އިރުއިރުކޮޅާ އިންތިޚާބެއް! ރަނގަޅު ގޮތްތަ؟

އިންތިޚާބެއްގެ ވޯޓުލުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ނިމިދިޔަ ރިޔާސީ އިންތިޚާބު ބޭއްވުމަށް ޖުމުލަ 84.6 މިލިއަން ރުފިޔާ ހޭދަކުރިއެވެ. އެއީ, ފުރަތަމަ ބުރު ބޭއްވުމަށް ހަރަދުކުރި 63.1 މިލިއަން ރުފިޔާއާއި ދެވަނަ ބުރު ބޭއްވުމަށް ހަރަދުކުރި 21.6 މިލިއަން ރުފިޔާއެވެ. އޭގެ ހަތަރު މަސް ފަހުން އަންނަ މަހު ބާއްވާ މަޖިލިސް އިންތިޚާބަށް 60 މިލިއަން ރުފިޔާގެ ބަޖެޓެއް ވަނީ ކަނޑައަޅައިފައެވެ. އަދި, އިރުއިރުކޮޅާ އިސްތިއުފާ ދޭ އަންހެނުންގެ ކޮމިޓީއާއި ކައުންސިލްތަކުގެ ބައި-އިލެކްޝަނަށް އެއް މިލިއަން ރުފިޔާގެ ބަޖެޓެއް ވަނީ ކަނޑައަޅައިފައެވެ. ލިބޭ އާމްދަނީއާއި ހަރަދު ދެކޮޅު ނުޖެހިގެން އުޅޭ ގައުމެއްގައި މިއީ ބޮޑުވަރު ނޫންތޯއެވެ؟

ގިނަ ކަންކަމުގައި އިސްރާފާއި ހަރަދު ބޮޑުކޮށްކަން ކުރާ މި ގައުމުގައި އިންތިޚާބުތަކަކީ ވެސް އެފަދަ ކަމެކެވެ. އިރުއިރުކޮޅާ ކޮންމެ ވެސް އިންތިޚާބެއް އޮވެއެވެ. ރިޔާސީ އިންތިޚާބު ނިމި ހަމަ ނޭވާ ނުލެވި އުޅެނިކޮށް މަޖިލިސް އިންތިޚާބެވެ. އެއަށް ފަހު ދޭތެރެދޭތެރެއިން ކޮންމެ ވެސް ބައި އިލެކްޝަނެކެވެ. އެކަމުން ރަނގަޅަށް ސަލާމަތްނުވެ، އުޅެނިކޮށް ކައުންސިލްތަކުގެ އިންތިޚާބެވެ. މި ސިޔާސީ ހަލަބޮލިކަމުން އަރައިގަނެވޭ ވަރެއް ނުވެއެވެ.

ޕީޕީއެމުން މާލޭގައި ކުރިއަށް ގެންދިޔަ އެއްވުމުގެ ތެރެއިން: އިންތިޚާބުތައް ގިނަވުމުން ސިޔާސީ ހަލަބޮލިކަން އިތުރު --- ސަންފޮޓޯ/ ނާއިލް ހުސައިން

މިއީ މިހާރަކު އެކަނި ހިނގާ ކަމެއް ނޫނެވެ. ޒަމާންވީ މައްސަލައެކެވެ. ވަކި ގޮތަކަށް ވޯޓުގެ ނަތީޖާ ނެރުމަށް، ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ދިގު ވެރިކަމުގައި "ކުޑަ ކާފު، ބޮޑު ކާފު" ޖެހި ޒަމާނުންސުރެ މިހާތަނަށް ވެސް އިންތިޚާބުތައް ބާއްވަމުން އައީ ވަކިންނެވެ. ރައީސުލްޖުމްހޫރިއްޔާ ހޮވުމަށް ފަހު މަޖިލިސް ހޮވާގޮތަށެވެ. އެއަށްފަހު ކައުންސިލްތައް ހޮވަނީއެވެ. ނަމަވެސް މިއީ އެތައް ސަތޭކަ މިލިއަން މީހުން ވޯޓްލާ ދުނިޔޭގެ ބޮޑެތި ގައުމުތަކުގައި އަމަލު ކުރާ އުސޫލެއް ނޫނެވެ.

ހަރަދު ކުޑަ، ފަސޭހަ ގޮތެއް އެބައޮތް

މި މަހުގެ މެދުތެރޭގައި އިންޑޮނޭޝިއާގެ އިންތިޚާބު ކާމިޔާބުކަމާ އެކު ބާއްވައި އެ ވަނީ ނިންމައިލައިފައެވެ. އެ އިންތިޚާބުގައި 204 މިލިއަނަށް ވުރެ ގިނަ މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެން ދިޔައިރު އެ ގައުމުގެ ސިޔާސީ ހުރިހާ މަގާމެއްގެ ވޯޓްލުން އެ ދުވަހު އޮތެވެ. އެއީ، ރައީސާއި ނައިބު ރައީސްގެ އިތުރުން މަޖިލިސް މެންބަރުންނާއި ގަވަނަރުންގެ އިތުރުން ކައުންސިލްތަކަށް މެންބަރުން އިންތިޚާބު ކުރުމެވެ. ފަސް އަހަރުން އެއް ފަހަރު ރައްޔިތުންގެ އަތަށް ދޭ ދެ ވޯޓް ކަރުދާހުން ހުރިހާ މަގާމެއްގެ އިންތިޚާބު އެ ނިންމާލީއެވެ. ހަރަދު ކުޑަވެފައި ފަސޭހައެވެ. ފަސް އަހަރަށް އެކަން އެ ނިމުނީއެވެ.

މިއީ އެކި ނިޒާމުތަކަށް ވެރިކަން ކުރާ ވަރަށް ގިނަ ގައުމުތަކެއްގައި އަމަލު ކުރަމުން އަންނަ ވަރަށް ރަނގަޅު އުސޫލެކެވެ. ހުރިހާ އިންތިޚާބެއް އެކުގައި ބޭއްވުމުގެ އެންމެ ބޮޑު ފައިދާއަކީ ވަރަށް ބޮޑުތަނުން ހަރަދު ކުޑަ ވުމެވެ. ހަމައެއާއެކު ސިޔާސީ ކަންކަމުގެ ސަބަބުން މީހުންނަށްވާ އުނދަގޫތައް ވެސް މީގެ ސަބަބުން ކުޑަވެއެވެ.

ރާއްޖޭގައި މިހާރު އޮތްގޮތުން އަބަދު އިންތިޚާބު އޮންނާތީ ސިޔާސީ ހަލަބޮލިކަން އަބަދުމެ މި އޮންނަނީ އިތުރުވެފައެވެ. ޖަގަހަތަކުން ލަވަ ޖެހުމާއި ޖަލްސާތައް އިރުއިރުކޮޅާ ބޭއްވުމާއި އަޑުގަދަ ކުރާތައް ބޭނުންކޮށްގެން ކެމްޕެއިންނުކުރާ ދުވަސްވަރެއް ނުދެއެވެ. މީގެ ސަބަބުން އުނދަގޫވާ އާއްމުން މަދެއް ނޫނެވެ. ހާއްސަކޮށް ކުދިކުދި ރަށްތަކުގައި އެއް ޖަގަހައަށް ވުރެ އަނެއް ޖަގަހައިން އަޑުގަދަ ކުރަން ކޮށް އުޅޭ ކަންކަމުގެ ސަބަބުން ކިޔަވާ ކުދިންނާއި އެތައް އާއްމުންނަކަށް އޭގެ އުނދަގޫ ކުރިމަތިވެއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރުކަން ކުރައްވާތާ ފަސް އަހަރުގެ ދެ ދައުރު ހަމަވާން ކައިރިވެފައިވާ އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބުގެ ތަޖުރިބާގެ އަލީގައި އޭނާ ވެސް ގަބޫލު ކުރައްވާގޮތުގައި އިންތިޚާބުތައް ބާއްވަންވީ އެކުގައެވެ. އެއީ، އިންތިޚާބުތައް ބޭއްވުމަށް ކުރަންޖެހޭ އިންތިޒާމުތަކަށް ބޮޑު ހަރަދެއް ކުރަން ޖެހޭތީ އިރުއިރުކޮޅާ އެ ހަރަދު ނުކުރުމުގެ ބޭނުމުގައެވެ.

"ރާއްޖޭން ބޭރާއި ރިސޯޓްތަކުގައި ފޮށިތައް ބަހައްޓަން ވެސް އެބަ ޖެހޭ. މި ހަރަދު އަބަދު ނުކޮށް ވާނެ ނޫންތޯ އިންތިޚާބުތައް އެކީގައި ބޭއްވުމުން. އަނެއްކާ ސިޔާސީ ކަންކަމުގައި މި އުފެދޭ ހޫނުގަނޑު ވެސް އެއްފަހަރާ އިންތިޚާބުތައް ބޭއްވީމައި އެކަން ނިމުނީމައި ދާނެތާ،" ހަބީބު ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބާއި އީސީގެ ރައީސް ފުއާދު ތައުފީގު: ހަބީބު ވިދާޅުވީ އިންތިޚާބުތައް ބާއްވަންވީ އެއްފަހަރައި ކަމަށް -- ސަން ފޮޓޯ/ މާހިލް އާތިފް

ބައި އިލެކްޝަންތަކަކީ ވެސް ރާއްޖޭގައި ވަރަށް ބޮޑު ހޭދައެއް ކުރަން ޖެހިފައިވާ ކަމެކެވެ. އަންހެނުންގެ ތަރައްގީއާއި ކައުންސިލްތަކުގެ މެންބަރުން އިސްތިއުފާ ދިނުން އާއްމު ކަމަކަށް މިވަނީ ވެފައެވެ. އަދި އެއް އިންތިޚާބީ މަގާމުގައި ހުރެފައި އެހެން ސިޔާސީ މަގާމުތަކަށް ދިއުމަށް ވެސް އެބަ އިސްތިއުފާ ދެއެވެ. ކައުންސިލަރު ކަމުން މަޖިލީހަށް ދިއުމަށާއި މަޖިލިސް މެންބަރުކަމުން މިނިސްޓަރު ކަމަށް ދިއުންފަދަ ކަންކަމަށެވެ. މި މައްސަލައަށް ވެސް އޮތް އެންމެ ރަނގަޅު ހައްލަކީ އިންތިޚާބުތައް އެކުގައި ބޭއްވުން ކަމަށް އީސީގެ ތަޖުރިބާކާރު ރައީސް ފުއާދު ތައުފީގު ގަބޫލު ކުރައްވައެވެ.

ފުއާދު ވިދާޅުވި ގޮތުގައި، އެ މައްސަލައިގެ ހައްލަކަށް ވާނީ އެކި އަހަރު އެކި އިންތިޚާބު ބޭއްވުމުގެ ބަދަލުގައި އިންތިޚާބުތައް އެއްކޮށް ބޭއްވުމެވެ. އެގޮތުން، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުއެކީގައި ބޭއްވުމަކީ ހައްލަކަށް ވެދާނެ ކަމަށް އޭނާ ގަބޫލުކުރައްވައެވެ.

"ބޮޑު ދެ އިންތިޚާބު ބޭއްވުމުގެ ބަދަލުގައި އެއް އިންތިޚާބު ބާއްވައިފިއްޔާ ވަރަށް ރަނގަޅުވާނެ. ބަޖެޓަށް ވެސް ލުއިވާނެ،" އޭނާ ވިދާޅުވިއެވެ.

"އެއީ ކަންނޭނގެ އެންމެ ގައުމަށް ފައިދާ ހުރި ހައްލަކަށް ވާނީ މި ކަމުގައި. އެކަމަކު، ގާނޫނަށް ބަދަލެއް ގެންނަން ޖެހޭނެ،"

ހަބީބު ވިދާޅުވިގޮތުގައި އިންތިޚާބުތައް އެއްކޮށް ބޭއްވުމަށް ބޭނުން ވަނީ ގާނޫނީ ހައްލެކެވެ. މިހާރު އެކިއިރު އެކި މަގާމުތަކަށް ބޭފުޅުން އިންތިޚާބު ކުރާތީ އެ މަގާމުތަކުގެ ދައުރު ހަމަވަނީ ވެސް އެކި އިރެވެ. އެހެންކަމުން އެއް ގޮތަކީ ކޮންމެ ވެސް އެއް މަގާމެއްގެ ދައުރު ދިގު ކުރުން ކަމަށް ހަބީބު ގަބޫލު ކުރައްވައެވެ. ނުވަތަ ރިޔާސީ ދައުރާއެކު މަޖިލީހުގެ ދައުރު ހަމަވާން ކައިރިވެފައިވާތީ، ރައީސަކު އިންތިޚާބު ކުރަން ބާއްވާ އިންތިޚާބާ އެކު މަޖިލީހަށް މެންބަރުން ހޮވުން ވެސް ކުރިއަށް ގެންދެވިދާނެ ކަމަށް ހަބީބު ވިދާޅުވިއެވެ.

ހައްލު އެނގި، ނުކުރަނީ ކީއްވެ؟

މިހާރު ރާއްޖޭގައި އިންތިޚާބުތައް ބާއްވާ ގޮތަކީ ހަރަދު ބޮޑު އަދި އެންމެ ރަނގަޅު އުސޫލު ނޫންކަން ގިނަ ބަޔަކަށް އެނގެއެވެ. ތަފާތު ސިޔާސީ ފިކުރުތަކުގެ ބޭފުޅުން އެކިއެކި ޕޯޑިއަމްތަކުގައި އެތައް ފަހަރަކު މި އުސޫލު ބަދަލުކުރަން ޖެހޭ ކަމަށް ވިދާޅުވެފައި ވެސް އެބަހުއްޓެވެ. އަދި، އީސީން ވެސް އެ ކަމަކަށް ދެބަހެއް ނުވެއެވެ. ނަމަވެސް ޒަމާންވީ، މި ހަރަދު ބޮޑު އުސޫލު ބަދަލު ކުރާކަށް ނޫޅެއެވެ. ސުވާލަކީ ކީއްވެތޯއެވެ؟

ރާއްޖޭގައި ގިނަ ކަންކަން ޒަމާނުންސުރެ ކުރަމުން އައިސް އުޅެނީ ގައުމަށްވާ ގެއްލުމަކަށް އެހާ ބޮޑަށް ނުވިސްނައި، ސިޔާސީ ގޮތުން ވާ ފައިދާއަށް ބަލައިގެންނެވެ. އިންތިޚާބުތައް އެއް ނުކުރަނީ ވެސް އެހެންވެއެވެ. އިންތިޚާބުތައް އެއްކޮށް ބާއްވައިފިނަމަ ސިޔާސީ ގޮތުން ތާއީދު ހޯދުމަށް ކުރަން ޖެހޭ މަސައްކަތް ބޮޑުވަނީއެވެ. އޭގެ ބަދަލުގައި އިންތިޚާބުތައް ވަކިން ބޭއްވުމުން ވޯޓަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮންނަނީއެވެ.

"ފުރަތަމަ މި ބަލަނީ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރަން. އެއަށް ފަހު ވެރިކަމަށް ވަޑައިގެންފައި ސަރުކާރު ބޭނުންކޮށްގެން މަޖިލިސް ނަގަން. މަޖިލިސް ނެގުމަށް ފަހު ކައުންސިލްތައް ނަގަން. ވެރިކަން ލިބޭ ބަޔަކަށް ވަރަށް އެޑްވާންޓޭޖް އޮވޭ އިންތިޚާބުތައް ކާމިޔާބުކުރަން. އެހެންވެ، އިންތިޚާބުތައް އެއް ކުރަން ސިޔާސީ ބޭފުޅުން ނޫޅުއްވަނީ،" ސިޔާސީ އިސް މަގާމުތައް ފުރުއްވާފައިވާ ބޭފުޅަކު ނަން ނުޖަހަން ޝަރުތުކޮށް ވިދާޅުވިއެވެ.

މާލޭގައި ކުރި މުޒާހަރާއެއްގެ ތެރެއިން: އިންތިޚާބުތައް ގިނަ ވުމުން ސިޔާސީ ހަލަބޮލިކަން އިތުރު -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ގައުމާ މެދު ނުވިސްނައި އަބަދު ސިޔާސީ ގޮތުން ތިމާމެންނަށް ހޯދެން އޮތް ފައިދާއާ މެދު ވިސްނާތީ މި އާބާދީ ކުޑަ ދިވެހިރާއްޖެއަށް އެތައް ގެއްލުމެއް ދަނީ ލިބެމުންނެވެ. މި ކަންކަން ބަދަލު ވާން ޖެހެއެވެ. ހާއްސަކޮށް އިގުތިސާދީ ގޮތުން ގެއްލުން ލިބޭ ކަންކަން ހުއްޓާލަން ޖެހެއެވެ. އަހަރަކަށް ވުރެ އަހަރެއް ގައުމު ދަރަމުން ދާތީއެވެ.

އެހެންކަމުން ހަރަދުތައް ކުޑަކޮށް، ހަމަޖެހުން ގާއިމު ކުރުމަށް އިންތިޚާބުތައް އެކުގައި ބޭއްވުމަކީ ވަރަށް މުހިންމު ކަމެކެވެ. އަބަދު ސިޔާސީ ހަލަބޮލި ކަމާއި ފިތުނައިގެ ތެރޭގައި އުޅުމަކީ ގައުމަށް ވެސް އަދި މީހުންގެ ނަފުސާނީ ސިއްހަތަށް ވެސް ގެއްލުން ހުރި ކަމެކެވެ. ހަލަބޮލި ކަމަށް ވުރެ ތަރައްގީއަށް ފޯކަސް ކޮށްގެން މަސައްކަތް ކުރަން ޖެހެއެވެ. އެކަންކަން ވާން އޮތީ އިންތިޚާބުތައް އެއްކޮށްގެންނެވެ. އިރުއިރު ކޮޅާ އިންތިޚާބު ބޭއްވުން ނިމުމަކަށް ގެންނަން ޖެހެއެވެ.

comment ކޮމެންޓް