަފުޅަކީ ޔާމީނަށް ޑިސެމްބަރު 25، 2022 ގައި ދަށު ކޯޓުން އިއްވާފައި އޮތް ޖަލު ހުކުމަކީ ނުހައްގު ހުކުމެއް ކަމެވެ. އަދި، އެ މަނިކުފާނު މިނިވަންކޮށްދެއްވުމަކީ އެންމެ އިސްކަމެއް ދެއްވާނެ ވައުދުފުޅު ކަމަށް ރިޔާސީ ކެމްޕޭން ތެރޭގައި ރައީސް މުއިއްޒު ތަކުރާރުކޮށް ކޮންމެ ރަށެއްގައިހެން ވިދާޅުވިއެވެ.

comment ކޮމެންޓް