މީހުން މެރުމުގެ އިތުރުން އިސްރާއީލުން ގަސްތުގައި ޣައްޒާގެ ކުދިން ބަނޑަށް ޖައްސަނީ

ޣައްޒާގެ ކުޑަކުދިން ކާއެތިކޮޅެއް ހޯދުމަށް ކިޔޫގައި --

ޣައްޒާ (26 ފެބްރުއަރީ 2024): ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެއްޗާއި ބޭހާއި އަންނައުނު ފަދަ އިންސާނީ އެހީގެ ތަކެތީގެ 2،000 އަށް ވުރެ ގިނަ ޓްރެކްތައް ޣައްޒާއާއި މިސްރު ގުޅިފައިވާ ރަފަހް ބޯޑަރުގައި އޮތް ނަމަވެސް ޣައްޒާގެ އާންމުންގެ ގިނަ ބަޔަކު ދަނީ ހައިހޫނުކަން ތަހައްމަލުކުރަމުން ކަމަށް އދ.އިން ބުނެފިއެވެ.

ޣައްޒާއަށް ކަނޑައާޅާފައިވާ އދ. ގެ ސިއްހަތާބެހޭ މުގައްރިރު ތަލަލަންގް މޮފޯކަންގް ވިދާޅުވި ގޮތުގައި އިންސާނީ އެހީގެ ޓްރެކްތައް ޣައްޒާއަށް ވެއްދުމަށް އިސްރާއީލު ގެންދަނީ ހުރަސްއަޅަމުންނެވެ. އަދި، އިސްރާއީލު ގެންދަނީ ސިޔާސީ ބޭނުމަށް ޣައްޒާގެ އާންމުން ބަނޑަށް ޖެއްސުމުގެ ލާއިންސާނީ ސިޔާސަތެއް ތަންފީޒުކުރަމުން ކަމަށް ވެސް ބެލެވެއެވެ.

ތަލަލަންގް ވިދާޅުވި ގޮތުގައި ޣައްޒާގެ އާންމުންވަނީ ހައިހޫނުކަމުގައެވެ. ކާނެ ރޮށިފަޅިއެއް ނުލިބިގެން ކުޑަކުދިން ރޯ މަންޒަރާއި ތުއްތު ކުދިންނަށް ބޭނުންވާ ކިރު ނުލިބިގެން މަރުވާ ތުއްތުކުދިންގެ އަދަދު ދަނީ ގިނަވަމުންނެވެ. ތަލަލަންގް ވިދާޅުވި ގޮތުގައި ނިއުކްލިޔާ ބާރެއްކަމަށްވާ އިސްރާއީލު ހަނގުރާމަ ކުރަމުންގެންދަނީ ޣައްޒާގެ ކުށެއްނެތް އާންމުންނާ ދެކޮޅަށެވެ. ހުރިހާ ޒަމާނީ ހަތިޔާރެއް ބޭނުންކޮށްގެންނެވެ.

ޣައްޒާގެ ސިއްހަތާ ބެހޭ ނިޒާމު ވެސް ރޫޅިފައިވާ ކަމަށާއި ޣައްޒާގައި ހުރި 24 ވަރަކަށް ހޮސްޕިޓަލާއި ކްލިނިކްތަކުގެ ތެރެއިން މިހާރު މަސައްކަތް ކުރަނީ އެންމެ ދެތިން ހޮސްޕިޓަލްކަމަށް އޭނާ ވިދާޅުވިއެވެ.

އިސްރާއީލުން ބޮންއެޅުމުގެ ސަބަބުން އިމާރާތްތަކުގެ ދަށުގައި ތާށިވެފައި ވަނިކޮށް ސަލާމަތް ކޮށްފައިވާ މަންމައަކާއި އޭނާގެ ދަރިފުޅު --

ޣައްޒާގައި ބައިލައްކައެއްހާ އަންހެނުން ވިހަންވެފައިވާއިރު ވިހާ މީހުންނަށް ސިއްހީ ފަރުވާދެވެން ނެތުމުންނާއި ވިހާނެ ސިއްހީ ރައްކާތެރި ތަނަކާއި އަމާންތަނެއް ނެތުމުން ވިހާ ގިނަ މީހުން ދަރިފުޅާ އެކު މަރުވަމުންދާކަން ވެސް ޣައްޒާއަށް ކަނޑައާޅާފައިވާ އދ. ގެ ސިއްހަތާ ބެހޭ މުގައްރިރު ތަލަލަންގް މޮފޯކަންގް ފާހަގަ ކުރެއްވިއެވެ.

ފަލަސްތީނުގެ ރެފިއުޖީންނާ ބެހޭ އދ. ގެ އިދާރާ ޔޫއެން ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ޕަލެސްޓިނިއަން ރެފިއުޖީސް (އުންރުވާ) ގެ ކޮމިޝަނަރު ފިލިއްޕޭ ލަޒާރިނީ ވިދާޅުވި ގޮތުގައި ޣައްޒާގައި ދިރިއުޅޭ ދެ މިލިޔަނެއްހާ ފަލަސްތީނު ރެފިއުޖީންގެ ފުރާނަ ސަލާމަތް ކުރުމަށް އޮތީ މަދު ދުވަސްތަކެކެވެ. އޭނާ ވިދާޅުވި ގޮތުގައި ޣައްޒާގެ އުތުރުގެ ސަރަހައްދުތަކަށް އެހީގެ ޓްރަކްތައް ވަނުމުގެ ފުރުސަތު ނުލިބޭތާ މިހާރުވަނީ އެއް މަސްވެފައެވެ.

ލަޒާރިނީ ވިދާޅުވި ގޮތުގައި ޣައްޒާގެ ރައްޔިތުން ތަހައްމަލުކުރަމުން ގެންދާ ހައިހޫނުކަމަކީ އިންސާނުންގެ ކަމެކެވެ. އެއީ ގުދުރަތީ ކަމެއް ނޫނެވެ. ޣައްޒާގެ އާންމުން ބަނޑަށްޖެހުމުގެ ކާރިސާގެ ބޮޑު ޒިންމާއެއް އިސްރާއީލު އުފުލަންޖެހޭނެ ކަމަށް ވެސް ލަޒާރިނީ ވިދާޅުވިއެވެ.

އިސްރާއީލުން ޣައްޒާގެ އާންމުން މަރައި ގަތުލުއާންމުތައް ހިންގަމުން ގެންދަނީ ވެސް ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ހަމާސްއަށް ފިއްތުންތައް ކުރިމަތިކުރުމުގެ ގޮތުންނާއި ހަމާސް އަށް ތާއީދުކުރާތީ ޣައްޒާގެ ރައްޔިތުންނަށް އަދަބު ދިނުމުގެ ގޮތުންކަމަށް ދޭހަވާގޮތަށް އިސްރާއީލުގެ މަސްއޫލުވެރިން ވަނީ އެތައް ފަހަރަކު ވާހަކަ ދައްކާފައެވެ.

އިސްރާއީލުގެ އެއް ވަޒީރަކު ޣައްޒާގެ އެންމެން މަރާލަންޖެހޭ ކަމަށް ބުނެ ވާހަކަ ދައްކާފައިވާއިރު އަނެއް ވަޒީރަކު ވަނީ ޣައްޒާގެ ރައްޔިތުންނަށް ޖެހިފައިވާ ހާލަތާމެދު އޭނާ އުފާކުރާކަމަށް ބުނެފައެވެ. އަދި، ޣައްޒާގެ ކުޑަކުދިން ހައިހޫނުކަން ތަހައްމަލުކުރާތަނާއި އެ މީހުން ވޭނުގައި އުޅޭތަން ފެނުމަކީ އުފަލެއްކަމަށް އިސްރާއީލުގެ އެހެން ވަޒީރަކު ވަނީ ބުނެފައެވެ.

އިސްރާއީލުން ޣައްޒާގެ ރައްޔިތުން ބަނޑަށް ޖައްސަނީ ވެސް ހަމާސްއަށް ފިއްތުންތައް ކުރިމަތިކުރުމުގެ ގޮތުންނާއި ހަމާސްއާ ދެކޮޅަށް އެ މީހުން ނުތެދުވާތީ އެ މީހުންނަށް އަދަބު ދިނުމުގެ ގޮތުންކަމަށް މުހައްލިލުން ދެކެއެވެ.

comment ކޮމެންޓް