ސިދާތުގެ ފިލްމު 'ޔޯދާ'ގެ ޓްރެއިލާ ދައްކާލައިފި

އެކްޓަރު ސިދާތު މަލްހޯތްރާގެ ކުރިޔަށް އޮތް ފިލްމު "ޔޯދާ"ގެ ޓްރެއިލާ އާއްމުކޮށް، ފިލްމު ރިލީޒް ކުރާނެ ދުވަސްވެސް އިއުލާނުކޮށްފިއެވެ.

ސަސްޕެންޝަންގައި ހުންނަ ވަތަނީ އަސްކަރީ އޮފިސަރެއްގެ ރޯލްއިން ސިދާތު ފެންނާނެ މި ފިލްމު ސިނަމާތަކަށް އަންނާނީ މި މަހުގެ 15ވަނަ ދުވަހުއެވެ.

ފިލްމުގެ ޓްރެއިލާ ބެލުމަށްފަހު ވަރަށް ގިނަ ބަޔަކު ވަނީ އެކްޓަރު ސިދާތަށް ތައުރީފުކޮށްފައެވެ. މި ފިލްމަކީ ސިދާތުގެ ކެރިއަރުގެ ބޮޑު ކާމިޔާބީއެއް ހޯދި ފިލްމު "ޝޭރްޝާހު" ގެނެސްދިން ދަރުމާ ކުންފުނީގެ ފިލްމެކެވެ. ދަރުމާ ކުންފުންޏާއި އެމޭޒަން ޕްރައިމް ގުޅިގެން ގެނެސްދޭ މި ފިލްމުގެ ޑައިރެކްޓަރުންނަކީ ސާގަރު އާމްބްރޭ އަދި ޕުޝްކަރު އޯހާއެވެ.

ފިލްމު ސިނަމާތަކުގައި އަޅުވާތާ މާގިނަ ދުވަހެއް ނުވެ އެމޭޒަން ޕްރައިމްއަށް ފިލްމު ދޫކޮށްލާނެތީ ގިނަބަޔަކު ވަނީ އެކަމާ އުފާފާޅުކޮށްފައެވެ. ސިދާތުގެ އިތުރުން މި އެކްޝަން ތުރިލާގެ މުހިއްމު ރޯލް ކުޅެފައިވާ ތަރިންގެތެރޭ ދެކުނުގެ ބަތަލާ ރާޝީ ކަންނާ، ދިޝާ ޕަތާނީ އަދި ރޮނިތު ރޯއި ހިމެނެއެވެ.

ފިލްމު "ޔޯދާ"ގެ މަންޒަރެއްގައި ސިދާތު އަދި ރާޝީ-- ފޮޓޯ/ ޓެލެގްރާފްއިންޑިއާ

މިދިޔަ އަހަރު ފިލްމު "މިޝަން މަޖްނޫ"އިން ބެލުންތެރިންނަށް ފެނުނު އެކްޓަރު ވަނީ އެމޭޒަން ޕްރައިމްގައި ޕްރިމިއާކުރި ކެރިއަރުގެ ފުރަތަމަ ވެބް ސީރީސް "އިންޑިއަން ޕޮލިސް ފޯސް"އިންވެސް ފެނިފައެވެ.

ޒިންމާދާރު ފުލުހެއްގެ ރޯލްއިން ސިދާތު ފެނުނު މި ވެބް ސީރީސްއަށް އާއްމުންގެ ފަރާތުން ލިބުނު ބޮޑު ތަރުހީބާ ގުޅިގެން މި ސީރީސްގެ ދެވަނަ ބައެއް އުފެއްދުމާ މެދު މަޝްވަރާ ކުރެވެމުންދާ ކަމަށް "އިންޑިއަން ޕޮލިސް ފޯސް"ގެ ޑައިރެކްޓަރު ރޯހިތު ޝެޓީ ވަނީ ބުނެފައެވެ.

comment ކޮމެންޓް