ހުރިހާ މާނައެއްގައި ކައުންސިލްތައް ބާރުވެރި ކުރުވާނީ މި ސަރުކާރުން: އާދަމް ޝަރީފް

ރައީސް ޑރ. މުޙައްމަދު މުއިއްޒާއި މިނިސްޓަރު އާދަމް ޝަރީފް އުމަރު -- ފޮޓޯ/ރައީސް އޮފީސް

މާލީ ބާރުވެރިކަމާއި ތަމްރީނުގެ ފުރުސަތުތައް ފަހިކޮށް، ހުރިހާ މާނައެއްގައި ވެސް ކައުންސިލްތައް ބާރުވެރިކުރުވާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކަމަށް ސިޓީތަކާ ބެހޭ މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވެފައިވަނީ ކެނދިކުޅުދޫ ކައުންސިލުން ސަރުކާރާ ދެކޮޅަށް ނެރުނު ބަޔާން އަނބުރާ ގެންދިއުމަށް ކައުންސިލްތަކުގެ ބެލެނިވެރި ފަރާތް، ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)އިން އެންގި އެންގުން ގިނަ ބަޔަކު ކުށްވެރި ކުރަމުން އަންނަ މި ދަނޑިވަޅެއްގައެވެ.

މިނިސްޓަރުގެ ޕޯސްޓްގައި ވަނީ ކައުންސިލްތަކަށް މާލީ ބާރުވެރިކަން ހޯދައިދިނުމަށް ފަޅުރަށްތައް ލިބޭނެ ނިޒާމެއް މި ސަރުކާރުން ގާއިމްކޮށްފައިވާކަން ފާހަގަ ކުރައްވައިފައެވެ. އަދި 50 ކައުންސިލެއް އިމާރާތް ކުރުމުގެ ޚާއްޞަ މަޝްރޫއެއް ލޯންޗްކޮށްފައިވާ ކަމަށާއި، ލާމަރުކަޒީ ގާނޫނުގައި ބުނެފައިވާ ގޮތަށް، މުނިސިޕަލް ޚިދުމަތްތައް ކައުންސިލްތަކުން ދިނުން ތަންފީޒުކުރަން ފެށީ ވެސް މި ސަރުކާރުންކަން ފާހަގަކުރައްވައިފައެވެ.

އާދަމް ޝަރީފް ވިދާޅުވީ ކައުންސިލްތަކުގެ އެކައުންޓުގައި ހުންނަ ފައިސާ މި ސަރުކާރުން ނުނަގާނެ ކަމަށާއި، ފިކުރަކަށް ނުބަލައި، ގިނަ ޕާޓީއެކުލެވޭ ނިޒާމުގެ ތެރެއިން ފުރިހަމަ މާނައިގައި ހުރިހާ ކައުންއިސްތަކާއެކު މަސައްކަތް ކުރައްވާނެ ކަމަށެވެ.

ކެނދިކުޅުދޫ ކައުންސިލުން ސަރުކާރާ ދެކޮޅަށް ބަޔާނެއް ނެރުނީ އަތޮޅުތަކަށް ރައީސް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުތަކުގައި ބާއްވާ ރައްޔިތުންގެ ބައްދަލުވުންތަކުގައި ރައީސްގެ އިތުރުން ސަރުކާރުގެ ބައެއް އިސް ވެރިން، ކުރިއަށް އޮތް މަޖިލިސް އިންތިޚާބު ސަރުކާރު ހިންގާ ޕާޓީގެ ކެންޑިޑޭޓުންނަށް ކާމިޔާބުކޮށްދިނުމަށް ތަކުރާރުކޮށް އެދިވަޑައިގަންނަވަމުން ދާތީއެވެ.

މިކަމާ ގުޅިގެން ކެނދިކުޅުދޫ ކައުންސިލުން ނެރުނު ބަޔާނުގައިވަނީ ކައުންސިލުން އިންތިޒާމުކުރި ރަސްމީ ހަރަކާތެއްގައި ކައުންސިލުގެ ހުއްދަ ނެތި، ސަރުކާރު ހިންގާ ޕާޓީއަަށް ތާއީދު ހޯދަން ރައީސް ވާހަކަފުޅުދެއްކެވީ ކަމަށެވެ.

https://sun.mv/189372

އެ ބަޔާން ކުށްވެރިކޮށް އެލްޖީއޭއިން ވަނީ އެއީ، ރައީސުލްޖުމްހޫރިއްޔާގެ މަސައްކަތްޕުޅަށް ހުރަސް އެޅުމުގެ ގޮތުގައި ސިފަކޮށްފައި ކަމަށް ކެނދިކުޅުދޫ ކައުންސިލުން ބުންޏެވެ.

މިކަން ކުށްވެރިކޮށް މިއަދު އިދިކޮޅު މައި ޕާޓީ އެމްޑީޕީން ނެރުނު ބަޔާނުގައިވަނީ ސަރުކާރުން ކައުންސިލްތަކަށް ބިރު ދައްކައި، ކައުންސިލްތަކުގެ ބާރު ހަނި ކުރުމަށް މަސައްކަތް ކުރާ ކަމުގެ ތުހުމަތު ކޮށްފައެވެ.

comment ކޮމެންޓް