ކުނި އުކާ އާންމު އުޅަނދުތަކުން ނަގާ ފީ ކުޑަކޮށްފި

ވެމްކޯގެ ކުނި ކަލެކްޝަންގައި ބޭނުން ވެހިކަލަކުން ކުނި ބާލަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލެ ސަރަހައްދުގައި ކުނި އުކާ އާންމުންގެ އުޅަނދުތަކުން ނަގާ ފީ މިއަދުން ފެށިގެން ކުޑަކޮށްފިއެވެ.

ވެމްކޯއިން މިއަދު ނެރުނު އިއުލާނެއްގައި ބުނީ އާންމު ފަރާތްތަކުން ވެހިކަލްތަކުގައި ގެންދާ ކުންޏަށް 1،060 ރުފިޔާ މިހާރު ނަގަމުން އައި ނަމަވެސް މިއަދުން ފެށިގެން ވެހިކަލްގައި ގެންދާ ކުނީގެ ފީގެ ގޮތުގައި ނަގާނީ 750 ރުފިޔާ ކަމަށެވެ.

މީގެ އިތުރުން، ފުރަމާލެ ސަރަހައްދުގައި ކުނި އުކާލުމުގެ ޚިދުމަތް ފޯރުކޮށްދޭ ފެސިލިޓީތަކަށް އަންނަ އާންމުންނާއި ސަރުކާރު އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ކޮންމެ އުޅަނދަކަށް ޚިދުމަތުގެ އަގެއް ގޮތުގައި ވެމްކޯގެ ސައިޓަށް ވަންނަ ކޮންމެ ފަހަރަކު 150 ރުފިޔާގެ ފީއެއް ނަގާނެ ކަމަށް ވެސް އެ އިއުލާނުގައި ވަނީ ބުނެފައެވެ.

އަގަށް ގެންނަ ބަދަލާ އެކު މާލޭ ސަރަހައްދުގައި ވެއި ބްރިޖް ގާއިމްވެފައިވާ ފެސިލިޓީތަކަށް ކުނި ގެނައުމުން އާންމުންގެ ފަރާތުން އަންނަ އުޅަނދަށް ޗާޖު ކުރާނީ، ގެންނަ ކުނީގެ ބަރުދަނަށް ބަލައި ޓަނަކަށް 750 ރުފިޔާކަމަށް ވެމްކޯއިން ބުނެފައިވެއެވެ. މިފަދަ ފެސިލިޓީތަކަށް ކުނި ގެންނަ ސަރުކާރު އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ކުނި ގެންދިއުމުން ޗާޖު ކުރާނީ ގެންދާ ކުނީގެ ބަރުދަނަށް ބަލައި ޓަނަކަށް 2،660 ރުފިޔާއެވެ.

އެހެންނަމަވެސް ވެއި ބްރިޖު ނެތް ފެސިލިޓީތަކުން އާންމުންގެ އަތުން ނަގާނީ ޓަނަކަށް 750 ރުފިޔާކަމަށް ވެމްކޯއިން ނެރުނު އިއުލާނުގައި ވަނީ ބުނެފައެވެ.

ކުނި އުކާ އާންމުންގެ އުޅަނދުތަކުން ނަގާ ފީ ކުޑަކުރާނެކަން ވެމްކޯއިން ފުރަތަމަ އިއުލާނު ކުރީ، މިދިޔަ ހޮނިހިރު ދުވަހުއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް