ކެންޑިޑޭޓުންނަށް ގިފްޓް ޕެކް ދިނީ ސިޔާސީ މަގުސަދެއްގައެއް ނޫން: މިފްކޯ

މިފްކޯއިން ގިފްޓް ޕެކް ދިން މައްސަލައިގައި އެ ކުންފުންޏާއި ޕީސީބީ، ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް (އެސްއޯއީ) ކޮމިޓީއަށް ހާޒިރުކުރުން -- ފޮޓޯ/ މަޖިލިސް

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ސަރުކާރުގެ ފަރާތުން ވާދަ ކުރާ ކެންޑިޑޭޓުންނަށް މިފްކޯއިން ގިފްޓް ޕެކް ދިން މައްސަލައިގައި އެ ކުންފުނި، ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް (އެސްއޯއީ) ކޮމިޓީއަށް މިއަދު ހާޒިރުކުރުމުން، އެ ކެންޑިޑޭޓުންނަށް ހަދިޔާ ދިނީ ސިޔާސީ ބޭނުމެއްގައި މަގުސަދެއްގައި ނޫން ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ސަރުކާރުގެ ފަރާތުން ކުރިޔަށް އޮތް މަޖިލިސް އިންތިޚާބުގައި ވާދަ ކުރާ ބައެއް ކެންޑިޑޭޓުން މިފްކޯއަށް ގޮސް، އެ ތަނުގެ ވެރިންނާ ބައްދަލު ކުރިއިރު، މިފްކޯއިން ވަނީ އެ ކެންޑިޭޓުންނަށް އެ ކުންފުނީގެ ގިފްޓް ޕެކް ދީފައެވެ. މި މައްސަލަ ސަމާލު ކަމަށް އައީ މި މަހުގެ އެއްވަނަ ދުވަހު މިފްކޯގެ ޓްވީޓާ އެކައުންޓުން ކުރި ޓްވީޓްތަކަކުންނެވެ.

މިކަމާ ގުޅިގެން، މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ހުށަހެޅުއްވި މައްސަލައެއްގައިވަނީ މިފްކޯގެ ވަސީލަތްތައް ސިޔާސީ ކަންކަމުގައި ބޭނުންކުރަމުންދާ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

"ޑިމޮކްރަސީ މުގުރާލުމަށް ޓަކައި ރައްޔިތުންގެ މަސް ކުންފުނިން މިފަދަ ދައުލަތުގެ ވަސީލަތެއް، އަދި އާންމު އިންތިޚާބާ ބެހޭ ގާނޫނުގައި މިއީ މަނާ ކަމެއް. މިއީ ޖިނާއީ ކުށެއް، ކޮރަޕްޝަނެއް،" ބޮންޑެ ވިދާޅުވިއެވެ.

މިކަން ހިނގާފައިވަނީ ގަސްދުގައި ކުރި ކަމަކުންތޯއާއި މި ކަމުގައި ޒިންމާވަނީ ކޮންބައެއްކަން އޮޅުންފިލުވުމަށް ބޮންޑެ ކުރިމަތި ކުރުވި ސުވާލުގެ ޖަވާބު ދެއްވަމުން މިފްކޯގެ ޕްރޮޖެކްޓްސް ޑިޕާޓްމެންޓްގެ ޖެނެރަލް މެނޭޖަރު މުއާޒް އަލީ ވިދާޅުވީ، އެކަން ހިނގާފައިވަނީ އެއްވެސް ގޮތަކަށް ސިޔާސީ މަގުސަދެއް ހާސިލް ކުރުމުގެ ބޭނުމުގައި ނޫން ކަމަށެވެ.

"މިފްކޯގައި ޒަމާނުއްސުރެން އޮންނަ ސަގާފަތެއް އެއީ މިފްކޯއަށް ވަޑައިގަންނަވާ ފަރާތްތަކާ، އޭގެ ތެރޭގައި ޚާއްޞަކޮށް ރައްޔިތުންނާ ގާތުން މަސައްކަތް ކުރާ ފަރާތްތަކާ ބައްދަލު ކުރާ އިރުގައި އެ ގޮތަށް ފޮޓޯ ނަގައި، ހަދިޔާ ބަދަލު ކުރުން މިއީ އޮންނަ ކަމެއް،" މުއާޒް އަލީ ވިދާޅުވިއެވެ.

މުއާޒް ވިދާޅުވި ގޮތުގައި ފެބްރުއަރީ އެއްވަނަ ދުވަހާ ކައިރި ތާރީޚުތަކުގައި މިފްކޯގެ ސީއީއޯއާއި ބައްދަލު ކުރަން ރިކުއެސްޓްތައް އައެވެ. އޭނާ ވިދާޅުވީ އޭގެ ތެރެއިން ހުރިހާ ފަރާތްތަކާ ބައްދަލު ވެސް ނުކުރެވޭ ކަމަށާއި، އޭގެ ތެރޭގައި ހިމެނެނީ ހަމައެކަނި ސަރުކާރުގެ ކެންޑިޑޭޓުން ނޫން ކަމަށާއި އަމިއްލަ ގޮތުން ވާދަ ކުރައްވާ ކެންޑިޑޭޓުން ވެސް އޭގެ ތެރޭގައި ހިމެނޭ ކަމަށެވެ.

މީގެ އިތުރުން މުއާޒް ވިދާޅުވީ މިފްކޯގެ ސީއީއޯއާ ބައްދަލުކުރި މީހުންނާ ދެމެދު އެއްވެސް ސިޔާސީ ވާހަކަތަކެއް ދައްކާފައިނުވާނެ ކަމަށާއި، އެއްވެސް ކެންޑިޑޭޓަކު ޕްރޮމޯޓް ކުރުމުގެ ނިޔަތުގައި އެއްވެސް ކަމެއް ކޮށްފައިނުވާނެ ކަމަށެވެ. އޭނާ ވިދާޅުވާ ގޮތުގައި އެ ބައްދަލުވުންތަކުގައި ދެކެވިފައިވަނީ މަސްވެރިކަމާއި މިފްކޯގެ މަސައްކަތްތަކާ ގުޅޭ ވާހަކައެވެ.

މިކަމާ ގުޅިގެން މިފްކޯގެ ސީއީއޯ އަހުމަދު ޝަމާހު ރަޝީދު ވިދާޅުވީ ސަރުކާރު ކެންޑިޑޭޓުންނެކޭ އެއްހަމައިން އަމިއްލަ ގޮތުން ވާދަ ކުރައްވާ ކެންޑިޑޭޓުންނާ ވެސް އޭނާ ބައްދަލު ކުރެއްވި ކަމަށެވެ.

"ބަލަންވާ ވަރަށް ނުބެލި، އެ މެކޭނިޒަމް ގާއިމްނުވެ އޮތުމާއެކު ދިމާވެފައި ހުރި ކަންކަން އެ ކަމަކީ. ކުރިޔަށް އޮތް ތަނުގައި އެކަހަލަ ކަންކަން އެހެން ނަމަވެސް ނުހިނގާނެކަން ކަށަވަރު ކުރުމަށްޓަކައި އަޅުގަނޑު އޮންނާނީ ފިޔަވަޅު އަޅާފައި،" ޝަމާހު ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި ޓްވީޓުގެ މައްސަލަ ސަމާލު ކަމަށް އައުމާ އެކު އެ ޓްވީޓުތައް ޑިލީޓް ކުރަން ވަގުތުން އެންގެވިއެވެ.

"ޕަބްލިކް އެއާ ނެގެޓިވްކޮށް ރިއެކްޓް ކުރީމަ އަދި ވަކިން ޚާއްޞަކޮށް ތިބޭފުޅުން ވެސް އިޝޫއެއް ގޮތުގައި ތި ރެއިޒް ކުރެއްވީމަ އެކަން ހިތުގެ އަޑިން ގަބޫލުކޮށް، ދެން އެކަން ތަކުރާރުވިޔަ ނުދީ އަދި އެކަންކަން ކުރިޔަށް އޮތްތަނުގައި ވިޔަނުދިނުމަށްޓަކައި އަޅަން ޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅާނެ ކަމުގެ ޔަގީންކަން އަރުވަން،" ޝަމާހު ވިދާޅުވިއެވެ.

އެ މައްސަލައިގައި ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) ވެސް މިއަދު ކޮމިޓީއަށް ހާޒިރުކުރިއެވެ.

ޕީސީބީގެ ފަރާތުން ކޮމިޓީގައި ބުނީ އެ ބޯޑުން މިފްކޯއާ ހަވާލުވުމުގެ މަރުހަލާތައް އަދި ވެސް ކުރިޔަށްދާ ކަމަށެވެ. މިފްކޯ އެސްއޯއީއަކަށް ބަދަލުވުމަށް ފަހު އަދިވެސް ކުރިޔަށް ދާން ޖެހޭ މަރުހަލާތަކެއް ހުރިކަން ޕީސީބީގެ ފަރާތުން ވަނީ ފާހަގަކޮށްފައެވެ.

މިފްކޯގެ ޓްވިޓާ އެކައުންޓުން ފެބްރުއަރީ އެއްވަނަ ދުވަހު ކުރި ޓްވީޓުތަކާއެކު އެ މައްސަލަ ސަމާލު ކަމަށް އައިސް ވާހަކަ ދެކެވެން ފެށީ ގިފްޓް ޕެކުގެ ގޮތުގައި މިފްކޯއިން ދިނީ މަސްދަޅު ކޭހެއް ކަމަށެވެ. އެހެން ނަމަވެސް މިފްކޯއިން ބުނީ ގިފްޓްޕެކްގެ ގޮތުގައި ދެނީ މިފްކޯގެ "ލޯކަލް ޕްރޮޑަކްޓްސް" ކަމަށާއި ގިފްޓް ޕެކް ލިބޭ ފަރާތްތަކަށް އެ ޕްރޮޑަކްޓްތައް ކަމުދާ ކަމަށެވެ. އަދި އެކަން ކުރީ މާކެޓިން ސްޓްރެޓަޖީގެ ދަށުން ކަމަށް ވެސް ބުންޏެވެ.

comment ކޮމެންޓް