އަލިފާން ރޯވީ އަވަނެއް އޯވާ ހީޓުވެގެން، 3 މީހަކަށް އަނިޔާވެ ފަރުވާ ދެނީ

ހ.ސަންގުރޭޒްގެ ފުރަތަމަ ފަންގިފިލާގައި އަލިފާން ރޯވުން -- ފޮޓޯ/ މޫސާ ނަދީމް

މާލޭ، މަޖީދީ މަގާއި ސޯސަންމަގު ގުޅޭ ހަތަރު އަނގޮޅި ކަންމަތީ ކައިރީގައި ހުރި، ހ. .ސަންގުރޭޒްގެ އެއްވަނަ ފަންގިފިލާގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ތިން މީހަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަކަމަށް އެމްއެންޑީއެފުން މިއަދު ބުނެފިއެވެ.

މައުލޫމާތު ލިބުނު ގޮތުގައި ހާދިސާ ހިނގައިފައިވަނީ އިރުއޮއްސި 18:10 ހާއިރެވެ. އަލިފާންގަނޑު ކޮންޓްރޯލުކުރެވިފައިވަނީ 18:23 ހާއިރެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާގައި، އެ ވަގުތު ސަލާމާތްވާން މަސައްކަތްކުރި ބިދޭސީއެއްގެ ފައި ތަނެއްގައި އަޅައިގަނެ ހަލާކުވުމުން ފަރުވާ ދެމުން އަންނަކަމަށެވެ.

އަދި ދުމުގެ އަސަރުކޮށް، ދުވަސްވީ އުމުރުފުރާގެ ދިވެހި އަންހެނަކަށާއި ފިރިހެނަކަށް އޭޑީކޭގައި ފަރުވާދެމުން އަންނަކަމަށެވެ. ސީދާ އަލިފާނުގެ ހާދިސާގައި މީހަކަށް އަނިޔާއެއް ނުވެއެވެ.

މި ހާދިސާ ހިނގަން މެދުވެރިވީ، އެ އިމާރާތުގައި ހުރި އަވަނެއް އޯވަ ހީޓްވުމުގެ ސަބަބުންކަމަށް ވެސް ވަނީ ބުނެފައެވެ.

އެމްއެންޑީއެފުން މައުލޫމާތު ދިން ގޮތުގައި މިހާރު އަލިފާންގަނޑު ވަނީ ކޮންޓްރޯލް ކުރެވިފައެވެ.

މީގެ ކުރިން ވެސް މި ސަރަަހައްދުގައި ހިމެނޭ އަބަދަށްފެހި މަގުގައި އަލިފާނުގެ ނުރައްކާތެރި ހާދިސާއެއް ހިނގައިފައިވެއެވެ. އަދި އެ ހާދިސާގައި އެކަކު މަރު ވެސް ވެފައިވެއެވެ.

comment ކޮމެންޓް