ރައީސް ޑރ މުޙައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 14 ހަފުތާގެ މަގުޗާޓުގައި ހިމެނޭ، މޯލްޑިވްސް ކަސްޓަމްސް ސާވީސްގެ "ސްމާޓް ގޭޓް"ގެ ޚިދުމަތް މިއަދު އިފުތިތާހުކޮށްފިއެވެ.
މިއަދު ހެނދުނު ވެލާނާ އިންޓނޭޝަނަލް އެއާޕޯޓްގެ ޕަސެންޖާ ޓާމިނަލްގައި ބޭއްވި ޚާއްޞަ ހަފުލާއެއްގައި އެ ޚިދުމަތް އިފްތިތާހުކޮށްދެއްވީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ސީއީއޯ އަދި މެނޭޖިންގް ޑިރެކްޓަރު އިބްރާހިމް ޝަރީފު މުޙައްމަދެވެ.
އެ ހަފުލާގައި އިބްރާހިމް ޝަރީފު ވިދާޅުވީ، މިއަދު ކަސްޓަމްސްއިން ތައާރަފުކުރި ސްމާޓް ގޭޓްގެ ސަބަބުން އެއާޕޯޓުގެ ފަސިންޖަރުންނަށް ދެމުންދާ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރެވި އަވަސް ޚިދުމަތެއް ދިނުމަށް މަގުފަހިވާނެ ކަމަށެވެ.
"އަޅުގަނޑުމެން މިތިބީ އެއާޕޯޓުގެ ސްޓޭކް ހޯލްޑަރުންނާއި އެންފޯސްމެންޓްތަކާއި ގުޅިގެން، މި އެއާޕޯޓުގެ ޚިދުމަތް ހޯދާ ފަރާތްތަކަށް މިހާރަށްވުރެ ފަސޭހަކޮށް ޚިދުމަތްދިނުމަށް ތައްޔާރަށް. މިއަދު މި ފެށުނީ އޭގެތެރެއިން މުހިންމު ކަމެއް،" އިބްރާހިމް ޝަރީފް ވިދާޅުވިއެވެ.
ސްމާޓް ގޭޓުގެ ޚިދުމަތާއެކު ކުރިން ބޭނުންކުރަމުން އައި ރަތް ސްޓިކާގެ ބަދަލުގައި ބޭނުންކުރާނީ ރޭޑިއޯ ފުރިކުއެންސީ އައިޑެންޓިފިކޭޝަން (އާރުއެފްއަައިޑީ) ޓެގްއެވެ.
އެ ޓެގް ހަރުކުރާ ލަގޭޖްގެ ވެރިފަރާތުން ރެޑް ޗެނަލްއަށް ގޮސް، ކަސްޓަމްސް ކްލިއަރެންސް ހޯދަންވާނެކަމަށް ކަސްޓަމްސްއިން ބުންޏެވެ. އަދި ކަސްޓަމްސް ކްލިއަރެންސް ފުރިހަމަނުކޮށް ނުކުމެއްޖެނަމަ ލަގޭޖް ސުމާޓް ގޭޓުން އައިޑެންޓިފައިކޮށް އެލާމް އަޅާނެކަމަށް ކަސްޓަމްސްއިން މައުލޫމާތުދީފައިވެއެވެ.
އެ ޚިދުމަތް ގާއިމްކުރުމުގެ ސަބަބުން ޓެރަރިޒަމް އާއި މަނީ ލޯންޑަރިން އާއި ހިއުމަން ޓުރެފިކިންގް ފަދަ ކުއްތަށް ހުއްޓުވުމާއި މަސްތުވާތަކެތި ރާއްޖެ އެތެރެކުރުން ފަދަ ގާނޫނާއި ގަވާއިދަށް ހުރަސްއެޅޭފަދަ ހަރަކާތްތަކަށް ފާރަވެރިވެވޭނެ ކަމަށް ކަސްޓަމްސްއިން ބުންޏެވެ.
މީގެ އިތުރުން ރާއްޖެއަށް ވަދެ ނުކުންނަ ދޮރުތައް ހިމާޔަތްކޮށް، މުޖުތަަމައުގެ ރައްކާތެރިކަން ކަށަވަރުކުރެވި، ގާނޫނާއި ގަވާއިދުތައް އެންމެ ފުރިހަމަ ގޮތުގައި ތަންފީޒުކުރުމަށް މަގުފަހިވާނެ ކަމަށް ވެސް ކަސްޓަމްސްއިން ބުންޏެވެ.