ރޯދަ މަހު ސްކޫލް ސެޝަންތައް އޮންނަ ގަޑިތައް އިއުލާންކޮށްފި

ޖެނުއަރީ 12، 2020: ވިހިވިހީގެ ތައުލީމީ އާ އަހަރުގެ ކިޔެވުން 73،000އަށް ވުރެ ގިނަ ދަރިވަރުންނާއެކު ފެށުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރޯދަ މަހު ސްކޫލުތަކުގައި ކިޔަވައިދިނުން ކުރިއަށް ގެންދާނެ ސެޝަން ގަޑިތައް އެޑިއުކޭޝަން މިނިސްޓްރީން މިއަދު އިއުލާނުކޮށްފިއެވެ.

އެ މިނިސްޓްރީން މިއަދު ވަނީ ސުކޫލުތަކަށް ފޮނުވި ސާކިއުލާއެއްގައި ކިޔެވުން ކުރިއަށްގެންދެވޭނެ ގަޑިތައް އަންގައިފައެވެ.

އެގޮތުން މިނިސްޓްރީން ބުނީ ހެނދުނު 8:30 އާއި 9:00 އާ ދެމެދު ކިޔެވުން ފަށަންޖެހޭނެ ކަމަށާއި ކިޔެވުން ނިންމަންވާނެ އެންމެ ލަސް ގަޑިއަކީ މެންދުރުފަހު 3:00 ކަމަށެވެ.

ދެ ދަންފަޅިއަށް ކިޔަވައިދޭ ސުކޫލުތަކުގައި ވެސް 8:30 ގައި ކިޔެވުން ފަށަން ޖެހޭނެކަމަށާއި ކޮންމެ ދުވަހެއްގެ ވެސް މެންދުރުފަހު 3:00 ގެ ކުރިން ނިންމަން ޖެހޭނެ ކަމަށް ސާކިއުލާގައި ވަނީ ބުނެފައެވެ.

ދަންފަޅިތައް ކުރިއަށް ދާ ގޮތާއި ދިގުމިން:

  • އެލްކޭޖީ އަދި ޔޫކޭޖީގައި ކިޔަވާ ދަރިވަރުން: 1 ގަޑިއިރާ 30 މިނެޓް
  • ގްރޭޑް 1 އިން 6 އަށް ކިޔަވާ ދަރިވަރުން: 2 ގަޑިއިރާ 30 މިނެޓް
  • ގްރޭޑް 7 އިން 12 އަށް ކިޔަވާ ދަރިވަރުން: 3 ގަޑިއިރު

ގަޑިތަކުގެ ވަގުތު މަދުވުމުގެ ސަބަބުން ކޮންމެ ގަޑިއެއް ވެސް 30 މިނެޓާއި 45 އަށް ކިޔަވާ ދިނުމަށް އެޑިއުކޭޝަން މިނިސްޓްރީއިން ވަނީ ބުނެފައެވެ. އަދި ފުރަތަމަ ދެ ހަފުތާ ހުރިހާ މާއްދާއެއް ކިޔަވައި ދިނުމަށް ވެސް މިނިސްޓްރީން ވަނީ އަންގާފައެވެ.

މީގެ އިތުރުން ޓީޗަރުންގެ މަސައްކަތުގެ ގަޑި ހަތަރު ގަޑިއިރަށްވުރެ ދިގު ނުކުރުމަށާއި ކިޔެވުން ކުރިއަށްދާ ވަގުތުގައި އިދާރީ މުވައްޒަފުންގެ ޚިދުމަތް މެދުނުކެނޑި ކުރިއަށް ދިނުމަށް ވެސް މިނިސްޓްރީން ވަނީ އެ ސާކިއުލާގައި އަންގައިފައެވެ.

އަދި ރޯދަ މަހުގެ ދުވަސްތަކުގައި ހަވީރު 4:00 އިން ރޭގަނޑު 9:00 އާއި ހަމަޔަށް އެއްވެސް އިތުރު ހަރާކާތެއް ކުރިއަށް ނުގެންދިޔުމަށް މިނިސްޓްރީން އެންގިއެވެ

ސެކަންޑްރީ ގްރޭޑުތަކުގެ ދަރިވަރުންނަށް ރޭގަނޑު ވަގުތުތަކުގައި އިތުރު ހަރަކާތް ހިންގާނަމަ 9:00 އާއި 10:30އާ ދެމެދު ރޭވުމަށް ވެސް މިނިސްޓްރީން ވަނީ އަންގައިފައެވެ.

މި އަހަރުގެ ރަމަޟާން މަހު ކިޔަވައިދޭނީ ފުރަތަމަ 20 ދުވަހެވެ. ފަހު ދިހައިގައި ސަރުކާރު ބަންދުވުމާއެކު ދަރިވަރުންނަށް ވެސް އެ ދުވަސްތައް ބަންދުވާނެއެވެ.

comment ކޮމެންޓް