ފަލަސްތީނުން ފެންނަނީ ވަތަން ދެކެ ލޯބިވުމުގެ ނަމޫނާ: ޚުތުބާ

ފަލަސްތީނުގެ އާއިލާއެއް އިސްރާއީލުން ސުންނާފަތި ކޮށްލާފައިވާ ތަނެއްގައި -- ފައިލް ފޮޓޯ/ ރެއުޓާސް

އިސްރާއީލުން ފަލަސްޠީނުގެ ޣައްޒާ ހިސާރުކޮށް ރޭގަނޑާ ދުވާލު އެ ބިމަށް ބޮން އޮއްސާ ހަމަލާދެނީ ޣައްޒާގެ ރައްޔިތުން އެ މީހުންގެ ވަތަނުން ބޭރުކުރަން ކަމަށާއި އެ މީހުން އެ ބިމުން ނުފައިބާ ސަބަބަކީ ބިމާއި ވަތަނަށް ހުރި ކުލުނެއްގެ ބޮޑުކަމުން ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

ވަތަންދެކެ ލޯބިވުމުގެ މައްޗަށް މިއަދު ކީ ހުކުރު ޚުތުބާގައި ބުނީ، ފެނާއި، ކާބޯތަކެއްޗާއި، ގޭހާއި، ކަރަންޓާއި އަސާސީ ބޭނުންތަކުން އެ ރައްޔިތުން މަހުރޫމުކުރަނީ ވެސް އެ މީހުންގެ ވަތަނުން ބޭރުކުރުމުގެ ނިޔަތުގައި ކަމަށެވެ. ނަމަވެސް، ފަލަސްޠީނު ރައްޔިތުންގެ ކިބައިން ފެންނަނީ ވަތަންދެކެ ލޯބިވުމުގެ ނަމޫނާ މިސާލެއް ކަމަށް ޚުތުބާގައި ބުންޏެވެ.

ޚުތުބާގައި ބުނީ ދީނާއި އަގީދާއަށް ފަހު، އެންމެ އަގުބޮޑު އެއްޗަކީ ވަތަން ކަމަށެވެ. އަދި، ވަތަންދެކެ ފަޚުރުވެރިނުވާ އިންސާނަކު ނުވާނެ ކަމަށް ޚުތުބާގައި ބުންޏެވެ.

"އުތުރުތަނޑީގައި ގަދަ ފިނީގައި ދިރިއުޅޭ އިންސާނާ، އެ ތަން ދޫކޮށްފައި ނުދަނީ ކީއްވެގެން ހެއްޔެވެ؟ ބޯ ފިހޭވަރުގެ ހޫނުގަދަ ސަހަރާގައި ދިރިއުޅޭ މީހުން އެތަން ދޫކޮށްފައި ނުދަނީ ކީއްވެ ހެއްޔެވެ؟ ބިރުވެރި ހައިވާނުންތަކާއެކު ބޯ ޖަންގަލީގައި ދިރިއުޅޭ މީހުން އެ މާހައުލު ދޫކޮށްފައި ނުދަނީ ކިއްވެހެއްޔެވެ؟ މި ހުރިހާ އެންމެން ވެސް މި ބުރަތައް އުފުލަނީ އެ މީހުންގެ ވަޒަނަށް ޓަކައެވެ،" ޚުތުބާގައި ބުންޏެވެ.

ކީރިތި ރަސޫލާ ވެސް އެ ކަލޭގެފާނުގެ ވަތަން ކަމުގައިވާ މައްކާގެ ބިންދެކެ ލޯބިފުޅުވާކަން ފާހަގަކުރައްވާ ޚުތުބާގައި ބުނީ، މައްކާގެ މުޝްރިކުން އެ ކަލޭގެފާނު މައްކާގެ ބިމުން ނެރެލި ދުވަހު، ވަރަށް އަސަރުން ފުރިގެންވާ އިބާރާތަކުން ވަތަން ދެކެ ލޯބިވާ މިންވަރު ހާމަކުރެއްވި ކަމަށެވެ.

ވަތަނަށްޓަކާ ކޮންމެ މީހަކު އަދާކޮށްދޭން ޖެހޭ ވާޖިބުތަކުގެ ތެރޭގައި ގައުމު ބިނާކުރުމުގައި ބައިވެރިވެ ކޮންމެ މީހަކު އެމީހެއްގެ ހިއްސާ އަދާކުރުން ހިމެނޭކަމަށް ޚުތުބާގައި ބުންޏެވެ. އަދި ގައުމު ބިނާކުރުމުގައި ބައިވެރިވުމަކީ ﷲ އިންސާނާއާ ހަވާލުކުރައްވާފައިވާ ދުނިޔެ އާރާސްތު ކުރުމުގެ މަސައްކަތުގައި ބައިވެރިވުން ކަމަށް ޚުތުބާގައި ބުންޏެވެ.

ޚުތުބާގައި ބުނީ ގައުމު ބިނާކުރުމުގެ ތެރޭގައި، އާންމު ޚިދުމަތްތައް ދިނުމަށް ބިނާކުރެވިފައިވާ ބިނާވެށިތައް ރައްކާތެރިކުރުމާއި، ގައުމުގެ މަގުތަކާ ވަސީލަތްތައް މީހުންނަށް ދަތި ނުވާނޭހެން ބޭނުން ކުރުމާއި، ތައުލީމު ހާސިލް ކުރުމަށް ފަހު ގައުމަށް އޭގެ ފައިދާ ހޯދައިދިނުން ހިމެނޭ ކަމަށް ޚުތުުބާގައި ބުންޏެވެ.

comment ކޮމެންޓް