"މައާލްއަށް ކިހިނެއް އެނގުނީ؟" އޭނާއަށް ބުނެވުނެވެ.

“އެހެންވީމަ އެބަހުއްޓެއްނު." ހިނިގަނޑެއް ޖަހާލާފައި މައާލް ބުނެލިއެވެ.

"އެބަހުރި ވަރަށް ވަރަށް ކިއުޓް ފޮޓޯތައް. އެކަމަކު މާލްއަށް އެނގުނީ ކިހިނެއް؟" ރާދިން ހުރީ އެކަން މައާލްއަށް އެނގުނު ގޮތެއް އެނގެން ކެތް މަދުވެފައެވެ. ރާދިންގެ މޫނުމަތިން ފެނުނު ބޭޤަރާރުވެފައިވާ އަސަރުތަކާއެކު, މައާލް އެ ވާހަކަ ރާދިންއާ ހިއްސާކުރިއެވެ.

"އެ ދުވަހު ފޮޓޯތަށް ފެނުނީމަ ހިތަށް އެރީ ރާދިން އޭރުވެސް އަހަންނާ މެދު ވިސްނައޭ. އަހަންނާ މެދު ރާދިންގެ ހިތުގައި އިޙްސާސްތަކެއް ނުވާނަމަ، އަހަރެންގެ ފޮޓޯ އެގޮތަށް ފޮރުވާފައި ބެހެއްޓުމުގެ ބޭނުމަކީ ކޮބައިބާއޭ؟ ރާދިންގެ ހިތުގައި އަހަންނާ މެދު ވާ ލޯބީގައި އެއްވެސް އުނިކަމެއް ނެތްކަން އަހަންނަށް އެ ދުވަހު އިޙްސާސްވި." މައާލް ރާދިންގެ އިސްތަށިގަނޑުގައި އަތް ހިންގާލިއެވެ. އެކަމުން ރާދިންއަށް އަރާމުވުމާއެކު، ލޯ މަރާލިއެވެ. އެ މަންޒަރު ބަލަން އިން މައާލް، ރާދިންގެ އިސްތަށިގަނޑު ހާވާލިއެވެ. ލޯ މަރާލައިގެން އޮތް ރާދިން ކުއްލިއަކަށް ލޯ ހުޅުވާލުމާއެކު، މައާލްގެ އަތުގައި ހިފެއްޓިއެވެ. އެއަށްފަހު، އޭނާ މައާލްގެ އިސްތަށުގަނޑު ހާވާލަން މަސައްކަތް ކުރިއެވެ.

"ހާދަ ދިގުވެއްޖެޔޭ…" ރާދިންއަށް ބުނެވުނެވެ.

"ކޮށާލަންވީ ދޯ… ރާދިންއަށް ރީތީ އިސްތަށިގަނޑު ކިހިނެއް އޮތީމަ؟" މައާލް ސުވާލުކޮށްލިއެވެ.

"ކޮންމެ ގޮތަކަށް އޮތަސް. އަހަންނަށް މާލް ރީތވާނެ. މާލްއަށް ވުރެ އަހަންނަށް ރީތިވާނެ އަންހެން ކުއްޖަކު މިދުނިޔެއަކު ނުހުންނާނެ. ތި ބޮލުގައި އިސްތަށި ނެތަސް ޔޫ ވިލް އޯލްވޭސް ބީ ދި މޯސްޓް ބިއުޓިފުލް ވުމެން ފޯ މީ." ރާދިންގެ އެ ބަސްތަކުން މައާލް ގެ ތުންފަތް މައްޗަށް ލަދުވެތި ހިނިތުންވުމެއް ވެރިވިއެެވެ.

"އެހެންވިއްޔާ ބޯ ބާލާނީ…" މައާލް ސަމާސާކޮށްލިއެވެ.

"އޯކޭ…" މައާލް ބުނާ އެއްޗެއް ބަަލަން، ރާދިން ވެސް ދޫދޭކަށް ބޭނުމެއް ނުވިއެވެ.

"އަސްލު؟" ކުޑަކޮށް ދެލޯ ބޮޑުކޮށްލާފައި މައާލް އަހާލިއެވެ.

"ނޫން…" ހީނގަންނަމުން ރާދިން މައާލްއާ ސަމާސާ ކުރަން ފެށިއެވެ. މައާލްގެ ހުނުމުގެ އަޑު އިވޭ ކޮންމެ ފަހަރަކު ރާދިންއަށް ވެސް ހެވެއެވެ. އެގޮތުގައި ދެމީހުން އެތައް އިރަކު ނުނިދާ ތިއްބެވެ.

***

ޖެހިގެން އައި ދުވަހު އަނޫފް ގުޅާފައި ނަސީފްމެން އެންމެންނާއެކު، ކޮފީއަކަށް ދިޔުމަށް އެދުމުން ރާދިން ބިޒީކޮށް އުޅެމުން ވެސް ވަގުތުކޮޅެއް ހުސްކޮށްލައިގެން އެމީހުންނާއެކު ދިޔައީ ހަވީރު ވިޔަފާރިކޮށް ނިންމާލާފައި މައާލް ގެނެސް ގެއަށް ލާފައެވެ. ކޮފީގައި ތިބެފައި ރާދިން، ވިޝާމް އޭނާ ގާތުން މާފަށް އެދުނު ވާހަކަ ހާމަކޮށްލުމަށްފަހު، އެއީ ސަޖާގެ ރޭވުމެއްކަން އެންމެންނަށް ކިޔައިދިނެވެ.

"ދެން ކަލޭ މާފުކުރީތަ؟" ނަސީފްއަށް ސުވާލުކޮށްލެވުނެވެ.

"އަހަރެން ކިހިނެއް އޭނާއަށް މާފުކުރާނީ؟ އެ ހާދިސާ ހިތަށް އަރާ ކޮންމެ ފަހަރަކު އަހަރެންގެ ގާތަށް ރުޅި އާދޭ. މާފު ދޭކަށް އަދި އަހަރެން ރެޑީއެއް ނޫން..... ދެން ނޭނގެ، ކޮންމެވެސް ދުވަހަކުން ދެވިދާނެ ކަންނޭނގެ." ރާދިން ބުންޏެވެ.

"އޭނަ އުޅުނު ވަރަށް ދެރަވެގެން." އަނޫފްވެސް އިތުރުކޮށްލިއެވެ.

"އަސްލު އޭނަ އެކުރީ ވަރަށް ކަޑަކަމެއް. ތި ވާހަކައެއް ނޫނޭ! މަށަށް ކުރިން ދުވަހު ރައްޔާ ފެނުނީމަ ހައި ޖަހާލީމަ އަޅާވެސް ނުލި." އެތަނުގައި އިން ލީވާން ބުނެލިއެވެ. އަނޫފް ރާދިންއަށް ބަލާލުމަށްފަހު، ވާހަކަ ދެއްކިއެވެ.

"އައި އެމް ނޮޓް ވިތް ހާރ އެނީމޯރ.." އަނޫފްގެ އެ ޖަވާބުން އެންމެންނަށް ޝޮކެއް ލިބިގެން ދިޔައެވެ.

"އަނުއްޕެ ކަލޭ ކޮން އިރަކު؟" ހައިރާންކަމާއެކު، ނަސީފްއަށާއި ޒިޔާދަށްވެސް ބުނެވުނެވެ.

"މަށަށް އަޑު މި އިވުނީ ރަނގަޅަށްތަ؟" ލީވާން އަށްވެސް ބުނެވުނެވެ.

"އާނ…" އަނޫފް ކުރު ޖަވާބެއް ދިނެވެ.

"ކިހިނެއްވީ އަނެއްކާ؟" ނަސީފްއަށް ސުވާލުކޮށްލެވުނެވެ.

"އެވާހަކަ ދައްކާކަށް ބޭނުމެއް ނޫން. ބުންން އޮތްހާވެސް އެއްޗަކީ އަހަރެމެން ދެމީހުން ވަކިވުމުގައި އަހަރެންގެ ކުށެއް އޭނާއަކަށް ނުދެއްކޭނެޔޭ." އަނޫފްގެ އެ ޖަވާބުން، އަނޫފް އެ މައުޞޫއަށް އެހާ ބޮޑަށް ވާހަކަ ދައްކަން ބޭނުންނުވާކަން އެންމެންނަށްވެސް އެނގުނެވެ. މަޣްރިބު ނަމާދަށް ބަންގި ގޮވީވެސް އެ އެންމެން އެފަދަ ވާހަކަތަކެއްގައި ތިއްބައެވެ.

"އަހަރެން ދަނީ އިނގޭ…" ތެދުވަމުން ރާދިން ބުނެލިއެވެ.

"ހާދަ އަވަހަކަށް." ޒިޔާދު ރާދިންއަށް ބަލާލިއެވެ.

"ބަންގި ގޮވީއޭ… މަ މިދަނީ މިސްކިތަށް އަރާލަންވެގެން." ރާދިންގެ އެ ޖަވާބުން އެންމެންނަށްވެސް ހައިރާންކަމެއް ލިބުނެވެ. ރާދިންއަކީ މީގެ ކުރިން ނަމާދަށް އެހާ ފަރުވާތެރިވި ޒުވާނެއް ނޫންކަން އެމީހުން އެންމެންނަށް އެނގެއެވެ.

"ހިނގާ! މަވެސް ދާނަން." އަނޫފް ވެސް ތެދުވިއެވެ. އެ ދެމީހުން ތެދުވުމާއެކު އެހެން އެންމެންވެސް ތެދުވިއެވެ.

"ކަލޭއަށް ތިހާ ބޮޑު ބަދަލެއް އަންނަން މެދުވެރިވި ސަބަބަކީ މައާލްކަން އަހަރެމެން އެންމެންނަށްވެސް އެނގޭ. ކުރީގެ ކަންތައްތަކަށް މާފަށް އެދެން އަހަރެމެން ވެސް ބޭނުން. ތިގެއަށް ގޮސް މައާލްއަށް އުނދަގޫ އަހަރެމެންނަށްވެސް ކުރެވުނު ދޯ." ނަސީފް ބުނެލިއެވެ. އެއަށް ރާދިން މާ ބޮޑު ޖަވާބެއް ނުދިނެވެ. އޭނާ ހަމަ އެކަނި ހިނިތުންވުމަކުން ފުއްދާލީއެވެ.

***

ބަންގި ގޮވީ ސާދާއާއި މައާލްއާ ދެމީހުން ކޮފީއެއް ހިފައިގެން ގޮސް ގޭގެ ބިއްދޮށުގައި އޮންނަ ޕޫލް އޭރިޔާގައި ތިއްބައެވެ. އެކިއެކި ވާހަކަތައް ދައްކަމުން ދެ އެކުވެރިން އުފާވެރި ވަގުތުކޮޅެއް ހޭދަކުރިއެވެ. ސާދާ އައީ ރާދިން ދިޔަތަނާ ހެންނެވެ. މައާލް ސާދާއާ ހުރިހާ ވާހަކައެއް ހިއްސާކޮށްފައި އޭނާ ޒުހުރީމެން ރަށަށް ދާން އުޅޭ ވާހަކަ ބުނުމުން، މައާލްއަށްޓަކާ ސާދާވެސް ވަރަށް އުފާވިއެވެ.

"ބަންގި ގޮވީ ދޯ… ޑްރައިވަރަށް ގުޅާލާނަން ބަލާ އަންނަން." ސާދާ އެހެން ބުނެލާފައި ޑްރައިވަރަށް ގުޅާލިއެވެ. ގެއަށް ވަނުމަށްފަހު، ކޮފީ ޖޯޑުތައް ދޮވެލާފައި އެމީހުން ނުކުތީ ބޮޑުކޮޓަރިއަށެވެ. ލަސްވާން ފެށުމުން ސާދާ އަނެއްކާވެސް ޑްރައިވަރަށް ގުޅާލިއެވެ. ޑްރައިވަރު ބުނީ ޓްރެފިކް ބޮޑުކަމުން ލަސްވަނީކަމުގައެވެ. އޭގެ ދިހަވަރަކަށް މިނެޓް ފަހުން ޑްރައިވަރު އައިސް ސާދާއަށް ގުޅާލިއެވެ.

އޭނާ ނުކުންނަން ދިޔައިރު، ރާދިން ވަދެގެން އާދެއެވެ. ރާދިން ފެނުމާއެކު، ސާދާ ހިނިތުންވެލާފައި އެއްޗެއް ބުނަން އުޅުނު ނަމަވެސް އެ ފުރުސަތު އޭނާއަށް ނުލިބުނީ ފޯނު ރިންގް ވުމާއެކުގައެވެ. ގުޅަނީ މަންމަކަމުން އޭނާ ފޯނަށް ޖަވާބުދެމުން ކަންފަތުގައި ޖައްސާލިއެވެ. ރާދިން ވެސް ހުރީ ސާދާއަށް ގޮވާލަން ބޭނުންވެފައި ނަމަވެސް، އޭނާ ވެސް ސާދާ ފޯނު ކަންފަތުގައި ޖެހުމުން އަޅާ ނުލީއެވެ. ދަބަހުގެ ޒިބު ނޭޅުވި ހުރުމުން އޭނާ އެކަން ކުރުމަށް ފޯނު ކޮނޑާ ކަންފަތާ ދެމެދު ހައްޔަރުކޮށްލައިގެން ހުރެ ހިނގައިގަތްއިރު، ރާދިންގެ ފަހަތުން އައި އަނޫފް ސާދާގެ ލޮލުގައި އަޅައެއް ނުގަތެވެ. އަނޫފްވެސް ހުރީ ފޯނަށް ނަޒަރު ހުއްޓާލައިގެންކަމުން އޭނާއަށް ވެސް ކުރިމަތިން އަންނަމުން ދިޔަ މީހާއަށް މާ ބޮޑު ސަމާލުކަމެއް ނުދެވުނެވެ. ހިނގާފައި އައި އަނޫފްގެ ގައިގައި ސާދާ އަޅައިގަތުމާއެކު، ފޯނުވެސް އޭނާގެ އަތުން ދޫވެގެން ވެއްޓުނެވެ. ބެލެންސް ކަޓާ ކޮންޓްރޯލް ނުކުރެވުމާއެކު، ސާދާ އަރި އަޅާލާ ގޮތްވިއެވެ. އެއާއެކު އޭނާގެ އަނގައިން ބާރު ހަޅޭކެއްގެ އަޑު ނުކުތެވެ. ފަސް އެނބުރި ރާދިންއަށްވެސް އެ ދިމާލަށް ބަލާލެވުނެވެ. އަނޫފްއަށް ސިހުން ލިބުނު ނަމަވެސް، އޭނާ ހުށިއާރުކަމާއެކު، ސާދާގެ އުނަގަނޑުގައި ހިފައްޓާލިއެވެ. ވެއްޓިދާނެކަމުގެ ބިރަށް ދެލޯ މަރާ ތަގުޅިކޮށްލައިގެން އޮތް ސާދާއަށް ދެލޯ ހުޅުވާލެވުނީ ބާރުގަދަ އަތަކުން އޭނާއަށް ހިމާޔަތް ދިން އިޙްސާސް ކުރެވުމާއެކުގައެވެ. އެއާއެކު ލޮލުގައި ފުރަތަމަވެސް އަޅައިގަތީ އޭނާއާ ދިމާލަށް ކުޑަކޮށް ގުދުވެލައިގެން އުނަގަނޑުގައި ހިފައްޓައިގެން ހުރި އަނޫފްއެވެ. ސާދާއާ ހަތަރުކަޅި ހަމަވުމާއެކު، އަނޫފްގެ ހިތުގައި ވިންދެއް ހޭލިފަދަ އިޙްސާސްއެއް އޭނާއަށް ކުރެވުނެވެ. ދެވަނަ ފަހަރަށް ވެސް ސާދާއަށް ހަޅޭއްލަވައިގަނެވުނެވެ. ބިރަކުން ނޫނެވެ. އެހެންނަމަވެސް އެހާ ކައިރިން ނުވެސް ދަންނަ ޒުވާނެއްގެ ސޫރަ ފެނުމުން އޭނާއަށް އެވަގުތު ކުރާނެ ކަމެއް ނޭނގުމުން ސިކުނޑި ދިން އެންމެ ފުރަތަމަ ސިގްނަލާއެކު އެގޮތަށް އަމަލުކުރީއެވެ.

އިވުނު ތޫލި އަޑާއެކު އަނޫފް ދިޔައީ ސިއްސައިގެންނެވެ. އޭނާ މަސައްކަތްކުރީ ވީހާވެސް އަވަހަކަށް ސާދާ ތިރީގައި ބަހައްޓަން ނަމަވެސް، ސަދާ ތެޅިގަތް ގޮތުން އަނޫފްއަށް ސާދާގެ ގައިން ދޫކޮށްލެވުނެވެ. ވެއްޓެން ދިޔަ ސާދާއަށް ހިފުނީ އަނޫފްގެ ގަމީހުގައެވެ. އެއާއެކު ސާދާއާއެކު އަނޫފްވެސް އަރިއަޅާލިއެވެ. އަނޫފް ވެއްޓުނީ ސާދާގެ ގައި މައްޗަށެވެ.

"ކިހިނެއްވީ؟ ސާދާ…"ސާދާގެ އަޑަށް އެ ދިމާލަށް އައި މައާލްއަށް މަންޒަރު ފެނުނުއިރު ސާދާއާއި އަނޫފްއާ ދެމީހުން އޮތީ ބިންމަތީގައެވެ. އެ މަންޒަރު ރީތިކޮށް ފެނުނު ރާދިންއަށް އޭނާގެ ހިނިގަނޑު މަތަނުކުރެވި ބާރަށް ހީނގަނެވިއްޖެއެވެ.

"ރާދިން! ހޭން ވޭތަ؟" މައާލްއަށް އެހެން ބުނެވުނުއިރު، އޭނާގެ ތުންފަތް މަތީގައިވެސް ލުއި ހިނިތުންވުމެއް ވެއެވެ.

"އައްދޯތް.." ސާދާއަށް ބުނެވުނެވެ. އަނޫފް އަވަސް އަވަހަށް ތެދުވިއެވެ. މައާލްއަށް ސާދާއަށް ތެދުވަން އެހީތެރިވެދިނެވެ.

"ތަނަކަށް ތަދުވިތަ؟" މައާލްގެ އަޑުގައި ކޮންމެވެސް ވަރެއްގެ ހާސްކަމެއް ވެސް ވެއެވެ.

"އުނަގަނޑު! އައްދޯތް…" އުނަގަނޑުގައި އަތް ވިއްދާލަމުން، ސާދާއަށް ބަލާލެވުނީ އަނޫފްއަށެވެ. ސާދާ ބަލާލުމާއެކު ބޯ ކަހާލުމަށްފަހު، އަނޫފް މާފަށް އެދުނީ ސާދާގެ އެ ނަޒަރާއެކު ބުނާނެ އިތުރު އެއްޗެއް ނޭނގުމުންނެވެ.

"އިޓްްސް އޯކޭ…" ސާދާ ބުނެލިއެވެ.

"ވަރަށް ތަދުވިތަ؟" އަނޫފް ސުވާލުކޮށްލުމާއެކު، ސާދާ އާއެކޭ ބުނެލީ ހަޤީގަތުގައިވެސް އޭނާއަށް ތަދުވެފައި ހުރުމުންނެވެ. ވެއްޓުނު ފޯނާ މެދު އޭނާއަށް ވިސްނައިލެވުނީ ދެނެވެ. ބަލާލިއިރު ރާދިން ހުރީ އޭނާގެ ފޯނު ނަގައިގެންނެވެ.

"އިޓްސް ޑެޑް…" ސާދާއާށް ފޯނު ދައްކާލަމުން ރާދިން ބުނެލިއެވެ.

"އޯހް ނޯ… އަސްލުތަ؟" އެހެން ބުނެލާފައި ސާދާ ގޮސް ރާދިން އަތުން ފޯނު އަތުލިއެވެ. ފޯނެއް ނުހުޅުވެއެވެ. އޭގެ ޑިސްޕްލޭވެސް އޮތީ ތެޅިފައެވެ.

"އަޅެ… އެކީ ހަލާކުވީ…" ސާދާއަށް ބުނެވުނެވެ. ފޯނު ހަލާކުވުމުން ސާދާ ވަރަށް ދެރަވިއެވެ.

"އައި އެމް ސޮރީ…" އަނޫފްއަށް އަނެއްކާވެސް ބުނެވުނެވެ.

"އިޓްސް އޯކޭ…" ސާދާ އެހެން ބުނެލާފައި މައާލްގެ ގައިގައި ބައްދާލާފައި އެގެއިން ނުކުންނަން ދިޔުމުން މައާލްވެސް ސާދާއާއެކު، ނުކުމެގެން ކާރާ ހިސާބަށް ދިޔައެވެ.

"ވަރަށް ތަދުވާނެ އަސްލު ވެއްޓުނު ގޮތުން" ރާދިން އަނޫފްއަށް ބަލާލަމުން ބުނެލިއެވެ.

"އަޅެ މަ އުޅުނީ އެ މަންޖެ ސަލާމަތް ކޮށްދޭން. އޭނަ ކާލާކަށް ނޫން ވިއްޔަ. ކަންފަތްވެސް ހީވަނީ ބަށްވެއްޖެހެން. އެ ނޫންވަރަކަށް ނޫނޭ އެ ހަޅޭއްލަވައިގަތީ… އެއީ މަގޭ މައްސަލައެއް ނޫން. އޭނަޔާހެދި ވެއްޓުނީ..." އެ މީހުން ވެއްޓުނު މަންޒަރު ލޮލުގެ ކުރިމައްޗަށް ސިފަވި އަނޫފްއަށް ހެވުނު ނަމަވެސް، އޭނާ ވާހަަކަ ދެއްކީ އެ ކަން ފޮރުވުމަށެވެ.

"ސާދާ…" މައާލް އެ އަންހެން ކުއްޖާއަށް ކިޔާލި ނަން ވައިއަޑުން އަނޫފް ކިޔާލިއެވެ. އޭނާއަށް ފުރަތަމަ ނަޒަރުންވެސް އެ އަންހެން ކުއްޖާއާ ޚާއްސަ ނަޒަރަކުން ދެކެވެން ފެށުނެވެ.

"ކީކޭ؟" އެނޫފް ބުނި އެއްޗެއް ނޭނގި ރާދިންއަށް ސުވާލުކޮށްލެވުނެވެ.

"އެއްޗެކޭ ނޫން…" ރާދިންއަށް ބަލާލަމުން އަނޫފް ބުނެލިއެވެ. އެމީހުން އެތަނުގައި ތިއްބާ މައާލް އައިސް އެތެރެއަށް ވަނެވެ.

"ޓީވީގެ ނަރު މައްސަލަ ޖެހިފަ އިނމަ ވެފައި އިން ގޮތެއް ބަލާލަންވެގެން އަނޫފް ގޮވައިގެން މިއައީ." ރާދިން ބުނެލިއެވެ.

"އަނޫފްއަށް އެނގޭތަ އެކަހަލަ ކަންތައް ކުރަން؟" މައާލް ސުވާލުކޮށްލީ ހިނިތުންވެލާފައެވެ.

"ވަރަށް މޮޅުވާނެ. ޕްރޮފެޝަނަލަކަށް ދޫނުކުރާނެ!" ރާދިން އަނޫފްގެ ކޮނޑުގައި ޖަހާލިއެވެ. މައާލް އޭނާ ނަމާދުކޮށްލައިގެން އެބަ އަންނަން ކަމަށްބުނެ ކޮޓަރިއާ ދިމާލަށް މިސްރާބުޖެހިއެވެ.

މައާލް ދިޔުމުން ރާދިން އަނޫފް ގޮވައގެން ގޮސް ހަލާކުވެފައި އިން ނަރު ދައްކާލިއެވެ. އެ މަސައްކަތްކޮށްފައި އަނޫފް ދޔުމުން ރާދިން ދިޔައީ ކޮޓަރިއަށެވެ. އޭރު މައާލް އިނީ ސޯފާގައެވެ.

އިޝާނަމާދަށް ގޮވުމުން ނަމާދު ކޮށްގެން ދަބަހާ އެއްޗެހި ތައްޔާރުކޮށްފައި، ދެމީހުން ވެސް އަވަހަށް ނިދީ ހެނދުނު ފުރުން ހަމަޖެހިފައިވާތީއެވެ.

ފަތިސް ނަމާދަށް ހޭލާފައި، ނަމާދުކޮށްގެން ނިދުމުގެ ބަދަލުގައި ރާދިންއާ މައާލްއާ ދެމީހުން ނުކުމެލީ ބަގީޗާއަށެވެ. ހިނގަމުން ހިނގަމުން ގޮސް ޕޫލް ކައިރިއަށް އާދެވުމާއެކު، ރާދިން މައާލްއަށް ބަލާލީ ފުން ނަޒަރަކުންނެވެ. އޭނާ މައާލްގެ ކަންފަތް ދޮށުގައި، ލާނެތް ޖުމްލައެއް ބުނެލުމާއެކު، މައާލްގެ މޫނު ލަދުން ރަތްވިއެވެ. އެ ކޯތާފަތަށް ޖަންބުކުލައެއް ވެރިވެ އިސްޖަހާލެވުނެވެ. އެ ހިނދު އޭނާގެ ހަނދާނަށް ރާދިންއާއެކު ޕޫލުތެރޭގައި ހޭދަކުރެވުނު ވަގުތުކޮޅު އަންނަން ފެށިއެވެ.

"ޕޫލަށް އެރޭނަންތަ؟" މައާލްއަށް ވަމުން ދިޔަ ގޮތުން މަޖާވެ ހުރެ ރާދިން ބުނެލިއެވެ. އެއާއެކު މައާލް ނޫނެކޭ ބުނެލާ ދެއަތް މޭގައި ހުރަސްކޮށްލިއެވެ. ފަތިހުގެ ފިނިކަން މުޅި ފަޒާފައި ފެތުރިފައިވާއިރު، އިރުއިރުކޮޅަކާ ޖެހިލާ ލުއި ވައިރޯޅިތަކުންވެސް ގައިން ހީބިހި ނަގައިގެން ދެއެވެ.

"ފިނިވަނީތަ؟" ރާދިން މައާލް ގެނެސް އޭނާގެ ގަޔާކައިރިކޮށްލަމުން މައާލްގެ އުނަގަނޑުގައި ހިފައްޓާލިއެވެ. ދެމީހުން ގޮސް މަޑުކޮށްލީ ޕޫލު ކައިރީގައެވެ.

"އަހަރެން އެކަމަކު ވަރަށް ޕޫލަށް އެރޭ ހިތްވޭ އެބަ." ރާދިން މައާލްއަށް ބަލާލަމުން ކުޑަ ގޯނާއެއް ކޮށްލިއެވެ.

"ނޫން. މިއަދަކު ނޫން. ހާދަ ފިންޏޭ…" މައާލްއަށް ބުނެވުނެވެ.

"ލަވް ޔޫ…" މައާލްގެ ކަންފަތް ދޮށުގައި ރާދިން ބުނެލިއެވެ. އެއީ އޭނާގެ އާދައެވެ. އެ ދެމީހުން އެކަނިވާ ކޮންމެ ފަހަރަކު ރާދިން ދިޔައީ އޭނާ މައާލް ދެކެ ލޯބިވާ ވަރު ބަހާއި އަމަލުން ދައްކަމުންނެވެ. އޭނާ ދިޔައީ އަމިއްލަ ނަފްސަށް ވެފައިވާ ވަޢުދު އޭގެ އެންމެ ފުރިހަމަގޮތުގައި ފުއްދޭތޯ މަސައްކަތް ކުރަމުންނެވެ.

"ލަވް ޔޫ ޓޫ!" މައާލް ބުނެލިއެވެ.

އިރު އަރަންދެންވެސް ދެމީހުން ތިބީ އެތަނުގައެވެ. އެކި އެކި ވާހަކައިގައެވެ. ހަގަޑި ބައި ވީފަހުން ދެމީހުން ސައިބޯން ދިޔައެވެ.

ސައިބޮއިގެން އެއްޗެހި ހިފައިގެން ކާރުގައި އެމީހުން އެއްނަންބަރު ފާލަމަށް މިސްރާބުޖެހިއެވެ. އެ ހިސާބަށް އާދެވުނުއިރު، މުނީރާ ޒުހުރީ އެތަނުގައި ތިއްބެވެ. އޭރު ލޯންޗުވެސް އޮތީ ތައްޔާރަށެވެ. ޑްރައިވަރު ޑިކީގައި ހުރި ފޮށިތައް ބޭލުމާއެކު، ލޯންޗުގެ ފަޅުވެރި ކުއްޖާ އައިސް އެ އެއްޗެހި ލޯންޗަށް އަރުވައިފިއެވެ. ހަތަރު މީހުން ލޯންޗަށް އެރުމާއެކު ލޯންޗް ނައްޓާލިއެވެ. މާލޭ ފަޅުން ލޯންޗް ނުކުތުމާއެކު، މައާލް ވަށައިގެންވީ ކަނޑަށް ބަލަމުން ދިޔައެވެ. އެއީ އޭނާ އެފަދަ ގޮތަކަށް ލޯންޗެއްގައި ކުރާ ފުރަތަމަ ދަތުރެވެ. ކަނޑު ދަތުރުތަކުގައި މީހުން ހޮޑުލާ ވާހަކަ ކިޔާތީ، އޭނާ ހީކުރީ ބޯ އަނބުރާ ހޮޑުލެވޭނެކަމަށެވެ. ކުޑަކޮށް ބޮލަށް ގޮތްވި ނަމަވެސް، މާ ބޮޑު އަސަރެއް އެކަމަކުން މައާލްއަކަށް ނުކުރިއެވެ. އޭނާ އެ ދަތުރާ މެދު އުފާވެފައި އިން ވަރުން ކަމަށްވެސް ވެދާނެއެވެ. ކަނޑުގެ ރާޅުތައް ކަފަމުން ލޯންޗު ހަލުވި ސްޕީޑުގައި ދުއްވަމުން ދިޔައެވެ. ކަނޑުވެސް މަޑެވެ. މުނިރާ ޒުހުރީއާ ދެމީހުން ތިބީ ވާހަކައިގައެވެ. މައާލް އޭނާގެ ފޯނުގައި ބައެއް ފޮޓޯތައް ރައްކާކުރިއެވެ.

ފާއިތުވި ކޮންމެ ސިކުންތަކާއެކު، މައާލްގެ ހިތުގެ ހިނގުން ބާރުވެއެވެ. ކީއްވެކަމެއް ނޭނގެއެވެ. ކިތަންމެ އުފާވިނަމަވެސް، އޭނާ ހުރީ ކުޑަކޮށް ޖެހިލުންވެފައެވެ. އެއީ އޭނާގެ ބައްޕަގެ ރަށްކަމަށް ވީނަމަވެސް، އަދި އޭނާގެ ރަށްކަމަށް ވީނަމަވެސް، މައާލްގެ ހިތުގައި ބުނެދޭން ނޭނގޭ ޖަޒުބާތުތަކަށް ހޭލަމުން ދިޔައެވެ. ކުރަމުން ދިޔަ އިންތިޒާރު ނިމުމަކަށް އައީ ރަށުގެ މަލަމަތި ފެންނަން ފެށި ހިސާބުންނެވެ.

"ހެޕީ؟" ރާދިން މައާލް ގާތު ސުވާލުކޮށްލުމާއެކު، މައާލް ބޯ ޖަހާލިއެވެ. އޭނާ އެރަށަށް ބަލާލިއެވެ. ރަށުގެ މަލަމަތިން ފެންނަނީ ހިތްގައިމުކަމާއި ފެހިކަމެވެ. ރަށުގެ ދެފަރާތުން ދުރަށް ދެމިފައިވާ ހުދު ދޮންވެލި ތުނޑިއާއި ސާފު ބިއްލޫރި ކޮޅެއްފަދަ މޫދު ފެނި އޭނާ އިނީ އާޝޯހުވެފައެވެ. ހަމަލޮލަށް އެ މަންޒަރު ބަލާލުމުގެ ފުރުސަތު ލިބުމާއެކު އެހިތް ވަނީ އުފަލުން ފޮޅިފައެވެ.

"ވާއު…" މައާލްގެ ދުލުން ނުކުތް އެ ލަފުޒާއެކު ރާދިންއަށް ވެސް ހީނލެވުނެވެ.

ލޯންޗު ބަނދަރަށް ކައިރިކުރުމާއެކު، ޒުހުރީއާއި މުނީރު ތެދުވެލިއެެެވެ. ރާދިންއާއި މައާލްވެސް އެ ދެމީހުންގެ ފަހަތުން ދިޔައެވެ. ބަނދަރަށް ފޭބުމަށްފަހު، ރާދިން އޭނާގެ އަތް ދިއްކޮށްލާ މައާލްއަށް ފޭބުމަށް އެހީތެރިވިއެވެ. އޭރު ޒުހުރީގެ އާއިލާގެ މީހުން އެތަނުގައި ތިއްބެވެ. ޒުހުރީގެ ކޮއްކޮ ސޯފިޔާއަށް މައާލް ފެނުމާއެކު ވަގުތުން މައާލްގެ ކައިރިއަށް އާދެވުނެވެ. މައާލްއާ މަޝާރާއާ ވައްތަރުކަން އޭނާއަށް ފާހަނގަވަމުން ދިޔަ ވަރަކަށް އެ ދެލޯ ފެންކަޅިވަމުން ދިޔައެވެ. ފޮޓޯތަކަށްވުރެ މައާލް މާ ރީއްޗެވެ. އޭނާ މައާލްގެ ގައިގައި ބައްދާލިއެވެ. ޒުހުރީ ސޯފިޔާ މައާލްއަށް ތަޢާރަފްކޮށްލަ ދިނެވެ. އަދި ސޯފިޔާގެ ކައިރީގައި ހުރި އޭނާގެ ދަރިފުޅު ޝާންވެސް ތަޢާރަފްކޮށްދިނެވެ. އާއިލާގެ ކޮންމެ މީހަކުވެސް މައާލްއަށް މަރުޙަބާ ކީ އުފަލުންނެވެ. އެމީހުން ތިބީ މައާލް ފެނި އންތިހާއަށް އުފާވެފައެވެ.

ގެއަށް ގޮސް ކައިގެން އެންމެންވެސް އެމީހެއްގެ ކޮޓަރިއަށް ވަނީ އަރާމުކޮށްލާށެވެ. މައާލްއާ ރާދިންއާ ދެމީހުން ވެސް ކޮޓަރިއަށް ވަދެލިއެވެ. އެވަގުތު ރާދިންގެ ފޯނަށް މެސެޖެއް އައުމާއެކު، އޭނާ ބަލާލިއެވެ. ސަޖާގެ މެސެޖެއްކަމުން އޭނާގެ މޫނުމަތި ވަގުތުން ބަނަވިއެވެ.

"ރާދިން! ކިހިނެއްވީ؟" މައާލް ސުވާލުކޮށްލިއެވެ.

"ނޫން. ނުވޭ ކަމެއް." ރާދިން ބުނެލިއެވެ. ރާދިންއަށް ވީ ގޮތުން މައާލް އެނދުގައި އިށީނދެގެން އިނދެލާފައި ތެދުވެގެން އައިސް ރާދިންގެ ކައިރިއަށް ހުއްޓުނީ އޭނާއަށް ޝައްކެތް ވެގެންނެވެ. އެއަށްފަހު، އޭނާ ރާދިންއާ ސުވާލުކޮށްލިއެވެ.

"ސަޖާތަ؟" މައާލް އެހެން އަހާލުމާއެކު، ރާދިން އާއެކޭ ބުނެލިއެވެ. މައާލް ރާދިންގެ އަތުން ފޯނު އަތުލުމަށްފަހު، ސަޖާގެ ނަންބަރަށް ޑައިލްކޮށްލިއެވެ.

"ބޭބީ ކީއް ތިކުރަނީ؟" ރާދިންއަށް ބުނެވުނެވެ.

"އަހަންނާ ރާދިންއާ ދެމެދަށް ވަންނަން އޭނައަކަށް ފުރުސަތެއް ނުދޭނަން. މީގެ ކުރިން އޭނަ އަހަރެންގެ ކުރިމައްޗަށް އަރާ މަލާމަތްކުރިއިރު އަހަންނަށް އެއްޗެއް ބުނާނެ ފުރުސަތެއް ނުލިބުނު. އެކަމަކު، މިއަދު މީ އަހަރެން އޭނާއަށް ޖަވާބުދާރީވާން ޖެހޭ ފަހަރު. މިފަހަރު ސަޖާއާ ކުރިމަތިލާނީ ރާދިންއެއް ނޫން. އަހަރެން." މައާލްގެ އަޑުގައި އާ ޖޯޝެއް ވިއެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު