ލަސްވިޔަސްގެ ޓިކެޓު ދޫކުރަން ފަށައިފި

މުހައްމަދު ނިޔާޒް (ޓެޑްރީ) ގިނަ ދުވަސްތަކެއްގެ މަސައްކަތް ހަގީގަތަކަށް ހަދައި ނެރެން ތައްޔާރުވެފައިވާ ފިލްމު "ލަސްވިޔަސް"ގެ ޓިކެޓު ދޫކުރަން ފަށައިފި އެވެ.

ގިނަ ބަޔަކު ވެސް އިންތިޒާރު ކުރަމުން އަންނަ ފިލްމު ލަސްވިޔަސް ރިލީޒްކުރުމުގެ ތާރީހު ކައިރިވަމުން އަންނަ އިރު ފިލްމު ބަލަން ބޭނުންވާ މީހުންނަށް މިހާރު ޓިކެޓު އޯޑަރު ކުރުމުގެ ފުރުސަތު އެބައޮތެވެ. ޓެޑްރީގެ އިޓާނަލް ޕިކްޗާސްއިން ބުނެފައިވަނީ 7554411 އަށް ވައިބާ ނުވަތަ ވަޓްސްއެޕް ކޮށްލައިގެން ފިލްމުގެ ޓިކެޓު މިހާރު ނަގާލެވޭނެ ކަމަށެވެ.

ޓެޑްރީގެ ވާހަކައަކަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ފިލްމު ލަސްވިޔަސްގެ ލީޑް ރޯލުން ފެންނާނީ މަޝްހޫރު އެކްޓަރު ނިއުމާ މުހައްމަދުގެ އަންހެން ދަރިފުޅު ޒޯޔާ ހަސަނެވެ. އޭގެ އިތުރުން، އަހުމަދު އީސާ (އާނަންދު)އާއި ވާޝިޔާ މުހައްމަދު އަދި މަރިޔަމް ޝިފާ ވެސް މި ފިލްމުން ފެންނާނެއެވެ.

ލަސްވިޔަސްގައި ވާޝިޔާ ފެނިގެންދާނީ ޔުސްރާ ކިޔާ ރޯލަކުންނެވެ. އަދި، އާނަންދު ފެންނާނީ އިޤްބާލް ކިޔާ މީހެއްގެ ރޯލުންނެވެ. ޑްރާމާ ޖޯންރާއަށް ގެނެސްދޭ މި ފިލްމުގައި ޒޯޔާ ފެނިގެންދާނީ ފެނިގެންދާނީ ހަމްރާގެ ރޯލުންނެވެ.

މި ފިލްމުގެ ޓްރެއިލަރުތައް ރިލީޒްކުރަމުން އަންނަ އިރު ޓްރެއިލަރުތަކުން ވެސް އެކްޓަރުންގެ ހުނަރާއި އެހެން އެކްޓަރުންނާ ދެމެދު އޮތް ކެމިސްޓްރީ ފެނިގެން ދެއެވެ.

މި ފިލްމު ޕްރިމިއާ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 12 ވަނަ ދުވަހުގައެވެ.

"ލަސްވިޔަސް" ވާނީ ޓެޑްރީގެ ތިންވަނަ ފިލްމަށެވެ. އޭނާގެ ފުރަތަމަ ފިލްމު "ދެރިޔާ" އަދި ކާމިޔާބު ފިލްމު "އަމާނާތް" ވެސް ވަނީ ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ހޯދާފައެވެ. މިއީ 1994 ވަނަ އަހަރަށް ފަހު އޭނާ ނެރޭ ފުރަތަމަ ފިލްމެވެ.

comment ކޮމެންޓް