ހަދީޖާގެ ދަތުރު ކާށިދޫއަށް

ދިވެހި ފިލްމު އިންޑަސްޓްރީގައި ގިނަ ދުވަހަކު މަސައްކަތްކޮށްފައިވާ އެކްޓަރު އަހުމަދު އާސިމްގެ "ތުރުކަސް ފިލްމްސް" ޕްރޮޑަކްޝަންގެ ކުރުފިލްމު "ހަދީޖާ" ކ. އަތޮޅު ކާށިދޫގައި އެޅުވުމަށް ތައްޔާރުވެއްޖެއެވެ.

ތުރުކަސް ފިލްމްސްއިން ހަދީޖާ، އޮލިމްޕަހުގައި ޕްރިމިއާ ކޮށްފައިވަނީ މިދިޔަ ހަފުތާ ބަންދާ ދިމާކޮށެވެ.

ނަމަވެސް އޮލިމްޕަހުގެ ޑިމާންޑު ބޮޑުކަމުން އޮލިމްޕަހުގައި ފިލްމު ދެއްކުނީ އެންމެ ތިން ދުވަހެވެ. ޖުމްލަ އަށް ޝޯ އަޅުވާފައިވަނީ ކޮންމެ ދުވަހަކު އެއް ޝޯއަށް ވުރެ ގިނަ ޝޯތައް އަޅުވައިގެންނެވެ.

މި ފިލްމު މިހާރު އެޅުވުމަށް ތައްޔާރު ވަނީ ކާށިދޫގައެވެ. ތުރުކަސް ފިލްމްސްއިން ބުނެފައިވަނީ މި ފިލްމު އަޅުވާނީ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަސް ނުވަތަ މާޗު މަހުގެ އަށްވަނައަށް ވާ ހުކުރު ދުވަހު ކަމަށެވެ.

މި ފިލްމަކީ ދިވެހި އަންހެނުންނަށް އެކި ގޮތްގޮތުން ކުރިމަތިވާ އަނިޔާތައް ދައްކުވައިދޭ ފިލްމަކަށްވާއިރު މި މައުލޫގެ މުހިއްމުކަމުން މި ފިލްމަކީ ވެސް މުހިއްމު ފިލްމެއް ކަމަށް ތުރުކަސްއިން އިޝާރާތް ކޮށްފައިވެއެވެ.

ހުކުރު ދުވަހު ފިލްމު އަޅުވާއިރު މިއަދުން ފެށިގެން ފިލްމަށް ޓިކެޓު ގަތުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

ހަދީޖާ އަކީ ތުރުކަސް ފިލްމްސްގެ "ވިހާލި" ސީޒަންގެ ބައެކެވެ.

ހަދީޖާގެ ކުރު ފިލްމު ސިނަމާއަށް ނެރުމަށް ތައްޔާރުވާއިރު މި ފިލްމަކީ ވިހާލި ސީރީޒްގެ ދެވަނަ ސީޒަންގެ ފުރަތަމަ ބައެވެ. އެއާއެކު ފިލްމު ބެލުމުން ސީރީޒްގެ ދެވަނަ ބަޔަށް ތައްޔާރުވެވޭނެއެވެ.

އެކްޓު ކުރުމާއި ފިލްމު އެޑިޓިންގެ މަސައްކަތުގައި ވެސް އުޅޭ އާސިމްގެ ޕްރޮޑަކްޝަނުން އުފައްދާފައިވާ މި ކުރުފިލްމަކީ 40 މިނެޓުގެ ފިލްމެކެވެ. މި ފިލްމުގެ ރޯލުތަކުން ފެންނާނީ ރަވީ ފާރޫގާއި ނަތާޝާ ޖަލީލު އަދި އަހުމަދު ނިމާލެވެ.

comment ކޮމެންޓް