އައިޓީބީ ބާލިންގައި ބައިވެރިވާ ދިވެހި ޝެފުންގެ ޓީމް ޖަރުމަނަށް ފުރައިފި

އައިޓީބީ ބާލިންގައި ބައިވެރިވާ ދިވެހި ޝެފުންގެ ޓީމް -- ފޮޓޯ/ އެމްއެމްޕީއާރްސީ

ޖަރުމަނުގައި އޮންނަ ދުނިޔޭގެ އެންމެ ބޮޑު ޓޫރިޒަމް ޓްރޭޑް ފެއާ، އައިޓީބީ ބާލިން 2024ގައި ބައިވެރިވުމަށް ދިވެހި ޝެފުންގެ ޓީމް ޖަރުމަނަށް ފުރައިފިއެވެ.

މާދަމާއިން ފެށިގެން ދެ ދުވަހަށް ކުރިއަށްގެންދާ މި ފެއާގައި ދިވެހި ޝެފުންގެ ޓީމުގައި މިފަހަރު ބައިވެރިވެފައިވަނީ ކެއްކުމުގެ ދާއިރާއިން ގިނަ ވަނަތަކެއް ހޯދާފައިވާ ދިވެހި އެގްޒެކެޓިވް ސޫ ޝެފް އިބްރާހިމް ޒުހައިރާއި ދެ ޒުވާން އަންހެން ޕޭސްޓްރީ ޝެފުން ކަމަށްވާ އާމިނަތު ލަހުފާ އާއި ޖުނައިނާ ޖަމްޝީދެވެ.

މިއަހަރުގެ ޝެފުންގެ ޓީމުން، އައިޓީބީ ފެއާގައި ހުންނަ ރާއްޖޭގެ ސްޓޭންޑްގައި ސަގާފީ ކާބޯތަކެތި ބަހައި، ސްޓޭންޑަށް ޒިޔާރަތްކުރާ އެކި ފަރާތްތަކަށް ދިވެހި ކާބޯތަކެތި ތައްޔާރު ކުރާ ގޮތް ލައިވް ސްޓޭޝަންގައި ދައްކަން ވަނީ ހަމަޖެހިފައެވެ.

އައިޓީބީ ބާލިން 2024ގައި އެމްއެމްޕީއާރްސީއިން ބަހައްޓާ ވިޒިޓް މޯލްޑިވްސްގެ ސްޓޭންޑްގައި ފަތުރުވެރިކަމާ ބެހޭ 100 އަށްވުރެ ގިނަ ކުންފުންޏަކުން 106އަށް ވުރެ ގިނަ މީހުން ބައިވެރިވެއެވެ.

އަދި ވިޒިޓް މޯލްޑިވްސްގެ ފަރާތުން ބާއްވާ މޯލްޑިވިއަން އީވްނިން 2024ގައި އެމްއެމްޕީއާރްސީގެ ބޯޑު މެމްބަރު އަދި ރާއްޖޭގެ ފުރަތަމަ މާސްޓަ ޝެފް މަހާ ނަޞީރުގެ ބެލުމުގެ ދަށުން، ދިވެހި ޝެފުންގެ ޓީމުން 500އަށް ވުރެ ގިނަ މީހުންނަން ބާއްވާ ގާލާ ހަފުލާގައި ދިވެހި ފިއުޝަންގެ ކާބޯތަކެތީގެ އުފެއްދުންތައް ތައްޔާރު ކުރުމަށް ވަނީ ނިންމާފައެވެ.

މި ފެއާގައި ތަމްސީލުކުރާ ކުންފުނިތަކުގެ ތެރޭގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ހޮޓާތަކާއި، ޓޫރިސްޓް ބޯޑުތަކުގެ އިތުރުން ޓުއާ އޮޕަރޭޓަރުން ހިމެނެއެވެ.

މިދިޔަ އަހަރުވެސް ދިވެހިރާއްޖެ އައިޓީބީ ފެއާގައި ބައިވެރިވިއެވެ.

comment ކޮމެންޓް