ފަލަސްތީނަށް ސަޕޯޓު ކުރުމުން ޔޫފޯރިއާ ތަރި ޖަލަށް

ފަލަސްތީނަށް ހަމަލާ ދިނުން ހުއްޓުވުމަށް ގޮވާލައި ބޭއްވި އެއްވުމެއްގެ ތެރެއިން ޔޫފޯރިއާ ތަރި ހަންޓާ ޝޭފާ ހައްޔަރު ކޮށްގެން ގެންދަނީ ---

ފަލަސްތީނަށް ދެމުންދާ ހަމަލާތައް އެއްކޮށް ހުއްޓާލުމަށް ގޮވާލައި ކުރިއަށް ގެންދިޔަ އެއްވުމެއްގައި ބައިވެރިވުމާ ގުޅިގެން އެޗްބީއޯގެ އެންމެ މަގުބޫލު އެއް ޝޯ ކަމަށްވާ "ޔޫފޯރިއާ"އިން މަގުބޫލުކަން ހޯދި ތަރި ހަންޓާ ޝޭފާ ޖަލަށް ލައިފިއެވެ.

އުމުރުން 25 އަހަރުގެ ހަންޓާ އަކީ ޔޫފޯރިއާގެ ބްރޭކްއައުޓް އެކްޓަރެވެ. މީގެ ކުރީން މޮޑެލް ކުރަމުން އައި ހަންޓާ މިހާރު އަންނަނީ ހޮލީވުޑްގެ ބޮޑެތި ޕްރޮޖެކްޓުގައި މަސައްކަތް ކުރަމުންނެވެ. އެގޮތުން މަޝްހޫރު ހަންގާ ގޭމްސް ފްރެންޗައިޒްގެ އެންމެ ފަހުގެ ފިލްމު "ދަ ބަލާޑް އޮފް ސޯންގްބާޑްސް އެންޑް ސްނޭކްސް"ގެ މުހިއްމު ރޯލަކުން އޭނާ ވަނީ ފެނިގެން ގޮސްފައެވެ.

މި ހަފުތާގެ ތެރޭގައި އެމެރިކާގައި ބޭއްވި ޕްރޯ ފަލަސްތީނު އެއްވުމެއްގައި ހަންޓާ ވަނީ ބައިވެރިވެފައެވެ. މި އެއްވުން ކުރިއަށް ގެންގޮސްފައިވަނީ މަޝްހޫރު ލޭޓް ނައިޓް ޝޯ ސެތު މެޔާސްގެ ސްޓޫޑިއޯ ބޭރުގައެވެ. އެގޮތުން އެއްވުން ކުރިއަށް ގެންދިޔައި އެ ޝޯއަށް، އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަޑައިންނެވި އިރުގައެވެ.

އެއްވުމުގައި ގޮވަމުން ދިޔައީ ފަލަސްތީނަށް ދެމުންދާ ހަމަލާތައް ހުއްޓުވުމަށެވެ. އަދި އިޒްރާއީލަށް އެމެރިކާއިން ކުރާ ފަންޑުތައް އެއްކޮށް ހުއްޓާލުމަށެވެ. ފަލަސްތީނަށް މިނިވަންކަން ހޯދައިދީ އަމިއްލަ ގައުމަކަށް ހެދުމުގެ ފުރުސަތު ދިނުމަށް ގޮވާލަމުން ދިޔަ މި އެއްވުމަކީ ޖޫއިން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދިޔަ އެއްވުމެކެވެ.

މިކަމާ ގުޅިގެން އެއްވުމުގައި ފާހަގަކޮށްލެވޭ ގިނަ ބަޔަކު ހައްޔަރު ކުރިއެވެ. އޭގެތެރޭގައި ހަންޓާ ވެސް ހިމެނެއެވެ. ނަމަވެސް ހަންޓާ ހައްޔަރުކޮށް މާ ގިނައިރުތަކެއް ނުވަނީސް އޭނާ ވަނި ދޫކޮށްލާފައެވެ.

އެކަމާ ގުޅިގެން ހަންޓާ އިތުރަށް ބުނެފައިވަނީ އޭނާ ފަލަސްތީނުގެ ހައްގުގައި ވާހަކަ ދެއްކުން ހުއްޓައި ނުލާނެ ކަމަށެވެ. އަދި އެއީ އެއްވެސް ވަރަކަށް ފަހަތަށް ޖެހޭނެ ކަމެއް ނޫން ކަމުގައި ހަންޓާ އިތުރަށް ފާހަގަކުރިއެވެ.

comment ކޮމެންޓް