ޗައިނާއިން ރާއްޖެއަށް އަސްކަރީ އެހީ ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫނާއި ޗައިނާގެ މޭޖާ ޖެނެރަލް، އިންޓަނޭޝަނަލް މިލިޓަރީ ކޯޕަރޭޝަން ގެ ޑެޕިއުޓީ ޑިރެކްޓާ، ޖަންގް ބައޮކުއާން

ޗައިނާއިން ރާއްޖެއަށް އަސްކަރީ އެހީ ދިނުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

މިކަމާ ގުޅިގެން އެކްސްގައި މައުލޫމަތު ހިއްސާކޮށް ޑިފެންސް މިނިސްޓްރީން ބުނެފައި ވަނީ، ޗައިނާގެ މޭޖާ ޖެނެރަލް، އިންޓަނޭޝަނަލް މިލިޓަރީ ކޯޕަރޭޝަންގެ ޑެޕިއުޓީ ޑިރެކްޓާ، ޖަންގް ބައޮކުއާން ރާއްޖޭގެ ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫނުގެ އަރިހަށް ޒިޔާރާތް ކުރައްވާފައި ވާކަމަށެވެ.

މި ޒިޔަރާތުގައި ދެ ގައުމުގެ އަސްކަރީ ގުޅުން އިތުރަށް ބަދަހި ކުރުމަށް ވަނީ މަޝްވަރާކޮށްފައެވެ. އަދި ދެގައުމުގެ ގުޅުން ވަރުގަދަ ކުރުމަށާއި ޗައިނާއިން ރާއްޖެއަށް މިލިޓަރީ އެހީތެރިކަން ފޯރުކޮށްދޭން އެއްބަސްވުމެއްގައި ވަނީ ސޮއި ކޮށްފައެވެ.

މި ސަރުކާރު ވެރިކަމާ ހަވާލުވުމުގެ ކުރިން، ކެމްޕެއިން ތެރޭ އެންމެ ގަދައަށް ދެއްކި އެއް ވާހަކަ އކީ ރާއްޖޭގައި އިންޑިއާ މިލިޓަރީ ސިފައިން ގާއިމްވެ ތިބި ވާހަކައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އެންމެ ބޮޑު އެއް ވައުދުފުޅަކީ ވެސް އިންޑިއާ ސިފައިން މި ގައުމުން ފޮނުވާލުމެވެ.

ވައުދުފުޅާ އެއްގޮތަށް ރައީސް ވަނީ އެ މަސައްކަތް ފައްޓަވާފައެވެ. ރައީސް ވިދާޅުވީ އެއްވެސް ބޭރު ގައުމެއްގެ ސިފައިންނަށް ރާއްޖޭގައި ގާއިމްވެ ނުތިބެވޭނެ ކަމަށެވެ.

އެމްޑީޕީގެ ސަރުކާރުގައި އިންޑިއާއާ ގާތް ގުޅުމެއް ބިނާކުރިއެވެ. ކެމްޕޭން ދުވަސްވަރު ބޭރުގެ ނޫސްތަކުން ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހް ސިފަކުރީ "ޕްރޯ އިންޑިއާ" ކެންޑިޑޭޓެއް ގޮތުގައެވެ. އަދި، ރައީސް މުއިއްޒު ސިފަކުރީ "ޕްރޯ ޗައިނާ" ކެންޑިޑޭޓެއްގެ ގޮތުގައެވެ. އެކަމަކު، ރައީސް މުއިއްޒު ވަނީ އެ މަނިކުފާނަކީ 'ޕްރޯ މޯލްޑިވްސް' ބޭފުޅެއް ކަމަށް ވިދާޅުވެ، އެ ތުހުމަތުތަކަށް ރައްދުދެއްވައިފައެވެ.

ވެރިކަމަށް ވަޑައިގަތުމަށް ފަހު، ރައީސް މުއިއްޒު ގެންދަވަނީ ޗައިނާއާއެކު ގާތް ގުޅުމެއް ގާއިމް ކުރައްވަމުންނެވެ.

comment ކޮމެންޓް