އައިޖީއެމްއެޗުން ހިލޭ މެޑިކަލް ޗެކަޕް ހަދަން 396 މީހުން ކިޔޫގައި

އައިޖީއެމްއެޗުން މެޑިކަލް ޗެކަޕް ހެދުމަށް 396 މީހުން އެދިއްޖެ-- ފޮޓޯ/ އައިޖީއެމްއެޗް

ސަރުކާރުން ހިލޭ މެޑިކަލް ޗެކަޕް ހެދުމުގެ ސިޔާސަތު ފެށުމާއެކު، އައިޖީއެމްއެޗުން ހިލޭ މެޑިކަލް ޗެކަޕް ހެދުމަށް 50 އަހަރުން މަތީގެ 396 މީހުން މިވަގުތު ކިޔުގައި ތިބި ކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފިއެވެ.

އައިޖީއެމްއެޗުން މިއަދު 'ސަން'އަށް މައުލޫމާތު ދިން ގޮތުގައި، ހުކުރާއި ހޮނިހިރު ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އާއި ހަވީރު 3:00އާ ދެމެދު ޗެކަޕް ހެދުމަށް ނަންނޯޓުކުރެވޭނެއެވެ.

މެޑިކަލް ޗެކްއަޕް ހަދައިދެނީ ކޮންމެ ހަފުތާއެއްގެ އާދިއްތަ ދުވަހާއި ބުރާސްފަތި ދުވަހު ކަމަށް މީގެކުރިން އެ ހޮސްޕިޓަލުން ބުންޏެވެ. މިއިން ކޮންމެ ދުވަހަކު ޗެކްއަޕް ހަދައިދޭނީ 20 މީހުންނަށެވެ. އެއީ، ހަފުތާއަކު 40 މީހުންނެވެ.

އުމުރުން 50 އަހަރުން މަތީގެ މީހުންނަށް އާސަންދައިގެ ދަށުން ހިލޭ މެޑިކަލް ޗެކަޕް ހެދޭ ގޮތް ހަމަޖެއްސީ ޖެނުއަރީ މަހުގެ އެކެއްގައެވެ. އެ އުސޫލުގެ ދަށުން، ދެވަނަ މެޑިކަލް ޗެކަޕެއް ހަދަން ޖެހޭ މީހުންނަށް ޑޮކްޓަރެއްގެ ލިޔުމާއެކު ދެވަނަ މެޑިކަލް ޗެކަޕެއް ވެސް އާސަންދައިގެ ދަށުން ހެދޭނެއެވެ. އިތުރު އުމުރުފުރާތަކަށް މެޑިކަލް ޗެކަޕް ހެދޭނީ:

  • 35 އަހަރާއި 49 އަހަރާ ދެމެދުގެ މީހުންނާއި 19 އަހަރުން ދަށުން ކުދިންނަށް އޭޕްރީލް އެކަކުން ފެށިގެން
  • 19 އަހަރާއި 34 އަހަރާ ދެމެދުގެ މީހުންނަށް ޖުލައި އެކަކުން ފެށިގެން

އާސަންދައިގެ ދަށުން ހިލޭ މެޑިކަލް ޗެކަޕް ހެދެނީ ސަރުކާރުގެ ހޮސްޕިޓަލްތަކުންނެވެ. މާލެ ސަރަހައްދުން އައިޖީއެމްއެޗްގެ އިތުރުން ހުޅުމާލޭ ހޮސްޕިޓަލާއި ވިލިމާލޭ ހޮސްޕިޓަލުން ވެސް އެ ޚިދުމަތް ހޯދޭނެއެވެ.

comment ކޮމެންޓް