ވީއޭއެމްގެ ރައީސްކަމުން ރަނޭ އިސްތިއުފާދެއްވައިފި

ވީއޭއެމްގެ ރައީސް މުހައްމަދު ރަނޭޝް (ރަނޭ) -- ފޮޓޯ/ ވީއޭއެމް

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ރައީސްކަމުގެ މަގާމުން މުހައްމަދު ރަނޭޝް (ރަނޭ) އިސްތިއުފާދެއްވައިފިއެވެ.

ވީއޭއެމްއަށް މިދިޔަ ދުވަސްތަކުގެ ތެރޭގައި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ އިރު، ބައެއް ފަރާތްތަކުން ދިޔައީ ރަނޭ މަގާމުން ދުރުކުރަން ވެސް ގޮވައިލަމުންނެވެ.

ފާޑުކިޔުންތައް އަމާޒުވި ނަމަވެސް، ރަނޭ އިސްތިއުފާދެއްވާފައިވަނީ އަމިއްލަ ސަބަބަކާ ގުޅިގެންނެވެ. ވީއޭއެމްގެ އޮފިޝަލަކު "ސަން"އަށް ކަށަވަރުކޮށްދިން ގޮތުގައި ރަނޭ އިސްތިއުފާދެއްވީ ބޭރު ގައުމެއްގައި ޕައިލެޓުކަން ކުރުމުގެ ފުރުސަތު ލިބިގެންނެވެ.

މިހާރު ވެސް ގައުމީ އެއާލައިން، މޯލްޑިވިއަންގެ ޕައިލެޓެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ރަނޭއަށް ލިބިފައިވާ ވަޒީފާގެ ގޮތުން އޭނާއަށް ވަނީ ދިރިއުޅުން ޔޫއޭއީއަށް ބަދަލުކުރައްވަން ޖެހިވަޑައިގެންފައެވެ. ރަނޭ އިސްތިއުފާދެއްވާފައިވަނީ އެ ސަބަބާ ގުޅިގެން ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ވީއޭއެމްގެ ރައީސްކަމުގެ މަގާމަށް ރަނޭ އިންތިޚާބުކޮށްފައިވަނީ 2021 ވަނަ އަހަރުގެ އޭޕްރީލް މަހުއެވެ.

comment ކޮމެންޓް