ނީނާ އެންމެފަހުން ޑިޖިޓަލްއަށް!

މިދިޔަ އަހަރު އެޅުވި އެންމެ މަގުބޫލު ފިލްމުތަކުގެ އެންމެ ކުރީގައި ހިމެނޭ އެއް ފިލްމު ކަމަށްވާ "ނީނާ" ސްޓްރީމިންއަށް ރިލީޒް ކުރުމަށް ތައްޔާރުވެއްޖެއެވެ.

ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ)ގެ "އައިފިލްމްސް"އިން މިދިޔަ އަހަރު ނެރުނު ފިލްމު ނީނާ ވެގެން ދިޔައީ ބެލުންތެރިންގެ ތެރޭގައި ބޮޑު ހިޓަކަށެވެ. އެއާއެކު ފިލްމު ރިލީޒްކޮށް ޝޯތައް ނިމުމުން އިތުރު ޝޯތައް ވެސް ދައްކަން ޖެހުނެވެ.

އިއްލެގެ ނީނާ އަކީ އޭނާގެ ފުރަތަމަ ފިލްމު "ބަވަތި"ގެ ކާމިޔާބީއާ އެކު 2019ވަނަ އަހަރު އިއުލާނު ކޮށްފައިވާ ފިލްމެކެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ ރިލީޒްކުރުން ލަސްވި މި ފިލްމު އެންމެ ފަހުން މާލޭގައި ދައްކާފައިވަނީ އޯގަސްޓު މަހުގައެވެ.

ފިލްމު ދައްކާ ނިމުމާއެކު އެ ޑިޖިޓަލްކޮށް ބަލާލަން ލިބޭނެ ދުވަހެއްގެ ވާހަކަ އަހާތާ ދުވަސްގަނޑެއް ވެއްޖެއެވެ. އެންމެފަހުން މިއޮތީ އެ އިންތިޒާރަށް ނިމުމެއް އައިސްފައެވެ.

މި ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މީޑިއާނެޓްގެ އެމްއެސް ވީޑިއޯ ކްލަބުންނެވެ. އެގޮތުން މީޑިއާނެޓުން ބުނާގޮތުގައި އަންނަ މަހުގެ އަށްވަނަ ދުވަހުން ފެށިގެން ވީޑިއޯ ކްލަބުން ފިލްމު ސްޓްރީމް ކޮށްލަން ލިބޭނެއެވެ.

ފިލްމުގެ ލީޑް ރޯލު ކަމަށްވާ ނީނާގެ ރޯލުން ފެންނާނީ ނުޒުހަތު ޝުއައިބެވެ. އިތުރު ރޯލުތަކުން ދެން ފެނިގެންދާނީ ޝަރަފް އަބްދުﷲ އާއި ހަމްދޫން ފާރޫގު، އަލީ ޔޫޝައު، އަލީ އިނާޒް، ހަސަން ޝިނާން، އިބްރާހީމް ޝާއިފް، ހުސައިން ޝާމިހު މުހައްމަދު، ނަތާޝާ ޖަލީލް، އައިޝާ އަލީގެ އިތުރުން މަރިޔަމް ޝަކީލާ އާދަމެވެ.

comment ކޮމެންޓް