ހުކުމާ އެކު މަޖިލީހުގެ ނިންމުންތަކުގެ ސައްހަކަމާ މެދު ސުވާލު އުފެދިއްޖެ: ރައީސް

ރައީސް މުއިއްޒު މިއަދު ކެނދިކުޅުދޫގައި: އެ މަނިކުފާނު ވިދާޅުވީ މަޖިލީހުން ނިންމި ނިންމުންތަކާ މެދު ސުވާލު އުފެދިފައިވާ ކަމަށް -- ސަން ފޮޓޯ/ މޫސާ ނަދީމް

ރައްޔިތުންގެ މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަދަދު ގުނުމާ މެދު ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމާ އެކު އިއްޔެ އެ މަޖިލީހުން ދެވަނަ ފަހަރަށް ފާސްކުރި އިންތިޚާބު ލަސްކުރާ ގާނޫނުގެ ސައްހަކަމާ މެދު ސުވާލު އުފެދިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް ގެނައި ބަދަލު ތަސްދީގުނުކުރައްވައި އަނބުރާ ފޮނުވައިލުމުން މަޖިލީހުން އިއްޔެ ނިންމާފައިވަނީ ބަދަލެއް ނުގެނެސް ދެވަނަ ފަހަރަށް ފާސްކުރުމަށެވެ. ދެވަނަ ފަހަރަށް ބިލެއް ފާސްކުރުމުން، އެ ބިލެއް ތަސްދީގުކޮށް ގެޒެޓުކުރަން ރައީސް ޖެހިވަޑައިގަންނަވާނެ ކަމަށް ގާނޫނުއަސާސީގައި ބުނެފައިވެއެވެ.

އެކަމަކު، އިންތިޚާބު ފަސްކުރާ ގާނޫނު ތަސްދީގުނުކުރައްވަނީސް މިއަދު ސުޕްރީމް ކޯޓުން ވަނީ މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަދަދަކީ 80 ކަމުގައި ނުބެލެވޭނެ ކަމަށް ހުކުމްކޮށްފައެވެ.

https://sun.mv/189279

ސުޕްރީމް ކޯޓުގައި މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމުގައި ބުނެފައިވަނީ ޖުމުލަ މެންބަރުންގެ އަދަދު 80 ކަމުގައި ކަނޑައަޅާފައިވަނީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށެވެ. އެކަމަކު، ބަންޑާރަނައިބުގެ ފަރާތުން ކޯޓަށް ހުށަހެޅި މަޖިލީސް ގަވާއިދުގެ 49 ވަނަ މާއްދާ މިހާރު ބާތިލުކޮށް، އެހެން މާއްދާއެއްގައި އެކަން ހިމަނާފައިވާތީ ކުރެވޭނެ ކަމެއް ނެތް ކަމަށް ވެސް ހަމަ އެ ހުކުމުގައި ބުނެފައިވެއެވެ.

އެހެންވެ، ރައީސް މިއަދު ނ. ކެނދިކުޅުދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ވިދާޅުވީ ހުކުމާ އެކު ދެވަނަ ފަހަރަށް ފާސްކުރި ގާނޫނާ މެދު ސުވާލު އުފެދިފައިވާ ކަމަށެވެ. ރައީސް ވިދާޅުވީ، ޖުމުލަ މެންބަރުންގެ އަދަދީ 80 ކަމުގައި ބަލައިގެން ނިންމި ހުރިހާ ނިންމުމެއްގެ ސައްހަކަމާ މެދު ސުވާލު އުފެދިފައިވާތީ، އިއްޔެ މަޖިލީހުން ދެވަނަ ފަހަރަށް ފާސްކޮށް ތަސްދީގުކުރަން ފޮނުވި އިންތިޚާބު ފަސްކުރާ ބިލް ތަސްދީގުކުރެއްވުމުގެ ކުރީގައި ބަންޑާރަނައިބުގެ ލަފައަކަށް އެދިވަޑައިގެންފައިވާ ކަމަށެވެ.

ރައީސް މުއިއްޒު، ނ. ކެނދިކުޅުދޫގައި: އެ މަނިކުފާނު ވިދާޅުވީ ރޯދަ މަހު އިންތިޚާބު ބާއްވަން ބޭނުންފުޅުނުވާ ކަމަށް -- ސަން ފޮޓޯ/ މޫސާ ނަދީމް

"ޖުމުލަ މެންބަރުންގެ އަދަދު 80 ކަމަށް ބަލައިގެން ނިންމާ ކޮންމެ ނިންމުމެއް އެހެންވީމާ ގާނޫނުއަސާސީއާ ހިލާފުވާނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.

"ބަންޑާރަނައިބުގެ ގާނޫނީ ލަފަޔަށް އަޅުގަނޑު މިހާރު ވާނީ ދަންނަވާފައި. އެއީ، މި ކަހަލަ ނިންމުމެއް ނިންމީމާ ސުވާލު އެބަ އުފެދޭ.... އެ ނިންމި މައްސަލަތަކުގެ ގާނޫނީ ހައިސިއްޔަތާ މެދުގައި،"

އެ ކަމުގައި ބަންޑާރަނައިބުގެ ލަފައެއް ލިބުމާ އެކު ގޮތް ނިންމަވާނެ ކަމަށާއި ތަސްދީގުކުރައްވަން ވިދާޅުވެއްޖެ ނަމަ ވަގުތުން ތަސްދީގުކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"ﷲގަންދީ އަޅުގަނޑު ކުރި ހުވައަކީ އޭގެ ކޮންމެ ލަފުޒަކަށް އަޅުގަނޑު ދުނިޔޭގައި ވެސް އާޚިރަތުގައި ވެސް ޒިންމާވާންޖެހޭ ހުވައެއް. އަޅުގަނޑަށް އެ ހުވާގެ ކޮންމެ ލަފުޒެއް ކޮންމެ އަކުރެއް މެޓާވޭ. އެހެންވީމާ އަޅުގަނޑު ގާނޫނުއަސާސީއާ ކުޑަ ތަންކޮޅެއް ވެސް ހިލާފެއް ނުވާނަން،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ކެނދިކުޅުދޫގެ ރައްޔިތުންނާ ބައްދަލުކުރައްވަން ބޭއްވި ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ މޫސާ ނަދީމް

އެ މަނިކުފާނު ވިދާޅުވީ ރޯދަ މަހު އިންތިޚާބު ބާއްވަން ބޭނުންފުޅުވެނުލައްވައި ކަމަށެވެ. އެހެންވެ، އެންމެ ފުރަތަމަ މި މައްސަލައިގައި ނުރަސްމީ ލަފައަކަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން އެދުމުން ވެސް ރޯދައިގެ ކުރިން އިންތިޚާބު ބާއްވަން އެދިވަޑައިގެންނެވިން ކަމަށް ރައީސް ވިދާޅުވިއެވެ.

ރޯދައިގެ ކުރިން އިންތިޚާބު ބާއްވަން ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެންނަން ދެކޮޅު ހެދީ އެމްޑީޕީން ކަމަށާއި މިހާރު އަނެއްކާ ރޯދަ މަހާ އިންތިޚާބު ދިމައިވާ ކަމަށް ބުނެ އިންތިޚާބު ފަސްކުރަން އުޅެނީ "އަޑި ނޭނގޭ" ސަބަބަކާ ހެދި ކަމަށް އެ މަނިކުފާނު ވަނީ ތުހުމަތު ކުރައްވައިފައެވެ. ރައީސް ވިދާޅުވީ، ރޯދަ މަހަކީ އަޅުކަމުގެ މައްސަރު ކަމަށާއި އެހެންވެ އިންތިޚާބުގެ ކްމްޕޭންގައި ރޯދަ މަހު އުޅުއްވަން ބޭނުންފުޅުވެނުލައްވައި ކަމަށެވެ.

"އަޅުގަނޑު ބޭނުމެއް ނޫން ރޯދަ މަސް ތެރޭގައި އިންތިޚާބު ބާއްވާކަށް. ރޯދަ މަހަކީ އަޅުކަމުގެ މައްސަރެއް ވީމާ ނޫންތޯ އަޅުގަނޑުމެން އިންތިޚާބު ތެރޭގައި ވައުދުވީ ގޮތަށް މިހާރު އެ އޮތީ ފަހު 10 ވެސް ރަސްމީ ބަންދު ދުވަސްތަކެއްގެ ގޮތުގައި ކަނޑައަޅާފައި،" ރައީސް މުއިއްޒު ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސް އަސްލަމް (ވ) އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު (ކ): ރައީސް ވަނީ އެމްޑީޕީއަށް ފާޑު ވިދާޅުވެފައި -- ފޮޓޯ/ ރައީސް އޮފީސް

އިންތިޚާބު ފާސްކުރާ ބިލު ތަސްދީގުނުކުރައްވައި ހުންނެވި ސަބަބު ސާފުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ސުޕްރީމް ކޯޓުގެ ހުކުމާ އެކު މަޖިލީހުން ނިންމި ނިންމުންތަކުގެ ސައްހަކަމާ މެދު ސުވާލު އުފެދިފައިވާތީ ކަމަށެވެ.

އެ މައްސަލައިގައި މަޖިލީހުން ނިންމާފައިވާ ނިންމުންތައް ގާނޫނުއަސާސީއާ ފުށުނާރައި ކަމަށް ބަންޑާރަނައިބު މިއަދު ލަފާދެއްވި ނަމަވެސް ވަގުތުން ވަގުތަށް އެ ބިލު ތަސްދީގުކުރައްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"އިއްޔެ ނިންމި ނިންމުން ވެސް އެއީ ތަސްދީގުކުރަންޖެހޭ ނިންމުމެއް ކަމަށް ލަފާ ލިބިއްޖެއްޔާ ހަމަ ވަގުތުން ތަސްދީގުކޮށްލައިނަން،" އެ މަނިކުފާނު ސާފުކޮށްދެއްވިއެވެ.

އެ މަނިކުފާނު ވަނީ ގާނޫނުއަސާސީއާއި ރައީސްކަމުގެ ހުވައިގެ އެންމެ ލަފުޒަކާ ވެސް ހިލާފުވެވަޑައިނުގަންނަވާނެކަމުގެ ފުރިހަމަ ޔަގީންކަން އަރުވައިފައެވެ.

އިންތިޚާބު ރޯދަ މަހާ ދިމައިވާތީ ރޯދަ މަސް ނިމި، 10 ދުވަސް ފަހުން އިންތިޚާބުތައް ބޭއްވޭ ގޮތަށް އިންތިޚާބުތަކައިބެހޭ އާންމު ގާނޫނަށް ގެނައި އިސްލާހު ތަސްދީގުނުކުރައްވައި ރައީސް އަނބުރާ ފޮނުވައިލެއްވުމުން އިއްޔެ މަޖިލީހުގެ 47 މެންބަރުންގެ ވޯޓުން ވަނީ އެ ބިލު ދެވަނަ ފަހަރަށް ފާސްކޮށްފައެވެ. އެހެންވެ، އެ ބިލު ތަސްދީގުކުރައްވަން ޖެހިވަޑައިގަންނަވާނެއެވެ.

comment ކޮމެންޓް