350 މީހުންނާއެކު އެޗްއާރް ކޮންވެންޝަން ފަށައިފި

އެޗްއާރް ކޮންވެންޝަން 350 ބައިވެރިންނާ އެކު ފަށައިފި -- ފޮޓޯ/ މާލެ ސިޓީ ކައުންސިލް

ހިއުމަން ރިސޯސް ދާއިރާގެ މަސައްކަތްތެރިންނަށް ހާއްސަކޮށްގެން ބާއްވާ ހަތަރުވަނަ އެޗްއާރް ކޮންވެންޝަން 350 މީހުންނާ އެކު މިއަދު ފަށައިފިއެވެ.

މޯލްޑިވްސް އެސޯސިއޭޝަން އޮފް ހިޔުމަން ރިސޯސް ޕްރޮފެޝަނަލްސް (މާޕް)އިން އިންތިޒާމު ކޮށްގެން ބާއްވާ މި ކޮންވެންޝަން މިއަދު ފައްޓަވައިދެއްވީ މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމެވެ.

އެޗްއާރް ކޮންވެންޝަން ފައްޓަވައިދެއްވައި ދެއްކެވި ވާހަކަފުޅުގައި އާޒިމް ވިދާޅުވީ އެންމެ މުހިންމު އެއް ހުނަރަކީ ހިއުމަން ރިސޯސް މެނޭޖްމެންޓް ކަމަށެވެ. އަދި ކޮންމެ ތަނަކު މަސައްކަތްކުރި ކަމުގައިވީ ނަމަވެސް، އެ ދާއިރާގައި މަސައްކަތް ކުރާ މީހުން ބަލަނީ އެހެން މީހުން ކުރިއެރުވޭތޯ ކަމަށް އާޒިމް ވިދާޅުވިއެވެ. މޭޔަރުގެ ވާހަކަފުޅުގައި މީހުން ބިނާކުރުމުގެ މުހިންމުކަން ފާހަގަ ކުރެއްވިއެވެ.

އެޗްއާރް ކޮންވެންޝަން ފައްޓަވައިދެއްވައި، މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ދެއްކެވި ވާހަކަފުޅުގެ ތެރެއިން -- ފޮޓޯ/ މާލެ ސިޓީ ކައުންސިލް

ދެ ދުވަހަށް ކުރިޔަށް ގެންދާ މި ކޮންވެންޝަން އޮންނާނީ މިއަދާއި މާދަމާ، މޯލްޑިވްސް ނޭޝަނަލް ޔުނިވަސިޓީ (އެމްއެންޔޫ) އޮޑިޓޯރިއަމްގައެވެ.

މި އަހަރުގެ އެޗްއާރް ކޮންވެންޝަންގެ މައިގަނޑު ޝިޢާރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ "ޝޭޕިން ދަ ނިއު ވޯލްޑް އޮފް ވޯކް: ސަސްޓެއިނެބަލް ޕާފޮމެންސް އެންޑް ވޯކް ޕްރެކްޓިސަސް" އެވެ.

މި ކޮންވެންޝަންގައި ކީނޯޓް ސްޕީޗްތައް ދުނިޔޭގެ ފެންވަރުގެ ޖުމްލަ 18 ބޭފުޅަކު ދެއްވާއިރު، "ޖެނެރޭޓިވް އޭއައި އެންޑް އެޗްއާރް އެނެލެޓިކްސް، ބިލްޑިން އެމްޕްލޯއީ ކަޕަބިލިޓީޒް - ރީސްކިލިން އެންޑް އަޕްސްކިލިން، މީނިންފުލް އެންޑް ސަސްޓެއިނެބަލް ވޯކްލައިފް، އަދި އެޗްއާރް އޭޒް އަ ވެލިއު ކްރިއޭޓިން ޕާޓްނާ" އަކީ މި ކޮވެންޝަންގެ ބައިވެރިންނަށް މައުލޫމާތު ދޭނެ ދާއިރާތަކެވެ.

މާޕްއަކީ އެޗްއާރް ދާއިރާއިން މީހުން ބިނާކޮށް، އެ ދާއިރާއަށް ހޭލުންތެރިކަން އިތުރުކުރުވުމުގެ މަސައްކަތް ރާއްޖޭގައި ފެށި ފުރަތަމަ ޖަމިއްޔާއެވެ.

comment ކޮމެންޓް