އިންތިޚާބާ ބެހޭ ބިލް ދެވަނަ ފަހަރަށް ފާސްކުރުމުން ގާނޫނަކަށްވެ، އަމަލުކުރުން ލާޒިމްވޭ: ޖަމީލް

ގާނޫނީ ވަކީލް އަދި ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙުމަދު: އިންތިޚާބާ ބެހޭ ބިލް ދެވަނަ ފަހަރަށް ފާސްކުރުމުން ގާނޫނަކަށްވެ، އަމަލުކުރުން ލާޒިމްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި -- ސަން ފައިލް ފޮޓޯ/ ފަަޔާޒު މޫސާ

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭ ގޮތަށް އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނަށް ގެނައި އިސްލާހު، ކުރިން އޮތް ގޮތަށް ދެވަނަ ފަހަރަށް ފާސްކުރުމުން އެ ބިލް ގާނޫނަކަށްވެ، އަމަލުކުރުން ލާޒިމްވާ ކަމަށް ގާނޫނީ ވަކީލް އަދި ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙުމަދު މިއަދު ވިދާޅުވެއްޖެއެވެ.

ރޯދަ މަސް ނިމި، 10 ދުވަސް ފަހުން އިންތިޚާބު ބާއްވާ ގޮތަށް ގާނޫނު އިސްލާހުކޮށް، އެ ބިލު ތަސްދީގުކުރަން ރައީސް އޮފީހަށް ފުރަތަމަ ފޮނުވީ މި މަހު 12 ގައެވެ. އެކަމަކު، މިދިޔަ ހޯމަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ބިލު ތަސްދީގުނުކޮށް، އަނބުރާ މަޖިލީހަށް ފޮނުވާލައްވައިފައެވެ.

ނަމަވެސް މިއަދު އަނެއްކާވެސް މަޖިލީހުގައި ބިލަށް ވޯޓަށް އަހައި، 47 މެންބަރުންގެ އަޣުލަބިއްޔަތުން ބިލް ވަނީ ފާސްކޮށްފައެވެ.

ޖަމީލް "ސަން"އަށް ވިދާޅުވީ، ރައީސް އަނބުރާ ފޮނުވާލައްވާ ބިލެއް ދެވަނަ ފަހަރަށް މަޖިލީހުން ފާސްކޮށްފި ނަމަ އެހާ ހިސާބުން ބިލް ގާނޫނަކަށްވާ ކަމަށް ގާނޫނު އަސާސީގައި ބުނެފައިވާ ކަމަށެވެ. އެގޮތުން ގާނޫނު އަސާސީގެ 91 ވަނަ މާއްދާގެ (ށ)ގައި، ރައީސަށް ފޮނުވާ ބިލެއް އަނބުރާ ނުފޮނުވައި، ތަސްދީގު ކުރަން ދީފައިވާ މުއްދަތު ފަހަނައަޅައި ހިނގައްޖެ ނަމަ އެ ބިލް ގާނޫނަކަށްވާ ކަމަށް ބަޔާންކޮށްފައި އޮތްކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

"އެހެން ކަމުން އަޅުގަނޑުގެ ސާފު ރައުޔަކީ ދުސްތޫރީ ގޮތުން ބަލާއިރު ރާއްޖޭގައި ރައީސަކު ބިލް ވީޓޯ ކުރުމަށް އޮންނަ ޕްރޮސީޖާ ކާމިޔާބު ނުވެއްޖެ ނަމަ އެ ބިލް ގާނޫނަކަށް ވީ،" ޖަމީލް ވިދާޅުވިއެވެ.

މީގެ އިތުރުން އެ ބިލް ރައީސް ތަސްދީގު ކުރެއްވުމާއި ނުކުރެއްވުން އެއީ ގާނޫނީ ކަމަކަށް ވުރެ އިދާރީ ކަމެއް ކަމަށާއި، ބިލް ދެވަނަ ފަހަރަށް ފާސްކުރުމުން ގަނޫނީ ބާރު ހިނގާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"އަދި ރައީސަކަށް ބިލް ތަސްދީގު ނުކުރުމުގެ ބާރު ދީފައި ނެތުމުން ވެސް އެނގެނީ ބާރެއް ނެތް ކަމެއްގެ މައްޗަށް އަމަލު ނުކުރެވޭނެކަން،" ޖަމީލް ވިދާޅުވިއެވެ.

އެހެންވެ، ބިލް ފާސްކުރުމާއެކު ގާނޫނަކަށް ވެފައިވާތީ އަމަލުކުރުން ލާޒިމުވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ރައީސް މީގެ ކުރިން އެ ބިލު އަނބުރައި ފޮނުއްވައިލެއްވީ، އެ ބިލުގައި، ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ އުސޫލުތަކާ ތައާރުޒުވާ ކަންކަމާއި، ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ ގޮތުގެމަތީން އިންތިޚާބުތައް ބޭއްވުމާއި މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް ހުރަސްއެޅިދާނެ ފަދަ އިޖުރާއާތުތައް ކަނޑައަޅާފައިވާކަން ދައުލަތުގެ ބަންޑާރަނާއިބު ފާހަގަކުރައްވައި، އެ ކަންކަން އިސްލާހުކުރުމަށް ބިލަށް ބަދަލުތަކެއް ގެންނަން ޖެހޭކަމަށް ބަންޑާރަނައިބު ލަފާދެއްވާފައިވާތީ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެ ބިލް ފާސްކުރުމަށް ފަހު، މަޖިލީހުގެ އަޣުލަބިއްޔަތު އޮތް އިދިކޮޅު އެމްޑީޕީން ވަނީ، ރައީސް މިއަދުން މިއަދަށް އެ ބިލް ތަސްދީގުކޮށް ނިންމަވަން ޖެހިވަޑައިގަންނަވާނެ ކަމަށް ފެންނަ ކަމަށް ބުނެފައެވެ. އަދި ގާނޫނު އަސާސީ ލާޒިމް ކުރާ ގޮތަކީ އެއީ ކަމަށާއި ސުޕްރީމް ކޯޓުން އެ މާއްދާ މާނަކޮށްފައި އޮތް ގޮތަކީ ވެސް އެއީ ކަމަށް އެ ޕާޓީން ބުންޏެވެ.

https://sun.mv/189256

ނަމަވެސް، ބިލް ފާސްކުރި ފަހުން ބޭއްވި ޖަލްސާއެއްގައި ރައީސްވަނީ، މަޖިލިސް އިންތިޚާބު އޮންނާނީ ރޯދަމަހާ ދިމާވާ ގޮތަށް އަންނަ މާޗު މަހުގެ 17ގައި ކަމަށް ވިދާޅުވެފައެވެ. އެހެންވެ، އެ މަނިކުފާނު ބިލް ތަސްދީގު ކުރައްވާނެ ކަމާ މެދު ސުވާލުވަނީ އުފެދިފައެވެ.

comment ކޮމެންޓް