އަނަސްގެ މަރުގެ މައްސަލައިގެ ހުކުމާމެދު ކަންބޮޑުވޭ، ގާނޫނު އިސްލާހުކުރަން މަސައްކަތް ފަށައިފި: ސަރުކާރު

މަރުހޫމް އަނަސްގެ އާއިލާގެ އިސްނެގުމުގެ މަތިން ރ.މީދޫގައި ބޭއްވި އިންސާފުގެ ހިނގާލުމުގެ ތެރެއިން: އަނަސްގެ މަރުގެ މައްސަލައިގެ ހުކުމާމެދު ކަންބޮޑުވާ ކަމަށް ސަރުކާރުން ވަނީ ބުނެފައި ---- ފޮޓޯ/ ނާޝިތު

ތޫނު އެއްޗަކުން ހަމަލާދީ އަނިޔާވެރި ގޮތަކަށް މަރާލި ރ. މީދޫ ފެންފިޔާޒުގޭ މުހައްމަދު އަނަސްގެ މަރުގެ މައްސަލައިގައި ދައުވާ އުފުލި އެންމެންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމާ މެދު ސަރުކާރުން މިއަދު ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ހޯމް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، އަނަސްގެ މަރުގެ މައްސަލައިގައި ދައުލަތުން ހަތް ފަރާތެއްގެ މައްޗަށް، ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމާއި ތޫނު ހަތިޔާރު ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވިކަމުގެ ދައުވާ އުފުލާފައިވާކަން ފާހަގަކޮށްފައެވެ. ނަމަވެސް މިދިޔަ އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުން ހުކުމްކުރީ، އޭގެ ތެރެއިން އެއްވެސް މީހެއްގެ މައްޗަށް ކުށްކުރިކަން ޝައްކެއް ނެތް މިންވަރަށް ސާބިތުނުވާ ކަމަށް، ކަމަށް އެ ބަޔާނުގައިވެއެވެ.

އަނަސްއަށް ހަމަލާދީފައި ވަނީ އާންމުންގެ ތެރޭގައި، އެހާ ހާމަކަން ބޮޑު ގޮތެއްގައި މީހެއްގެ ފުރާނައަށް ގެއްލުން ދިނުމުން ވެސް އެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހުންނަށް އަދަބު ނުލިބި ދިއުމަކީ ތަންފީޒީ އިދާރާތަކާއި އަދުލު އިންސާދު ގާއިމްކުރުމުގެ ޒިންމާ ހަވާލުވެފައިވާ މުއައްސަސާތަކާމެދު ރައްޔިތުންގެ އިތުބާރު ކުޑަވާނެ ކަމެއް ކަމަށް ހޯމް މިނިސްޓްރީން ބުންޏެވެ.

ހަމައެއާއެކު، އެކަމުގެ ސަބަބުން ގާނޫނުގެ ބާރު ނެގެހެއްޓެމުށް ހުރަސްއެޅި، ކުށްކުރާ މީހުންނަށް ކުށް ކުރުމަށް ފަހު ގާނޫނީ އަދަބުން ބަރީއަވެވޭނެ ކަމުގެ ޔަގީންކަން ލިބޭނެކަން ވެސް މިނިސްޓްރީން ފާހަގަކުރިއެވެ.

އެހެންވެ އެފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށާއި ގާނޫނުގެ ބާރު ނެގެހެއްޓުމަށް ޖިނާއީ އަދުލުގެ ނިޒާމްގެ ތެރޭގައި ހިމެނޭ ގާނޫނުތަކަށް ގެންނަން ޖެހޭ އިސްލާހުތަކަކީ ކޮބައިތޯ ބެލުމުގެ މަސައްކަތް ބަންޑާރަނައިބުގެ އޮފީހުން ފަށާފައިވާ ކަމަށް އެ ބަޔާނުގައިވެއެވެ.

މީގެ އިތުރުން ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމު ހަރުދަނާކޮށް، ކުށްކުރާ މީހުންނަށް ހައްގު އަދަބުދީ، އިންސާފު ގާއިމުކުރުމަށް ކުރަން ޖެހޭ ކަންކަން ސަރުކާރުން އަންނަނީ ދައުލަތުގެ ކަމާގުޅުންހުރި އެހެނިގެން މުއައްސަސާތަކާ ގުޅިގެން ކުރަމުން ކަމަށް ހޯމް މިނިސްޓްރީން ބުންޏެވެ. އަދި ކްރިމިނަލް ކޯޓުން ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓް ލިބުމުން، އެ މައްސަލައިގައި އިތުރަށް އަޅާނެ ފިޔަވަޅުތައް ނިންމާނެ ކަމުގެ ޔަގީންކަން ޕްރޮސެކިއުޓާ ޖެނެރަލް ޙުސައިން ޝަމީމް ދެއްވާފައިވާ ކަމަށް އެ މިނިސްޓްރީން ހާމަކުރިއެވެ.

ލިޓަސް ސާވިސް ސެންޓަރު ތެރޭގައި އަނަސްއަށް ހަމަލާދީ މަރާލާފައިވަނީ 2017 ވަނަ އަހަރުގެ ޖުލައި މަހުގެ 31ވަނަ ދުވަހުގެ ރެއެވެ.

އެ މައްސަލައިގައި ދައުވާކޮށްފައި ވަނީ ލ. ގަން، ނަންނާރިގެ ޖުނައިހު އަބްދުﷲ އާއި ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒް އާއި ދަފްތަރު ނަމްބަރު 1746 ސިމާހު މޫސާ އާއި ޅ. ކުރެންދޫ އަސަރުމާގެ އަހުމަދު ޒަޔާނާއި މ. ދިމިޝްގު އުސްމާން ޝަރީފާއި މ. ލޮނުމިދިލިގެ އަފްރާހު އަބްދުއްރައްޒާގު އަދި ތ. ކިނބިދޫ ގުލްފާމްގެ މުހައްމަދު ސާޒްގެ މައްޗަށެވެ.

އަނަސްއަށް ހަމަލާ ދީފައިވަނީ އަހުމަދު ޒަޔާނާއި އަފްރާހު އަބްދުއްރައްޒާގާއި އުސްމާން ޝަރީފު ކަމަށް ދައުލަތުން ތުހުމަތު ކުރިއެވެ. އަދި، އެ ތިން މީހުންގެ މައްޗަށް ކޮށްފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާއެވެ.

އެ މީހުންގެ ތެރެއިން، މުހައްމަދު ސާޒު އާއި ޖުނައިހު އަބްދުﷲ އާއި ހަސަން މަހްފޫޒު އަދި ސިމާހު މޫސާގެ މައްޗަށް ކޮށްފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާއެވެ. އެ ހަތަރު މީހުންނަކީ އަނަސްއަށް ހަމަލާ ދިންމީހުން ގޮވައިގެން ސައިކަލްތަކުގައި އައި މީހުން ކަމަށް ދައުވާގައި ބުނެފައިވެއެވެ.

އެ މީހުން އަނަސްއަށް ހަމަލާދިނުމަށް އައުމުން، ސައިކަލެއް މަތީގައި އިށީންދެ އިން އަނަސް ވަނީ ދުވެފައި ގޮސް ލިޓަސް ސާވިސް ސެންޓަރަށް ވަދެފައެވެ. އަދި، އެ މީހުން އަނަސްއަށް ވަޅިން ހަމަލާދީފައިވަނީ ލިޓަސް ސާވިސް ސެންޓަރުގެ ތެރޭގައި ކަމަށް ދައުލަތުން ވަނީ ބުނެފައެވެ.

ހަމަލާއަށް ފަހު އަނަސް އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށް އޭނާ ބެއްލެވި ޑރ. އިބްރާހިމް މުބީން ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

comment ކޮމެންޓް