ކިއާރާގެ ކެރިއަރުގެ އެންމެ އަގު ބޮޑު ފިލްމަކަށް 'ޑޮން3'

ބަތަލާ ކިއާރާ އަދްވާނީ-- ފޮޓޯ/ ބޮލީވުޑްހަންގާމާ

ބޮލީވުޑް އިންޑަސްޓްރީގެ އެންމެ އުއްމީދީ ބަތަލާއިންގެތެރޭ ހިމެނޭ ކިއާރާ އަދްވާނީގެ ކެރިއަރުގެ އެންމެ އަގު ބޮޑު ފިލްމަކީ ދާދިފަހުން ބަތަލާ ސޮއިކުރި ފިލްމު "ޑޮން3" ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.

އެކްޓަރު ފަރުހާން އަޚްތަރު ޑައިރެކްޓްކޮށް ރަންވީރު ސިންގް ލީޑް ރޯލް ކުޅޭ "ޑޮން3"އަށް ބަތަލާ ސޮއިކޮށްފައިވަނީ 13 ކްރޯޑު ރުޕީސް (1.6 މިލިއަން ޑޮލަރު)އަށް ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.

ފިލްމީ ޚަބަރުތައް ބުނާގޮތުން "ޑޮން3"އަށް އެންމެ ފުރަތަމަ ގެންނަން ނިންމީ މިދިޔަ އަހަރު ނެޝަނަލް އެވޯޑް ހާސިލުކުރި ބަތަލާ ކްރިތީ ސެނޮންއެވެ. އެހެންނަމަވެސް ފިލްމަށް ކިއާރާ ހޮވާފައިވަނީ އެކްޓަރު ރަންވީރު ސިންގްގެ ލަފާގެ ދަށުން ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ. ފިލްމު "ޑޮން3"އަކީ ކިއާރާގެ ކެރިއަރުގައި މިހާތަނަށް ލިބުނު އެންމެ އަގުހުރި ފައިސާގެ ޗެކު ލިބުނު ފިލްމުކަމުން މި ފިލްމަށް ތައްޔާރުވުމަށް ކިއާރާ ވަރަށް ބުރަކޮށް މަސައްކަތްކުރާނެ ކަމަށް ރިޕޯޓުތަކުން ބުނެއެވެ. ކިއާރާ މިހާތަނަށް ކުޅެމުން އައި ފިލްމުތަކުގެ އަގުތައް އުޅެނީ ދޭއް ނުވަތަ ތިން ކްރޯޑު ރުޕީސްއާ ދެމެދުގެ އަގެއްގައެވެ.

ކިއާރާ އަދްވާނީ ފިރިމީހާ ސިދާތު މަލްހޯތްރާއާ އެކު-- ފޮޓޯ/އިންސްޓަގްރާމް

ކިއާރާއާއި ރަންވީރު އެކީގައި ސްކްރީނުން ފެންނާނެ ފުރަތަމަ ފިލްމު "ޑޮން3"އަށް ތައްޔާރުވުމުގެ ގޮތުން ދެ ތަރިން ވެސް މާޝަލް އާޓްސްގެ ހާއްސަ ތަމްރީނުތަކެއް ފުރިހަމަކޮށް އިތުރު އެކްޝަން ތަމްރީނުތަކެއް ފުރިހަމަކުރާނެކަން ވަނީ އިއުލާނުކޮށްފައެވެ.

މިދިޔަ އަހަރު ރިލީޒްވި ފިލްމު "ސަތިޔަ ޕްރޭމްކީ ކަތާ"ގެ ބަތަލާ ސޮއިކޮށްފައިވާ އިތުރު ފިލްމުތަކުގެތެރޭ ސައުތު އެކްޓަރު ރާމް ޗަރަންއާ އެކު ކުޅޭ ފިލްމު "ގޭމް ޗޭންޖާ" އަދި ރިތިކް ރޯޝަންއާ އެކު ކުޅޭ ފިލްމު "ވޯ2" ހިމެނެއެވެ.

މީގެ އިތުރުން، ބަތަލާ ވަނީ ފިރިމީހާ ސިދާތުއާ އެކު ފިލްމަކަށް ސޮއިކޮށްފައި ކަމަށް ރިޕޯޓުތަކުން ބުނެފައިވީ ނަމަވެސް ދެ މީހުންގެ ފަރާތުން ވެސް އެކަން ޔަގީންކޮށްދީފައެއް ނުވެއެވެ.

comment ކޮމެންޓް