އެހީގެ އިންތިޒާރުގައި ތިބި ފަލަސްތީނުގެ އާންމުންނަށް ދިން ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފި

ފަލަސްތީނުގެ ނިކަމެތި އާންމުން ކާބޯތަކެއްޗަށް އަތް ދިށްކޮށްގެން: ފޮޓޯ/ އެޕީ

އިންސާނީ އެހީއާއި ކާބޯތަކެތީގެ އިންތިޒާރުގައި ތިބި ފަލަސްތީނުގެ އެތައް ހާސް ބަޔަކަށް އިޒްރޭލުގެ ލާއިންސާނީ ބާރުތަކުން ދިން ހަމަލާ ދިވެހިރާއްޖެއިން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

އިންސާނީ އެހީއާއި ކާބޯތަކެތީގެ އިންތިޒާރުގައި ތިބި ފަލަސްތީނުގެ އާންމުންނަށް އަމާޒުކޮށް އިއްޔެ އިޒްރޭލުގެ އަނިޔާވެރިން ދިން ހަމަލާގައި ވަނީ 100 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލައިފައެވެ. އަދި، އެ ހަމަލާގައި 700 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމުކޮށްލައިފައެވެ.

އެ ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް ދިވެހި ޚާރިޖީ ވުޒާރާއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، އިޒްރޭލުގެ ނޭއްގާނީ ހަމަލާތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި، އެއީ ބައިނަލްއަގުވާމީ ގާނޫނުތަކާއި އިންސާނީ ހައްގުތަކާ ވެސް މުޅިން ހިލާފު އަމަލެއް ކަމަށް ރާއްޖެއިން ވަނީ ބުނެފައެވެ.

ރާއްޖެއިން ވަނީ ފަލަސްތީނާ އެކު ސާބިތުވެ ތިބިކަން ތަކުރާރުކޮށްފައެވެ. އަދި، ކުއްލި އަދި މުހިއްމު ނިންމުންތަކެއް ނިންމައި ހަނގުރާމަ ހުއްޓުވައި، އިޒްރޭލާ މެދު ފިޔަވަޅު އަޅަން ރާއްޖެއިން ވަނީ ދުނިޔެއަށް ގޮވާލައިފައެވެ.

ޣައްޒާގެ ސިއްހީ ވުޒާރާއިން ބުނި ގޮތުގައި އެހީގެ އިންތިޒާރުގައި ތިބި ފަލަސްތީނުގެ އާންމުންނަށް އިޒްރޭލުން ދިން ހަމަލާގައި މަދުވެގެން 112 މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. އަދި، 750 އަށް ވުރެ ގިނަ މީހުން ޒަޚަމުކޮށްލާފައިވާ ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

https://sun.mv/189313

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތްވަނަ ދުވަހު ފަލަސްތީނުގެ ހަމާސް ޖަމާއަތުން އިޒްރޭލަށް ދިން ކުއްލި ހަމަލާގެ ބަދަލުގައި ކަމަށް ބުނެ އިޒްރޭލުން ފަލަސްތީނުގެ އާންމުންނަށް އަމާޒުކޮށް ދެމުން އަންނަ ލާއިންސާނީ ހަމަލާތަކުގައި 30،000 އެއްހައި މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. އަދި، 70،000 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމުކޮށްލައިފައެވެ.

އިޒްރޭލުގެ ރަހުމެއް ނެތް އުދުވާނާ ގުޅިގެން ޣައްޒާގެ ރައްޔިތުން ވަނީ ބިކަވެފައެވެ. އެ ސަރަހައްދުގައި ދިރިއުޅޭ 2.3 މީހުން ވަނީ ނިކަމެތިވެފައެވެ. އެ މީހުން ގެދޮރު ވަނީ ސުންނާފަތި ކޮށްލާފައެވެ. ހޮސްޕިޓަލުތައް ވަނީ ބަންދު ކުރަން މަޖުބޫރު ކުރުވާފައެވެ. ސިއްހީ ހިދުމަތްތައް ވަނީ ހުއްޓުމަކަށް ގެނުވާފައެވެ.

ޣައްޒާއަށް ކާބޯތަކެތި ވެއްދުމަށް ހުރަސް އަޅައި, އިސްރާއީލުން ދަނީ ޣައްޒާގެ ކުޑަކުދިން ހައިހޫނު ކަމުގައި މަރަމުންނެވެ.

comment ކޮމެންޓް