މުނީރު ފޭބުމާއެކު އެމީހުން ހީކުރީ ޒުހުރީވެސް ފައިބާނެކަމަށެވެ. އެހެންނަމަވެސް، ޑްރައިވަރު ގޮސް، ފަހަތު ސީޓު ހުޅުވާލުމާއެކު، ފޭބީ ޒުހުރީއެއް ނޫނެވެ. ކާރުން ފޭބީ އަންހެނެކެވެ.

އެއީ ކާކުކަމެއް ރާދިންއަކަށް ނޭނގުނެވެ. ހައިރާންކަމާއެކު އޭނާ އެމީހާއަށް ބަލަން ފެށިއެވެ. ބަލާބެލުމަށް އެ އަންހެން މީހާއަށް ފަސްދޮޅަހަކަށް އަހަރުވެދާނެއެވެ. ލާފައިވާ ދިގު ހެދުން ރަނގަޅުކޮށްލުމާއެކު، އަޅާފައިވާ ވަށް ބުރުގާވެސް އޭނާ ރަނގަޅުކޮށްލިއެވެ. ފޭބި ގޮތަށް އޭނާގެ ނަޒަރު ހުރީ މައާލްއަށް ހުއްޓިފައެވެ.

"ރަޒީނާއްތަ…" މައާލްގެ ދެލޮލަށް ކަރުނަތައް ޖަމާވިއެވެ. އެހާ ދުވަސްފަހުން ރަޒީނާ ފެނުމުން އޭނާގެ ހިތަށް ބުނެދޭން ނޭނގޭ އުފާވެރިކަމެއް ވަނީ ލިބިފައެވެ.

"މައާލް… ދަރިފުޅާ…" ރަޒީނާވެސް އައި ގޮތަށް އައިސް މައާލްގެ ގައިގައި ބައްދާލިއެވެ. އެތައް ދުވަހަކަށް ފަހު މައާލް އެގޮތަށް ފެނުމުން އޭނާގެ ހިތަށްވެސް ވަނީ ހަމަޖެހުމެއް ލިބިފައެވެ. މައާލް މުނީރަށް ބަލާލިއެވެ. އެއަށްފަހު ރަޒީނާއަށެވެ. މައާލްގެ ހިތުގައި އުފެދިފައިވާ ސުވާލުތައް އެނގޭ މީހަކު ފަދައިން، މުނީރު އެ ސުވާލުތަކަށް ޖަވާބު ދިނެވެ. އެގޮތުން ރަޒީނާ އޭނާއަށް ގުޅުމުން، މުނިރު އޮފީހުގައި އިނދެފައި ރަޒީނާ އެހުރިތަނަކަށް ގޮސް ރަޒީނާ ގޮވައިގެން އައީކަމުގައި އޭނާ ކިޔައިދިނެވެ. އަދި ރަޒީނާއަށް މައާލްގެ ލޮލުގެ ފަރުވާއާ ބެހޭ ވާހަކަތައްވެސް ކިޔައިދިން ކަމުގައި މުނީރު ބުންޏެވެ.

"ދައްތައަށް މާފުކުރޭ. ދައްތަވެސް އުޅެން ޖެހުނު ގޮތުން މައާލްއަށް ނުގުޅުނީ. އެކަމަކު ބަލަން ދޭތެރެއަކުން މުނީރަށް ގުޅައިގެން މައާލްގެ ޙާލު އޮޅުން ފިލުވޭތޯވެސް. އެކަމަކު މި ވީ ދުވަސްތަކުގައި އެއްވަރަކަށް ވެސް ނުގުޅުނީމަ އެކަމާ ހާސްވެފަ ހުރީ. މިއަދު ގުޅީމަ އެނގުނީ މި ހުރިހާ ދުވަހު ރާއްޖޭން ބޭރުގައި ތިބިކަން." ރަޒީނާވެސް މައާލްއަށް ހުރިހާ ވާހަކައެއް ކިޔައިދިނެވެ.

"އިންޑިޔާގައި ކެންސަރަށް ފަރުވާ ކުރަމުން ދަނިކޮށް ދައްތަގެ އެއްބަނޑު އެއްބަފާގައި ހުރި ހަމަ އެކަނި ކޮއްކޮވެސް މި ދުނިޔެ ދޫކޮށްފި. ދެން އެތަނުގައި ހުރުމުގެ ބޭނުމެއް ވެސް ނެތް." ރަޒީނާ ދެ ލޯ ފުހެލިއެވެ.

"ރަޒީނައްތާ…" މައާލް ރަޒީނާގެ އަތުގައި ހިފާލިއެވެ. އަދި ހިތްވަރު ދިނެވެ. ލޯބިވާ މީހަކު ވަކި ވުމަކީ ކިހާ ވޭން ހުރިކަމެއްކަން އޭނާއަށް އިޙްސާސްކުރެވެއެވެ. އެހާ ބޮޑަށް ރަޒީނާއާ މެދު ޙަމްދަރުދީ ވެވުނީ އެހެންވެގެންނެވެ.

"މީ މައާލްގެ ފިރިމީހާ ދޯ!" ޔަޤީންވާ ފަދައަކުން އެހެން ބުނެލުމަށްފަހު، ރަޒީނާ ރާދިންއަށް ބަލާލިއެވެ.

"ހޫމް…" ހިނިތުންވެލާފައި ލޯބިން ފުރިގެންވީ ބެލުމަކުން މައާލްއަށް ރާދިންއަށް ބަލާލެވުނެވެ. އެ މަންޒަރު މުނީރަށް ފެނުމާއެކު، ހައިރާންވިނަމަވެސް ހިނިތުންވެވުނެވެ. ކުދިން ދުވަހު އެ މޫނުމަތިން ފެނުނު އަސަރުތަކުގެ އެއްވެސް މިންވަރެއް މިއަދު މައާލްގެ މޫނުމައްޗަކުން ނުފެނެއެވެ. އެ މޫނުމަތިން މިއަދު ފެންނަނީ އުފާވެރިކަމާއި ހަމަޖެހުމެވެ. ރާދިންއަށްޓަކައި ވާ ލޯބި ދިޔައީ ފާޅުކަން ބޮޑު ގޮތެއްގައި އެ ދެލޮލުން ފެންނަމުންނެވެ. ރާދިންގެ މޫނުމަތިން ވެސް ފެންނަނީ އެ ފަދަ އުފާވެރިކަމެކެވެ. އެ ދެމެދުގައި ދެބަސްވުމެއް ހިނގިފަދަ އެއްވެސް ނިޝާނެއް އެ ދެމީހުންގެ މޫނުމައްޗަކުން ފެންނާކަށް ނެތެވެ. ހީވަނީ ދުވަސްތަކަކަށްފަހު، ހުރިހާ ކަމެއް ހައްލުވެފައިވާ ހެންނެވެ. ރާދިންގެ މޫނުމަތިން އެ ފަދަ އުފާވެރިކަމެއް އޭނާއަށް އެ ފެނުނީ އެތަކެއް ދުވަހެއް ފަހުންނެވެ. މައާލްއަށް ރާދިންގެ ހަޤީޤަތް އެނގުނު ދުވަހުގެ ފަހުން ރާދިންއާ މައާލްގެ މޫނުމައްޗަކުންވެސް އޭނާއަށް އެ ފަދަ ހަމަޖެހުމުގެ އަސަރެއް ފެނިފައެއް ނުވެއެވެ. އެހެންނަމަވެސް މިއަދު ފެންނަމުންދާ މަންޒަރު ތަފާތެވެ. އެކަކު އަނެކަކަށްޓަކާ ލޯބިވާ މިންވަރާއި، ހިތުން ދެވިފައިވި ޤަދަރު އެ ދެމީހުން އެކަކު އަނެކަކަށް ބަލައިލާ ގޮތުން އެކަނިވެސް އެބަ ފާހަގަވެއެވެ. އެފަދަ ބޮޑު ބަދަލެއް އެ ދެމީހުންނަށް އަންނަން ޖެހުނު ސަބަބެއް ވިސްނާ ވިސްނާވެސް މުނީރަކަށް ނޭނގުނެވެ. ހުރިހާކަމެއް އެނގިހުރެ މައާލް ރާދިންއަށް މާފުކުރީ ހެއްޔެވެ؟ މައާލް ހުރިހާކަމެއް މަތިން ހަނދާން ނައްތާލީހެއްޔެވެ؟ ރާދިންގެ ބޭވަފާތެރިކަން ހަނދާންނައްތާލީ ހެއްޔެވެ؟ ނޫނީ މިއީ އެ ދެމީހުން ރަޒީނާ ހުރުމުން ދައްކާ އެއްވެސް އަސްލެއް ނެތް މަންޒަރުތަކެއް ހެއްޔެވެ؟ ވިސްނި ވަރަކަށް ޝައްކާ ވަހުމުން މުނީރުގެ ހިތް ބަދެވެމުން ދިޔައެވެ. ނޫނެކެވެ. އެހެންނެއް ނުވާނެއެވެ. އެ ދެމީހުންގެ މޫނުމަތިން އެ ފެންނަ އުފާވެރިކަމަކީ ފޭކެއް ނޫނެވެ. އެއީ ސާފު ބެލުމަކާއި ހަޤީޤީ ހިނިތުންވުމެކެވެ.

"މައާލްއަށް ރަނގަޅަށް ބަލައްޗޭ. އެއީ ޝާކިރާ ފަހުމާގެ ދެލޮލުގެ ނޫރު. އަދި އަހަރެންގެ ހިތުގައިވެސް ވަރަށް ޚާއްސަ ލޯތްބެއް ދެވިފައިވާ ކުއްޖެއް. ފަހުމާގެ ބަނޑުން އުފަން ނުވިއެއްކަމަކު އެމީހުން ދުނިޔޭގައި ތިބި އިރު އެމީހުންގެ ހުރިހާ އުފަލަކީ މީ. ކުޑަވެސް ދެރައެއް މި ދަރިއަށް އެ ދެމީހުންގެ ފަރާތުން ލިބިފައެއް ނުވޭ… އެންމެ ކުޑަ އިރުއްސުރެ، ބޮޑުވެ ފުރާ ފުރިހަމަ ވަންދެން މައާލް ކައިރީގައި ހުރުމުގެ ނަސީބު އަހަންނަށް ލިބުނު. މައާލް ބޮޑުވީ އެ ދެމީހުންގެ ބަސް އަހާ ކިޔަމަންތެރި ދަރިއެއްގެ ގޮތުގައި… " ރާދިންގެ އަތުގައި ހިފާލަމުން އާދޭހުގެ ރާގެއްގައި ރަޒީނާއަށް ބުނެވުނެވެ. މައާލްގެ ހަޤީގަތް އާއިލާގެ އިތުރުން އެނގޭ ހަމައެކަނި މީހަކީ ރަޒީނާއެވެ. އެ ހުރިހާ ހަޤީގަތެއް މައާލްއަށް އެނގުނުކަން އޭނާއަށް އިނގުނީ މުނީރުގެ ފަރާތުންނެވެ.

"މައާލްއަކީ މިއަދު އަހަރެންގެ އަމާނާތެއް. ދުވަހަކުވެސް އިރާދުކުރެއްވިއްޔާ މައާލްއަށް ދެރަގޮތެއް ވިޔަކަ ނުދޭނަން. ޙަޔާތުގައި ދިމާވާ ކޮންމެ ކަމެއްގައި މައާލްއާއެކު އެކަމަކާ ކުރިމަތިލާނަން. އަހަންނާއެކު މައާލް ހުރެއްޖެނަމަ އަހަންނަށް އެނގޭ ކޮންމެ ފަދަ ކަމަކާ ވެސް ކުރިމަތިލުމުގެ ހިތްވަރު އަހަރެންގެ ގައިގައި ހުންނާނެކަން." ރާދިން ގެ އަޑުގައިވީ ޔަޤީންކަމާއެކު، މައާލްގެ ތުންފަތް މަތީގައިވީ ހިނިތުންވުން ފުޅާވިއެވެ.

"އަލްޙަމްދުލިއްލާހި. މާތް ﷲ ތިޔަ ދެމަފިރިންގެ ޙަޔާތް އުފާވެރިކުރައްވާށި! ރަޒީނައްތަގެ ހިތަށް ވަރަށް ބޮޑު ހަމަޖެހުމެއް ލިބިއްޖެ. މިއަދު ޔަޤީންވެއްޖެ މައާލްއަށް ލިބިފައިތިވަނީ މައާލްއަށް ހެޔޮ އެދޭ މައާލްއަށްޓަކައި ކޮންމެ ފަދަކަމެއްވެސް ކޮށްދޭނެފަދަ ބައިވެރިއެއްކަން. އެހެންވީމަ، މިއަދު ރަޒީނައްތައަށް ހަމަޖެހިގެން ކޮންމެ ތާކުވެސް އުޅެވޭނެ." ރަޒީނާގެ ގައިގައި މައާލް އަނެއްކާވެސް ބައްދާލިއެވެ.

"ރަޒީނައްތާ…" ރަޒީނާއަށް ގޮވާލުމަށްފަހު މައާލް މަޑުޖެހިލިއެވެ. ރަޒީނާ މައާލްއާ ދުރުވެލިއެވެ.

"ދައްތަ ބޭނުންވަނީ ދައްތަގެ މަންމަގެ ރަށުގައި ޙަޔާތުގެ ބާކީ ދުވަސްތައް ހޭދަކުރަން. އުފަން ފަސްގަނޑާ ދުރުގައި އެތަކެއް އަހަރަކު އުޅެފިން. އެކަމަކު މިހާރު ބޭނުންވަނީ އުފަން ފަސްގަނޑަށް ދާން. ކުޑައިރުގެ ހަނދާންތަކާ، ފުރާވަރުގެ ހުރިހާ ހަނދާނެއް ގުޅިފައިވާ ފަސްގަނޑުގައި ދިރިއުުޅުމުގެ ފަހު ދުވަސްތައް ހޭދަކޮށްލަން. އެއީ ދައްތަގެ މައިންބަފައިންގެ ފަސްގަނޑު. މަރުވުމުގެ ކުދިން އެ ފަސްގަނޑުގައި ދިރިއުޅެ ކުރީގެ ހަނދާންތައް އާކުރަން ބޭނުން. އާއިލާއާ ގާތްތިމާގެ މީހުންނާ ބައްދަލުކޮށް އެމީހުންނާއެކު ވަގުތު ހޭދަކުރަން ބޭނުން." ރަޒީނާގެ އަޑުގައި ވޭނީ އަސަރެއް ވެއެވެ. އެހާ ގިނަ ދުވަސް ވަނދެން އުފަން ވަޒަނާ ދުރުގައި އުޅުމަށްފަހު، ރަށަށް ދާން ނިންމި ހިސާބުން އޭނާ ވަނީ ވަރަށް ބޮޑަށް ޖަޒުބާތީ ވެފައެވެ. މީހުން ބުނަނީ ހަމަ ތެދެކެވެ. ދުނިޔޭގެ ކޮންމެ ތަނެއްގައި، ކިތަންމެ އުފަލުގައި، ކިތަންމެ މުއްސަނދި ދިރިއުޅުމެއް އުޅުނު ނަމަވެސް، އަމިއްލަ ވަޒަނާއި ފަސްގަނޑަށްޓަކައި ހިތުގައިވާ ލޯތްބަކީ ފުހެލަން ފަސޭހަ އެއްޗެއް ނޫނެވެ. އަދި ސިކުނޑީގައި ރައްކާކުރެވިފައިވާ އަމިއްލަ ވަޒަނުގެ ހަނދާންތަކަކީ އެހެން ތަންތަނުގެ ހަނދާންތަކަށްވުރެ މީހާއަށް އަސަރުކުރުވާ ހަނދާންތަކެކެވެ. ކޮންމެ ތަނަކު އުޅުނު ނަމަވެސް، އެމީހެއްގެ އުފަން ބިމުން އެ ކޮށްދޭ އިޙްސާސް އެހެންތަނަކުން ނުކުރެވޭނެއެވެ.

ރަޒީނާއަށްޓަކައި މައާލް އުފާވިއެވެ. ރަޒީނާގެ މުޅި އުމުރު އެކީގައި ކަހަލަ ގޮތަކަށް އޭނާ ހޭދަކުރީ ރާއްޖޭން ބޭރުގައެވެ. އޭނާއަށާއި އޭނާގެ މައިންބަފައިންނަށް ޚިދުމަތް ކުރުމުގައެވެ. އޭނާގެ ކައިރީގައި ރަޒީނާ ކިތަންމެ ބަހައްޓަން ބޭނުންވިނަމަވެސް، މައާލް ރަޒީނާގެ އެ ނިންމުމަށް އިޙްތިރާމްކުރިއެވެ. ރަޒީނާގެ އުފާތަކަށް އިސްކަން ދިނެވެ.

"ދެން މިތަނުގައި ހުރެގެންތަ ހުރިހާ ވާހަކައެއް ދައްކާނީ؟" މައާލްއަށް ބުނެވުނެވެ.

"އެބުނާހެން. ހިނގާ އެތެރެއަށް." ރާދިން ވެސް ބުނެލިއެވެ.

ރަޒީނާ ގޮވައިގެން މައާލް އެތެރެއަށް ވަނުމާއެކު، ރާދިންވެސް އެތެރެއަށް ވަންނަން ހިނގައިގަތެވެ. އެހެންނަމަވެސް، މުނީރު ރާދިންއަށް ގޮވާލާ މަޑުކުރުމަށް ބުނެލިއެވެ.

"އެ ދެމީހުންނަށް ވަގުތުކޮޅެއް ދީ…" މުނީރު އެހެން ބުނެލީ އެއީ މުހިންމުކަމެއްކަމުގައި އޭނާއަށް އިޙްސާސްކުރެވޭތީއެވެ. ހަމައެއާއެކު ރާދިންއާ ވާހަކަ ދައްކަން ބޭނުންވެފައި ހުރިލެއް ބޮޑުކަމުންނާ އެކުގައެވެ. ކުރިން ފެނުނު މަންޒަރުތަކާ މިއަދާ ހާސްބައި ތަފާތެވެ. ކިތަންމެ ކެތްކުރަން އުޅުނު ނަމަވެސް، މުނީރުގެ ސިކުނޑި ރާދިންއާ ސުވާލުކުރަން ގޮވަން ފެށުމުން މިފަހަރު އޭނާ ސިކުނޑީގެ ގޮވުމަށް އިޖާބަ ދިނީއެވެ.

"މިއަދު މައާލް އުފާވެފައި ހުރިވަރުންނާ، ދެ ކުދިން މިތަނުގައި ވާހަކަ ދައްކަން ތިބި ގޮތުން ބައްޕައަށް ހީވަނީ ތި ދެމެދުގައި އޮތް ހުރިހާ މައްސަލައެއް ހައްލުވީހެން. ނޫންތަ؟" މުނީރު ގޮނޑީގައި އިށީނދެލާ ރާދިންއަށް ވެސް އިށީނދެލަން އިޝާރާތްކޮށްލިއެވެ.

"ލައްބަ. ހުރިހާކަމެއް ހައްލުވެއްޖެ." ރާދިންއަށް އެހެން ބުނެވުނުއިރު، ޖޯޝެއް އެ އަޑުގައިވެއެވެ.

"މައާލް މާފުކުރީތަ؟" މުނީރަށް އަނެއްކާވެސް ސުވާލުކޮށްލެވުނެވެ.

"ލައްބަ…" ދެވަނަ ފަހަރަށްވެސް ރާދިންއަށް ބުނެވުނީ އެހެންނެވެ.

"ހުރިހާކަމަކަށް؟ ރާދިން! އެ އަންހެން ކުއްޖާއާ ބެހޭގޮތުން ރާދިން މައާލްއާ ވާހަކަ ދެއްކިންތަ؟" މުނީރު އިނީ ޤަބޫލުނުކުރެވިފައެވެ. އޭނާއަށް އެ ސުވާލު ތަކުރާރުކޮށްލެވުނީ އެހެންވެގެންނެވެ. އެވަރު ބޮޑު ކުށަކަށް މާފުކޮށްފައި، އެއީ ނުވާކަމެއްކަމަށް ހަދާލައިގެން މައާލްއަށް އުޅެވިދާނެހްނެނެވެ.

"ބައްޕާ… އޭނަ…" ރާދިން އެ ވާހަކަ މުނީރާ ދައްކާނެ ގޮތަކާ މެދު ވިސްނާލިއެވެ. ބުނަން ބޭނުންވާ އެއްޗެހި ސިކުނޑީގައި ހުރިނަމަވެސް، ޖުމްލަތަށް އަތުރާލަން އޭނާއަށް ފަސޭހަނުވީ އޭނާގެ ވެސް ކުށް އެކަމުގައި ވާތީއެވެ. މައާލްއާ އިނދެގެން ހުރެ ސަޖާއާ ލޯބީގެ ގޮތުން ގުޅުން ބޭއްވިފައިވާތީއެވެ.

"ރާދިން! ހުރިހާކަމެއް އެނގުމުގެ ހައްޤު ބައްޕައަށް ވެސް އޮންނަން ވާނެ…" މުނީރުގެ އަޑުގައި މަޑުމައިތިރިކަމާއި، ރާދިންއަށް ވިސްނައިދޭން މަސައްކަތް ކުރާފަދަ އަސަރުތަކެއް ވެއެވެ.

"އަޅުގަނޑު އެއްވެސް ކަމެއް ބައްޕައަށް ސިއްރުކުރާކަށް ބޭނުމެއް ނޫން. ހުރިހާ ވާހަކައެއް ބައްޕައަށް ވެސް ކިޔައިދީފައި އާފެށުމަކުން ފަށަން ބޭނުންވަނީ… އަޅުގަނޑު… އަޅުގަނޑު މައާލްއާ އިނދެގެން ހުރެ ލޯބީގެ ގޮތުން ސަޖާއާ ގުޅުން ބޭއްވިން. އެކަމަކަށް އަޅުގަނޑު އިންކާރެއް ނުކުރާނަން. މާޒީއަކީ އަލުން ލިބޭނެ އެއްޗެއް ނޫން. ބަދަލު ކުރެވޭނެ އެއްޗެއްވެސް ނޫން! އެކަމަކު އެކަމާ މިއަދު އަޅުގަނޑު ވަރަށް ލަދުވެތިވެ ހިތާމަކުރަން." ރާދިން އިނީ އިސްޖަހާލައިގެންނެވެ. އިތުރު އެއްޗެއް ނުބުނެ މުނީރުވެސް ރާދިންގެ ވާހަަކައަށް ސަމާލުކަން ދީގެން، ރާދިން އޭނާގެ ވާހަކަ ކުރިއަށް ގެންދަން ފުރުސަތު ދީގެން އިނީއެވެ.

"މައާލްއާ ކައިވެނިކުރުމުގެ ކުރިން އަޅުގަނޑު އުޅުނީ ސަޖާއާ ރައްޓެހިވެގެން. ވަރަށް ގިނައިން އެކި ތަންތަނަށް ދަތުރުވެސް ދަން. އެކުގައި ވަރަށް ގިނަ ވަގުތު ވެސް ހޭދަކުރަން. ވަޒީފާއަކަށް ދިޔުމަކީ އަޅުގަނޑު އޭރު ބޭނުންވިކަމެއް ނޫން. ފައިސާގެ މުހިންމުކަމާއި އެއީ ކިހާ ބުރަ މަސައްކަތުން ލިބޭ އެއްޗެއްކަން އިޙްސާސްނުވީ ކުޑައިރިއްސުރެ ބޭނުން ކޮންމެ އެއްޗެއް ލިބޭތީ. ދިރިއުޅުމުގެ ދަތި އުނދަގޫތައް ދުވަހަކު ތަޙައްމަލް ނުކުރާތީ އެކަންވެސް ނޭނގުނީ… ބައްޕަ އަޅުގަނޑަށް ދިނީ ދެ ޗޮއިސްއެއް. މައާލްއާ ކައިވެނިކުރުން ނޫނީ ބައްޕަގެ އެހީއާ ނުލާ އުޅުން. އެއީ ކުރެވޭނެކަމެއްހެން ހީނުވާތީ މައާލްއާ ކައިވެނިކުރީ. ހިތަށް އެރީ ދުވަސްކޮޅަކު އުޅެލާފަ ވަރިވާން މައާލްއަށް މަޖުބުރުކުރުވާނީއޭ… ކައިވެންޏަކަށް ތައްޔާރުނުވެ މީހަކާ އިންނަން ޖެހުނީމަ އެކަމުގެ ރުޅިގަނޑު ބޭލުނީ މައާލްއަށް. ވަރިވާން މައާލްއަށް މަޖުބޫރުކުރުވުން އޭރުބޭނުމަކަށްވީ. ހިތަށް އެރި ލޮލަށް ނުފެންނަ އަންހެން ކުއްޖަކާއެކު ހަޔާތުގެ ބާކީ ބައި ހޭދަކުރާނީ ކިހިނެއްބާއޭ؟ އެކަމަކު ނާޖާއިޒް ފައިދާ އަޅުގަނޑަށް ނެގުނު. އެކަމަށް ދުވަހަކުވެސް އަމިއްލަ ނަފްސަށް މާފެއް ނުކުރެވޭނެ ކަންނޭނގެ. އެކަމަކު، ދުވަހެއް ދުވަހަކަށް މައާލްގެ މައުސޫމްކަމުން އަޅުގަނޑަށް އަސަރުކުރަން ފެށި. ސަޖާއާ މައާލްއާ ހުރި ތަފާތު އިޙްސާސްކުރެވުނު. މަޖުބޫރުން ކުރެވުނު ކައިވެންޏަކަށް ވީތީ ހިތުގެ އިޙްސާސްތަކަށް ފަސްއަޅާ ފޮރުވަން ވަރަށް މަސައްކަތް ކުރިން. އެކަން ކުރަން ނުކުޅެދޭ ކޮންމެ ފަހަރަކު މައާލްއަށް އެ ރުޅިވެސް ބޭލުނު. އެކަމަކު މަޑުމަޑުން އެ ހުރިހާކަމެއް ބަދަލުވަމުން ގޮސް މައާލްއަށް ޖާގައެއް އަޅުގަނޑުގެ ހިތުން ހުސްވި. މައާލްއާއެކު އުޅެން ފެށުމުން ބައިވަރު ކަންތައްތަކަށް ލޯ ހުޅުވުނު. ލޮލަށް ނުފެންނަ ޙާލުގައިވެސް މައާލް ނަމާދުކޮށް ޤުރުއާން، އަޑު އަހާ، ކިޔެވި. އަދި ހުރިހާކަމަކަށް ކެތްތެރިވި. ކިތަންމެ ގިނަ ފައިސާއެއް ހުއްޓަސް އިންސާނުންނަށް ނުކުރެވޭ ކަންތައް ހުންނާނެކަމާ، ބައެއް ޙާލަތުގައި ފައިސާގެ އެއްވެސް ބޭނުމެއް ނުކުރެވޭނެކަންވެސް އިޙްސާސްވީ ދެން. ކުންފުންޏަށް ވަޒީފާއަށް ނުކުންނަން ފެށިފަހުން އިޙްސާސްވީ ކުންފުނި އެ ހިސާބަށް ގެންދަން ޝާކިރު އަންކަލް ކޮށްފައިހުރީ ބުރަ މަސައްކަތެއްކަން. އެހިސާބުން ފައިސާގެ 'ވެލިއު' ދަސްވީ. އެއީ ކިހާ ދަލެއް އޮހޮރުވައިގެން ލިބޭއެއްޗެއްކަން އިޙްސާސްވީ. މިއަދު ކިތަންމެ ކުންފުނި ބޮޑުވެފައި،، އެތައް ބައިވަރު ގައުމެއްގައި އޮފީސްތައް ހުއްޓަސް އެއީ ވެސް ބަޔަކު ވީ ބޮޑު ޤުރުބާނީއެއްކަން އިޙްސާސްވީ." ރާދިން އޭނާގެ ހިތުގެ އިޙްސާސްތައް މުނީރުގެ ކުރިމަތީގައި ހާމަކުރަމުން ގެންދިޔައެވެ.

"ބައްޕާ! ސަޖާއަކީ މަކަރުވެރިއެއް. ދޮގުވެރިއެއް. އެންމެ ފަހު ވަގުތާ ޖެހެންދެންވެސް އޭނާ އުޅުނީ އަޅުގަނޑާ މައާލް ދުރުކުރުވަން. މައާލްއާ މެދު ވާ އިޙްސާސްތަކުގެ ފުންކަން އިޙްސާސްވީ ހިސާބުން ސަޖާއާ އަޅުގަނޑު ދުރުވެއްޖައިން. އޭނާ އެ ހިފީ އެކަމުގެ ބަދަލު." ރާދިން މުނީރަށް ބަލާލިއެވެ.

"ވީ ގޮތް ރަނގަޅަށް ބައްޕައަށް ކިޔައިދީ ދަރިފުޅާ…" ރާދިންގެ މޫނަށް ބަލާލުމުން އެކަނިވެސް ދެރަވެފައިވާ މިންވަރާއި، އެބަސްތަކުގައިވީ ތެދުކަން މުނީރަށް ޔަޤީންވެއެވެ. ރާދިން ހުރިހާ ވާހަކައެއް މުނީރަށް ކިޔައިދިނެވެ. ކަންތައްތައް ވީ ގޮތާ އޭނާއަށް ހަޤީގަތް އެނގުނު ގޮތްވެސް މެއެވެ. އެހުރިހާ ވާހަކައެއް އަޑު އަހަން އިން މުނީރަށްވެސް އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ސަޖާ ފަދަ ވިޔާނުދާ އަންހެނުންގެ ސަބަބުން ހަލާކުވެގެން ދަނީ ކިތައް ދިރިއުޅުން ހެއްޔެވެ؟ ބައެއް މީހުންނަކީ އަނެކާގެ ދިރިއުޅުމަށް ވިހަލުމަށް ކެތްމަދުވެފައިވާ މީހުންނެވެ. އެފަދަމީހުން، އެމީހުންގެ ހިތުގެ މުރާދު ހާސިލް ކުރުމަށް ކިތަންމެ ދަށު ރަރަޖައަކަށް ވެއްޓުމަކަށްވެސް ފަހަކަށް ނުޖެހޭނެއެވެ. މީގެ ކުރިން ރާދިންގެ ފަރާތުން ކަންތައްތައް އޮޅުން ފިލުވަން އެހާ ވަރުން ނޫޅެވުނީތީ އެކަމަށް މުނީރު މާފަށް އެދުނެވެ. އެކަނި މާއެކަނި އެ ދަރިފުޅު އުފުލި ތަކުލީފުތައް އަޑު އިވި އޭނާވެސް ފެންކަޅިވެއްޖެއެވެ.

"އަޅުގަނޑަށް މާފުކުރޭ. އޭރު ނުވިސްނުނީ…" ރާދިން މާފަށް އެދުމުން މުނީރު ރާދިންއަށް ހެޔޮ ހިތުން މާފުކުރިއެވެ.

"ތި މައްސަލަ ފުލުހަށް ހުށައަޅަން ޖެހޭނެ!." މުނީރު އެހެން ބުނެލުމާއެކު، ރާދިން އެއްޗެއް ނުބުނެ އިނީ ވިސްނުމަކަށް ގެއްލިފައެވެ.

"އޭރުން…" ރާދިންއަށް ވިސްނުނީ ސަޖާ ނަގާފައިވާ ފޮޓޯތަކާ މެދުގައެވެ. ރުޅިއައިސްގެން އެ އެއްޗެހި ލީކްކޮށްލައިފިއްޔާ ވެއްޓޭނީ އޭނާގެ އަގު އެކަންޏެއް ނޫނެެވެ. ބައްޕަގެ އަގުވެސް ވެއްޓޭނެއެވެ.

"އޭނާއަށް ހައްޤު އަދަބު ލިބެން ޖެހޭނެ." މުނީރަށް ބުނެވުނެވެ. ރާދިން އެއްޗެއް ނުބުނުމުން ދެން އެތަނަށް ވެރިވީ ހިމޭންކަމެކެވެ.

"ކޮބާ ބައްޕަ؟" އޭގެ އިރުކޮޅެއްފަހުން، ރާދިން މައުޟޫ އަނބުރާލަމުން ސުވާލުކޮށްލުމާއެކު، އެ، އެހީ ޒުހުރީގެ ވާހަކަކަން މުނީރަށް އެނގުނެވެ.

"ބުނި މެންދުރު މިކޮޅަށް އަންނާނަމޭ…" މުނީރު ޖަވާބު ދިނެވެ. ރާދިން އިތުރު އެއްޗެއް ނުބުނުމުން އޭނާ އަނެއްކާވެސް އިތުރު ސުވާލެއް ރާދިންއާ އަމާޒުކޮށްލިއެވެ.

"މައާލްގެ ކިޔެވުމުގެ ކަންތަކާ ބެހޭގޮތުން ބައްޕަ ބޭނުން ވާހަކަ ދައްކަން. އެ ފުރުސަތު މައާލްއަށް ހޯދައިދޭން ވާނެ! މައާލްގެ ހުރިހާ ޒިންމާއަކީ މިއަދު ދަރިފުޅުގެ ބޮލުގައި އެޅިފައިވާ ޒިންމާއަކަށް ވީ ހިނދު، މައާލްގެ އެ ހުވަފެން ހަޤީގަތަކަށް ހެދުމުގައި އެހީތެރިވާން މިއަދު ހުންނާނެ ހަމައެކަނި މީހަކީ ދަރިފުޅު." މުނީރުގެ ވާހަކައަށް ހިނިތުންވެލާފައި، ރާދިން އޭނާ އެ ވާހަކަ މައާލްއާ ދެއްކި ކަމުގައި ބުނެލިއެވެ.

"މައާލް އިރާދުކުރެއްވިއްޔާ ކިޔެވުން ފުރިހަމަ ކުރާނެ. އެކަމަކު ފުރުމުގެ ކުރިން މައާލް ބޭނުންވޭ މައާލް ބައްޕަގެ ރަށަށް ގޮސް އާއިލާ މީހުންނާ ބައްދަލުކުރަން. އެކަމަށް އަޅުގަނޑު ދެކޮޅެއް ނުހަދަން. މައާލް އުފާވާ ކޮންމެ ފަދަ ކަމެއް އަޅުގަނޑު ކޮށްދޭނަން. އަދި ބޭނުންވާ ވަގުތުވެސް ދޭނަން. އެއްވެސް ކަމަކަށް މަޖުބޫރެއް ނުކުރާނަން، އަދި އަވަސް އަރުވާލައިގެން ވެސް ނޫޅޭނަން." ރާދިންގެ ވިސްނުމަށް މުނީރުވެސް ތާއީދުކުރިއެވެ. އޭނާގެ ދަރިފުޅުގެ ވާހަކަ ދެއްކުން މިހާރު އެ ހުރީ ރާދިއުއެކޭ ދާދި އެއްގޮތަކަށެވެ. ރާދިއުގެ ހުރި ފަދަ ހަރުދަނާކަން މިހާރު އޭނާއަށް ރާދިންގެ ކިބައިން އެބަ ފެންނަމުން ދެއެވެ. އެކަމުން ބުނެދޭން ނޭނގޭ ފިނިކަމެއް އޭނާގެ ހިތަށް ލިބިި، ބޭއިޚްތިޔާރުގައި މުނީރަށް ހިނިތުންވުން ފުޅާކޮށްލެވުނެވެ.

"ރާދިންގެ ވާހަކަތަކުން ބައްޕަ ހަނދާންވަނީ ރާދިއުމަތިން … ތި ހަރުދަނާކަން ރާދިންގެ ފަރާތުން ފެންނާނެ ދުވަހަކަށް ބައްޕަ ވަރަށް އިންތިޒާރުކުރިން. އަލްޙަމްދުލިއްލާހި!" މުނީރަށް ﷲ އަށް ޙަމްދުކުރެވުނެވެ.

"ދޮންބެމަތިން އަޅުގަނޑުވެސް ހަނދާންވޭ… ދޮންބެގެ އުޅުމާ އަޅުގަނޑުގެ އުޅުމާ ހާސްބައި ތަފާތުކަން އެނގޭ. ކުރިން ނޭނގުނު ހަރުދަނާކަމަކީ ކިހާ މުހިންމުކަމެއްކަން." ރާދިން، ރާދިއު މަތިން ހަނދާންވެ، ފެންކަޅިވާ ގޮތްވިއެވެ.

"ރާދިންއަށް އެނގޭތަ؟ ބައްޕައާއި ޝާކިރަކީ ދެ އާއިލާ ގުޅުމުގެ ކުރިންވެސް ރަޙްމަތްތެރިން. ޝާކިރަކީ މުއްސަނދު އާއިލާއަކުން އައި މީހެއް ނަމަވެސް އޭނާއަކީ ހިތްތިރި މީހެއް. ބައްޕަގެ ފަޤީރުކަމުގައި ވެސް އޭނާ ބައްޕަ ބަލައިގަތް. އަދި އެ އާއިލާވެސް. މުއްސަނދިކަމާ ފަޤީރުކަމަކީ އެކުވެރިކަމުގެ ދެމެދަށް ވެއްދޭނެ ފަރަޤެއްކަމަށް އެމީހުން ގަބޫލެއް ނުކުރޭ. ޝާކިރާ ބައްޕަގެ ކޮއްކޮ ފަހުމާއާ ދިމާވީ ބައްޕަގެ ފަރާތުން. އެ ދެމީހުންނަށް އެކަކު އަނެކަކު ކަމުގޮސްގެން ކައިވެނިކުރީ ދެ އާއިލާގެ ވެސް ރުހުމުގަ. އޭގެފަހުން ޝާކިރު ބައްޕައަށް ވަރަށް އެހީވި. އަމިއްލަ ވިޔަފާރިއެއް ފެށުމަށް ބޭނުންވަރަކަށް ފައިސާ ދޭން ޝާކިރު ހުރީ ތައްޔާރަށް. އެކަމަކު އެގޮތް ބައްޕައަށް ކަމަކު ނުދިޔަ. ބައްޕަ ޝާކިރު އަތުން ލޯނެއް ނެގީ އެހެންވެ. އެއަށްފަހު އެ ފައިސާއިން ބައްޕަ ކުންފުނި އުފައްދާ މަޑުމަޑުން ކުންފުނި ފުޅާކުރަމުން ގެންދިޔައީ… މިއަދު ރާދިންއަށް ތި ފެންނަ ބައްޕަ ކުންފުންޏަކީ ބައްޕަގެ ބުރަ މަސައްކަތެއް. ރާދިންމެނަށް އަރާމުގަ އުޅެވުނީ ޝާކިރު، ބައްޕަގެ ކުންފުނި އުފެއްދުމަށާއި، އެހެނިހެން ކަންތައްތަކުގައި ދިން އެހީގެ ސަބަބުން. ދަރިފުޅުގެ މަންމަ ނިޔާވުމަށްފަހުވެސް، ރާއްޖޭން ބޭރަށް ދަންދެން އެންމެ ބޮޑު އެހީތެރިކަމެއް ލިބުނީ ޝާކިރާ ފަހުމާގެ ފަރާތުން. ބައްޕަ އެންމެ ބަލިކަށިވީ ދުވަސްކޮޅު އެންމެ ބޮޑު ހިތްވަރު ދިނީ އެ ދެމީހުން." މާޒީގެ ހަނދާންތައް އާކުރަމުން މުނީރު ދިޔައިރު، އެއްބައިފަހަރު ހިނިތުންވެވެއެވެ. އަނެއްބައިފަހަރު އެ ހިނިތުންވުން ފަނޑުވެއެވެ. ވަގުތަކީ ފާއިތުވުމަށްފަހު، އަނބުރާ ލިބޭ އެއްޗެއް ނޫނެވެ. ވަގުތުތުގެ ބޭނުން ހެޔޮ ގޮތުގައި ހިފާ، ފުރުސަތު ލިބޭ ދުވަހު އެ ފުރުސަތުގެ ބޭނުންކޮށް، އާއިލާ އާ ގުޅުން ބަދަހިކުރުން މުހިންމުވަނީ އެހެންވެގެންނެވެ.

އެދުވަހު ރަޒީނާ އެގެއިން ދިޔައީ ހަވިރުގެ ވަގުތުގައެވެ. އެ ރޭގެ ވަގުތުގައި ރަޒީނާ ފުރާ ވާހަަކަ ބުނެފައިވާތީ މައާލް ވީހާވެސް ގިނަ ވަގުތު ރަޒީނާއާއެކު ހޭދަކޮށްލަން ބޭނުން ވުމުން އޭނާ ވެސް މަޑުކޮށްލީއެވެ. ދިޔުމުގެ ކުރިން ޒުހުރީ އާ ބައްދަލުކޮށްލުމުގެ ފުރުސަތުވެސް ރަޒީނާއަށް ލިބުނެވެ.

އެރޭ ކެއުމުގެ ވަގުތުގައި މައާލް، ޒުހުރީއާއެކު، އެ ރަށަށް ދާން ބޭނުންވާ ވާހަކަ ބުނުމުން ޒުހުރީއަށް ލިބުނީ ބަޔާންކުރަން ދަތި އުފާވެރިކަމެކެވެ.

"ކޮން އިރަކުން ފުރަން ދަރިފުޅުމެން ބޭނުންވަނީ؟" ޒުހުރީ ސުވާލުކޮށްލިއެވެ.

"ވީ އެންމެ އަވަހަކަށް ގޮސް އެކޮޅުގައި ތިބި އާއިލާގެ މީހުންނާ ބައްދަލުކުރަން ބޭނުންވަނީ." މައާލް ޖަވާބު ދިނެވެ. ރާދިންވެސް އެކަމަށް އާބަސް ދިނެވެ.

"މާދަމާވެސް ދަރިފުޅުމެން ބޭނުމިއްޔާ ފުރޭނެ އިންތިޒާމް ހަމަޖައްސަދީފާނަން. " މުނީރު ބުނެލިއެވެ.

"މާދަން ނޫން އަނެއް ދުވަސް ރަނގަޅު ވާނެ. ކުޑަކޮށް ޝޮޕިންކޮށްލަން. އެކޮޅުގައި ތިބި އާއިލާގެ މީހުންނަށް ހަދިޔާއެއްވެސް ގެންދަން ވާނެއެއްނު. ދޯ މައާލް!" ރާދިންގެ އެ ޚިޔާލު މައާލްގެ އިތުރުން މުނީރަށްވެސް ވަރަށް ކަމުދިޔައެވެ.

"މުނީރުވެސް ދުރުވަން ވާނެ!" ޒުހުރީ ބުނެލިއެވެ.

"އެ ތެދެއް، ބައްޕަވެސް ހިނގާ އަޅުގަނޑުމެންނާއެކު." މައާލް ބުނެލިއެވެ.

"މައްސަލައެއް ނެތް." މުނީރު އެއްބަސްވުމުން މައާލްއާ ރާދިންއާ އެކަކު އަނެކަކަށް ބަލާލިއެވެ. ކާކޮޓަރީގެ ތެރޭގައި ތިބި ހަތަރު މީހުންގެ މޫނުމަތިންވެސް ފެންނަނީ އުފާވެރިކަމެވެ. ތަފާތު އެކި އެކި ވާހަކަތަކުގައި ތިބެ ކެއުން ނިންމާލާފައި، ބޮޑުކޮޓަރީގައިވެސް އެމީހުން ވަގުތު ހޭދަކުރިއެވެ. މުނީރުމެން ދިޔުމުން ކޮޓަރިއަށް ވަދެ، ނިދަން އޮށޯވެފައިވެސް މައާލްއަށް މުޅިން ދެއްކުނީ ދަތުރުގެ ވާހަކައެވެ. އެރަށަށް ގޮސް ބައިވަރު ކަންތައް ކުރަން އޭނާ ރޭވިއެވެ. އެނދުގައިިި އެއް އަރިއަކަށް އޮށޯވެލާފައި، ރާދިން އޭނާގެ ބޮލުގައި އެއްއަތް ވިއްދާލިއެެވެ. އެއަށްފަހު، އެނދުގެ ހެޑްބޯޑުގައި ލެނގިލައިގެން އަތުން އިޝާރާތްކުރަމުން، ހުއްޓާނުލާ ވާހަކަ ދައްކަމުން ދިޔަ މައާލްއަށް ބަލާލިއެވެ. މައާލް ދައްކަމުން ދިޔަ ވާހަކަތަކަށް ބޯ ޖަހާލަމުން އަނެއް ބައިފަހަރު އާބަސްބުނަމުން ދިޔަ ރާދިން އިނީ މައާލްގެ އެ ސިފަ ފެނި މަޖާވެފައެވެ. މައާލްއަކީ އެހާ އަނގަގަދަ ކުއްޖެއްކަން އޭނާއަށް މީގެ ކުދިން އެނގިފައެއް ނުވެއެވެ. އޭނާ ފޯނު ނަގާ މައާލްގެ ފޮޓޯއެއް ނެގިއެވެ.

"ފޮޓޯ ނެގީ ދޯ؟" ފޯނު އޮތީ ސައުންޑް މޯޑުގައި ކަމުން ކެމެރާގެ ފްލޭޝްގެ އަޑަށް މައާލްއަށް ބަލާލެވުނެވެ.

"ފޮޓޮއޭ… ވަރަށް ލޯބި ކުއްޖެއް ކައިރީގަ އިނީމަ ނޭނގުނީއޭ ނެގުނުއިރުވެސް…." ލާނެތްގޮތަކަށް ހީނލާފައި ރާދިން ބުނެލިއެވެ.

"މީހުންނަށް ނޭނގި ވަރަށް ފޮޓޯ ނަގާހިތްވެޔޭ ދޯ…" މައާލްވެސް ސަމާސާ ރާގެއްގައި ބުނެލިއެވެ.

"ނޭނގިއެއް ނޫނެއްނު މި ނެގީ. މާލްއަށް އެނގިއްޖެއެއްނު." ރާދިން އެ ފޮޓޯ ދައްކާލިއެވެ.

"އަޅެ ގެލެރީއަށް ގޮސްފަ ހިތެއް ޖަހާފަ އިން ފޯލްޑަރ ހުޅުވާފަ ދައްކާލަބަލަ! އޭރުން އެނގޭނެ ނޭނގި ފޮޓޯ ނެގިކަން ނުވަތަ ނުނަގާކަން." ކުއްލިއަކަށް މައާލް ބުނެލި އެއްޗަކުން ރާދިންއަށް ހައިރާންކަމާއެކު މައާލްއަށް ބަލައިލެވުނެވެ.

"މައާލްއަށް ކިހިނެއް އެނގުނީ؟" އޭނާއަށް ބުނެވުނެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު