ފުރޭތަ ޕްރިމިއާ މިރޭ، ޓިކެޓު ނެގީތަ؟

ޑާކްރެއިން އެންޓަޓެއިންމެންޓުން ގަދައަށް ޕްރޮމޯޓުކުރަމުން އަންނަ ވަރުގަދަ ފިލްމު "ފުރޭތަ" ޕްރިމިއާ ކުރުމަށް ތައްޔާރުވެއްޖެއެވެ.

މިރޭ ފިލްމް އޮލިމްޕަހުގައި ޕްރިމިއާ ކުރުމަށް ހަމަޖެހިފައިވާއިރު މި އިވެންޓުގައި ފިލްމުގެ ތަރީންނާއި ކްރޫ މެމްބަރުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ. އަދި އޭގެ އިތުރުުން ދިވެހި ފިލްމު އިންޑަސްޓްރީގައި މަސައްކަތް ކުރާ އެކި ފަންނާނުން ވެސް މި އިވެންޓުގައި ބައިވެރި ވުމަށް ވަނީ ހަމަޖެހިފައެވެ.

ފިލްމު ރިލީޒްކުރާއިރު ފިލްމުގެ ކްލެސިފިކޭޝަން ވެސް ވަނީ ޑާކްރެއިން އިން ހާމަކޮށްފައެވެ. ޑާކްރެއިން އިން ހާމަކޮށްފައިވާ ގޮތުގައި މި ފިލްމަކީ 18 އަހަރުން މަތީ އުމުރުފުރައިގެ މީހުންނަށް ބެލުމަށް ތައްޔާރުކޮށްފައިވާ ފިލްމެކެވެ. އަދި ކްލެސިފިކޭޝަނުން ހާމަވާ ގޮތުގައި މި ފިލްމަކީ 157 މިނެޓު ނުވަތަ 02:37 ގަޑިއިރުގެ ފިލްމެކެވެ.

މިއީ ޑާކްރެއިން އިން މި އަހަރު ނެރޭ ފުރަތަމަ ފިލްމެވެ. މިދިޔަ އަހަރު ނިމިގެން ދިޔައީ ޑާކްރެއިން އަށް ބިޒީ އަހަރެއްގެ ގޮތުގައެވެ. އެގޮތުން އަހަރުގެ އެންމެ ފަހު ފިލްމަކަށް ވީ ޑާކްރެއިންގެ "ނޮވެމްބަރު" އެވެ.

ނޮވެމްބަރާ ހިލާފަށް ފުރޭތަ އަކީ އެކްޝަން އަދި ތުރިލާ ފިލްމެކެވެ.

މި ފިލްމުގައި ލީޑުން ފެންނާނީ އިންޑަސްޓްރީގައި މިހާރު ބޮޑު މަގުބޫލުކަމެއް ހޯދަމުން އަންނަ ތަރި ޝަރަފު ޢަބްދުﷲއެވެ. ފިލްމުގެ އިތުރު ރޯލުތަކުން ރަވީ ފާރޫގާއި މުހައްމަދު މަނިކާއި އަހުމަދު ސައީދު އަދި މުހައްމަދު ރިފްޝާނާއި އަލީ ނަދީހާއި އާމިނަތު އަސީލާ ފަދަ އެކްޓަރުން ފެންނާނެއެވެ.

މި ފިލްމުގެ ސްކްރީންޕްލޭގެ މަސައްކަތް އަހުމަދު ތޮލާލު ކުރިއިރު ފިލްމުގެ ޑައިރެކްޓަރަކީ އަހުމަދު ޝިފާއު (ޗިއްޕެ)އެވެ. މި ފިލްމަކީ މުހައްމަދު އަލީ (މޮގާ) ޕްރޮޑިއުސް ކުރާ ފިލްމެކެވެ. މި ފިލްމުގެ މަންޒަރުތައް ނަގައިފައިވަނީ އަހުމަދު ޒިފާފެވެ.

މި ފިލްމަކީ އާންމުންގެ ތެރޭގައި ބޮޑު ހިޓަކަށް ވެގެންދާނެ ފިލްމެއް ކަމުގައި ތަރީން ގަބޫލު ކުރެއެވެ. އެއީ ފިލްމުގައި އަލި އަޅުވާލާނީ ދިވެހި މުޖުތަމައުގައި ހިމެނޭ ބައެއް ކަހަލަ މައްސަލަތަކަށް ވާތީއެވެ. އިންތިހާބުގެ ދުވަސްވަރާ ގާތްކޮށް ފިލްމު ނެރޭއިރު އިންތިހާބުގެ ތެރޭގައި ހިނގާ އަދި ވާހަކަ ނުދައްކާ ހުންނަ މައްސަލަތަކަށް މި ފިލްމުގައި އަލިއަޅުވާލާނެ ކަމުގެ އިޝާރާތްތަކެއް ވަނީ ކޮށްފައެވެ.

comment ކޮމެންޓް