ޕަރިނީތީގެ 'ޗަމްކީލާ' ނެޓްފްލިކްސްއަށް

ބަތަލާ ޕަރިނީތީ ޗޯޕްޅާ އަދި ދިލްޖީތު ދޯސާންޖް މުހިއްމު ރޯލް ކުޅެފައިވާ ފިލްމު "އަމަރު ސިންގް ޗަމްކީލާ" މި އަހަރުގެ އޭޕްރީލް މަހު ނެޓްފްލިކްސްގައި ޕްރިމިއާ ކުރާގޮތަށް ނިންމައިފިއެވެ.

މަޝްހޫރު ފިލްމުތައް އުފައްދާފައިވާ އިމްތިޔާޒު އަލީ ޑައިރެކްޓް ކުރާ މި ފިލްމަކީ، ޢުމުރުން 27 އަހަރުގައި މަރާލި ޕަންޖާބަށް ނިސްބަތްވާ ލަވަކިޔުންތެރިޔާ އަމަރު ސިންގް ޗަމްކީލާގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ބައޮޕިކްއެކެވެ.

އަމަރު ސިންގް ޗަމްކީލާ އަކީ 1980އިގެ އަހަރުތަކުގެ ތެރޭ މިއުޒިކީ ދާއިރާއިން ޕަންޖާބުގައި އެންމެ ބޮޑު އާމްދަނީއެއް ހޯދި އެންމެ ކާމިޔާބު މިއުޒީޝަނެވެ. އަމަރް ސިންގް ޗަމްކީލާއާއި އޭނާގެ އަންހެނުންގެ އިތުރުން އޭނާގެ ބޭންޑު ދެ މެމްބަރުން ހިމެނޭ ގޮތަކަށް މަރާލާފައިވަނީ ޕަންޖާބުގެ މެޝަމްޕޫރުގައި ޝޯއެއް ދިނުމަށް ދަތުރުކުރި މަގުމަތީ ގޭންގުތަކަކަށް ނިސްބަތްވާ ބަޔަކު ދިން ބަޑީގެ ހަމަލާއެއްގައެވެ. މި ހަމަލާގެ ޒިންމާ މިއަދާ ހަމައަށް ވެސް އެއްވެސް ބަޔަކު ނަގާފައިނުވާއިރު ހަމަލާއާ ގުޅިގެން އެއްވެސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެއް ނުވެއެވެ.

ފިލްމު "ޗަމްކީލާ"ގެ ޑައިރެކްޓަރު އިމްތިޔާޒު އަލީ-- ފޮޓޯ/ޓެލެގްރާފްއިންޑިއާ
ފިލްމު "ޗަމްކީލާ"ގެ ޓީޒާއެއް ބެލުންތެރިންނަށް ދައްކާލާފައިވާއިރު ފިލްމު ނެޓްފްލިކްސްގައި ޕްރިމިއާކުރަން ނިންމާފައިވަނީ އޭޕްރިލް މަހުގެ 12 ވަނަ ދުވަހުއެވެ.

ކުޅަދާނަ މިއުޒީޝަން އޭއާރް ރަހްމާންގެ މިއުޒިކް ހިމެނޭ މި ފިލްމުގައި ބަތަލާ ޕަރިނީތީގެ އަޑުން ކިޔާފައިވާ ގިނަ އަދަދެއްގެ ލަވަ ވަނީ ހިމަނާފައެވެ. އޭގެ ތެރޭގައި ލަވަކިޔުންތެރިޔާ ދިލްޖީތާ އެކު ކިޔާފައިވާ ބައެއް ލަވަ ވެސް ހިމެނެއެވެ. ޕަރިނީތީ އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައިވަނީ މިދިޔަ އަހަރު ރިލީޒްކުރި ފިލްމު "މިޝަން ރާނީގަންޖް"އިންނެވެ.

comment ކޮމެންޓް