ނިއުކްލިއާ ހަނގުރާމައެއްގެ އިންޒާރު ރަޝިޔާއިން ދީފި

ރަޝިޔާގެ ގާނޫނުހަދާ މަޖިލީހުގެ މެމްބަރުންނާ އެ ގައުމުގެ ރައީސް ވުލަމީޑިއާ ޕުޓިން ބައްދަލުކުރައްވަނީ. ފޮޓޯ/ރޮއިޓާސް

ހުޅަނގުގެ ގައުމުތަކުން ޔޫކްރޭނަށް ހަތިޔާރު ފޯރުކޮށްދޭނަމަ، ނިއުކްލިއާ ހަނގުރާމައެއް ފެށުމުގެ ނުރައްކާ އެބައޮތް ކަމަށް ރަޝިޔާގެ ރައީސް ވުލަމީޑިއާ ޕުޓިން ވިދާޅުވެއްޖެއެވެ.

ޕުޓިން އެގޮތަށް ވިދާޅުވީ އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނޭޓޯގެ ގައުމުތަކާއެކު އޮތްހަމަނުޖެހުންތަކުގެ ވާހަކަ ޕުޓިން މީގެކުރިން ދެއްކެވި ނަމަވެސް، މިއީ ސީދާ ހަނގުރާމައަކަށް ދާނެ ކަމަށް ފާޅުގައި އިންޒާރު ދެއްވި ފުރަތަމަ ފަހަރެވެ.

ދެހާސް ބާވީސް ވަނަ އަހަރު ފެށި ރަޝިޔާ ޔޫކްރެއިން ހަނގުރާމައަކީ 1962 ވަނަ އަހަރު ފެށި ކިއުބާ މިސައިލް ކްރައިސިސްއަށްފަހު ރަޝިޔާއަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ.

"ހުޅަނގުގެ ގައުމުތަކަށް ވިސްނެން ޖެހޭނީ އަޅުގަނޑުމެންގެ އަތުގައިވެސް އަމާޒުތަކަށް ހަމަލާދޭ ހަތިޔާރުތައް ހުރިކަން. މި ހުރިހާ ކަމަކުން ހަގީގަތުގައި ވެސް އެނގެނީ ނިއުކްލިއާ ހަތިޔާރު ބޭނުންކުރުމާއި ހަނގުރާމައިގެ ނުރައްކާ އެބައޮތްކަން. އެމީހުންނަށް އެކަން ނޭނގެނީތޯ؟" ޕުޓިން ވިދާޅުވިއެވެ.

ޕުޓިން ވަނީ މީގެކުރިން ރަޝިޔާއަށް އަރައިގަންނަން މަސައްކަތްކުރި ޖަރުމަނުވިލާތުގެ އެޑޮލްފް ހިޓްލަރަށާއި ފަރަންސޭސިވިލާތުގެ ނަޕޯލިއަން ބޮނަޕާޓްއަށްވެސް ކާމިޔާބެއް ނުލިބުނުކަން ހަނދާންކުރުމަށް ގޮވައިލައިފައެވެ.

ރަޝިޔާ ޔޫކްރޭން ހަނގުރާމައިގައި މިހާރު ކާމިޔާބު ހޯދަމުން އަންނަނީ ރަޝިޔާ ކަމަށާއި ނަމަވެސް ފިންލޭންޑާއި ސްވިޑެން ނޭޓޯގެ އަސްކަރީ އިއްތިހާދާ ގުޅެން ނިންމުމުން ހުޅަނގުގެ ބޯޑަރުތަކަށް ރަޝިޔާއިން ފޮނުވައިފައިވާ ސިފައިންގެ ފައުޖުތައް ވަރުގަދަ ކުރަންޖެހޭ ކަމަށްވެސް ޕުޓިން ވިދާޅުވިއެވެ.

comment ކޮމެންޓް