ބޭރަށް ހިންގުމާއި ހޮޑުލުން އިތުރުވެ، ރައްކާތެރިވާން އިލްތިމާސްކޮށްފި

އައިޖީއެމްއެޗް ހޮސްޕިޓަލުގެ ބޭރުގައި ބަޔަކު މަޑުކޮއްލައިގެން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލެގައި ބޭރަށް ހިންގުމާއި ހޮޑުލާ ރޯގާ އިތުރުވާތީ މި ބަލިން ރައްކާތެރިވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިއަދު އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭއިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މިދިޔަ މަހުގެ ހަތަރަކުން ފެށިގެން 10 ވަނަ ދުވަހާ ހަމައަށް ބޭރަށް ހިންގުމުގެ 674 ކޭސް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި، މިދިޔަ މަހުގެ 11 އިން 17 ވަނަ ދުވަހަށް ބަލީގެ 547 ކޭސް ރިޕޯޓުކޮށްފާވާއިރު، މިދިޔަ މަހުގެ 18 ވަނަ ދުވަހުން ފެށިގެން 24 ގެ ނިޔަލަށް 965 ކޭސް ރިޕޯޓުކޮށްފައިވާ ކަމަށް އެ އެޖެންސީން ބުނެއެވެ.

މިދިޔަ މަހުގެ 25 އިން މިދިޔަ ހޮނިހިރު ދުވަހަށް ބޭރަށް ހިންގުމާއި ހޮޑުލުމުގެ 889 ކޭސް މާލެއިން ރިޕޯޓުކޮށްފައިވާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

މިދިޔަ މަހުގެ ތެރޭގައި މާލެގައި ބޭރަށް ހިންގުން އިތުރުވެފައިވާތީ މި ދުވަސްވަރު ގިނަ މީހުން އެއްވެ، ކާބޯތަކެތި ތައްޔާރުކޮށް ކައިހަދާއިރު ބަލިން ރައްކާތެރިވުމަށް ހާއްސަ ސަމާލުކަމެއް ދޭން އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެޗްޕީއޭއިން ބުނީ ގިނައިން ހޮޑުލެވުމާއި ބޮލަށް އެނބުރުން އެރުމާއި އާދަޔާ ޚިލާފަށް ކަރުގައި ރިއްސުމުގެ އިތުރުން މާ ބޮޑަށް ވަރުދެރަވެ ދިޔާތަކެތި ބޭނުންކުރެވޭ ވަރު މަދުވެއްޖެނަމަ ވީއެންމެ އަވަހަށް ސިއްހީ އެހީތެރިއެއްގެ ލަފާހޯދަން ވާނެ ކަމަށެވެ.

އެ އެޖެންސީން ބުނީ ބަލިން ރައްކާތެރިވުމަށް ގިނަގިނައިން އަތްދޮވުމަށް ސަމާލުކަން ދޭންވާނެ ކަމަށެވެ.

އެގޮތުން، ކާބޯތަކެތި ތައްޔާރުކުރުމުގެ ކުރިންނާއި ފަހުން އަތޮދޮވުމަށާއި ބަލި މީހަކަށް ޚިދުމަތްކުރުމަށް ފަހުގަޔާއި ކުނި އުކާލުމަށް ފަހުގަޔާއި ކެއުމުގެ ކުރިންނާއި ފަހުން އަތް ދޮވުމަށް އެޗްޕީއޭއިން ބުނެއެވެ.

މިދިޔަ މަހުގެ ތެރޭގައި ވަނީ ޗިކެންޕޮކްސްގެ ކޭސްތައް ވެސް އިތުރުވެފައެވެ.

comment ކޮމެންޓް