މޮވަނު މި ފަހަރު ވެސް ކުރު ފިލްމަކާއެކު!

މޮވަނު ޝަރީފްގެ އާ ފިލްމު "އިންދަ"ގެ ޕޯސްޓަރު

ދިވެހި ފިލްމީ ދާއިރާއަށް އާ ޒުވާން މޫނެއް ކަމަށްވާ މޮވަނު ޝަފީގުގެ ދެވަނަ ފިލްމު ރިލީޒްކުރުމަށް ތައްޔާރުވެއްޖެއެވެ.

އުމުރުން 25 އަހަރުގެ މޮވަނު ޑައިރެކްޓު ކޮށް އަމިއްލަ އަށް ލިޔެ ތައްޔާރު ކުރި ފުރަތަމަ ފިލްމު "ފަޅު" އާއެކު އޭނާ ދިވެހި ފިލްމު އިންޑަސްޓްރީއަށް ވަނީ 2021 ވަނަ އަހަރުގައެވެ.

ކުރު ފިލްމަކާއެކު އޭނާ ފިލްމީ ދާއިރާއަށް ނުކުތީ ދިވެހިންގެ ވާހަކަތައް ކިޔައިދިނުމަށެވެ. ފަޅު ފިލްމުން ވެސް ގެނުވީ އެ އިހުސާސެވެ. އަތޮޅުތެރޭޭގެ ރަށެއްގައި ދިރިއުޅޭ ފުރާވަރު އުމުރުގެ ދެ ކުދީންގެ އެކުވެރިކަމާއި އެ އެކުވެރި ކަމަށް އަންނަ ބަދަލުތައް މޮވަނުގެ ފިލްމުން ދައްކުވައިދެއެވެ.

މޮވަނުގެ ފުރަތަމަ ފިލްމާ އެކު އެތައް ބަޔަކު ބުނަމުން އައީ އޭނާ އަކީ ދިވެހި ފިލްމު އިންޑަސްޓްރީގައި ވިދާލާނެ ޒުވާނެއް ކަމަށެވެ. އަދި، ތަފާތު ފިލްމުތައް ފެނިގެންދާނެ ކަމުގެ އުއްމީދުގައި ތިއްބައި މިއޮތީ މޮވަނުގެ ދެވަނަ ފިލްމު އާންމު ކޮށްފައެވެ.

https://www.instagram.com/p/C30ezzZyIBH

މޮވަނުގެ ދެވަނަ ފިލްމަށް ކިޔާނީ "އިންދަ"އެވެ. މޮވަނު ލިޔެ އަދި ޑައިރެކްޓު ކޮށްފައިވާ މި ކުރު ފިލްމުގައި ލީޑުން ފެންނާނީ އައިޝާ އަލީއާއި ނާއިލް އަލީގެ އިތުރުން ސޫޒަން މުހައްމަދެވެ.

މި ފިލްމުގެ ޕްރޮޑަކްޝަންގައި މޮވަނުގެ އިތުރުން އަހުމަދު އަރުޝަމާއި އިބްރާހީމް މުހައްމަދު އަދި އިރުޝަމް އިބްރާހީމް ހަރަކާތްތެރިވެފައިވާއިރު ސައުންޑް ޑިޒައިންގެ މަސައްކަތުގައި ހަރަކާތްތެރިވެފައިވަނީ އަލްފާފް ޝާކިރެވެ. މުޅި ފިލްމުގެ ޕްރޮޑަކްޝަނުން ފެށިގެން ކެމެރާގެ ކުރިމަތީން ވެސް ފެންނާނީ ޒުވާން ޓީމެކެވެ.

މޮވަނު ބުނާގޮތުގައި މި ފިލްމަކީ ކުރީން ނެރުނު ފިލްމު ފަޅުއަށް ވުރެ ކުޑަ ޕްރޮޖެކްޓެކެވެ. އެގޮތުން ފަޅު އަކީ 25 މިނެޓުގެ ކުރު ފިލްމެކެވެ. އެހެންވީމާ އިންދަ އަދި އެއަށްވުރެ ކުރުވާނެއެވެ.

ޕްރޮޑަކްޝަން ކުންފުންޏެއް ކަމަށްވާ "މަދޮޝިޕް"ގެ އެހީއާ އެކު އުފައްދާފައިވާ މި ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ އެއްވަނަ ދުވަސްވާ ހުކުރު ދުވަހެވެ. ފިލްމު ރިލީޒް ކުރުމާއި ފިލްމުގެ ޓްރެއިލާ އަދި އެ ނޫން ވެސް މައުލޫމާތު ވަރަށް އަވަހަށް ހިއްސާ ކުރާނެ ކަމަށް އޭނާ ފާހަގަކޮށްފައިވެއެވެ.

comment ކޮމެންޓް