އައިފޯނަކަށް ވުރެ ބޮޑު، ލައްޕާލެވޭ ޑިވައިސްއެއްގެ މަސައްކަތް އެޕަލްއިން ފަށައިފި

ސްމާޓްފޯނަކަށް ވުރެ ބޮޑު ފޯލްޑަބަލް ޑިވައިސެއް އުފެއްދުމުގެ މަސައްކަތް އެޕަލްއިން ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ޓައިވާނުގެ ސަޕްލައި ޗެއިންގެ މަސްދަރުތަކާ ހަވާލާދީ ޑިޖިޓައިމްސްގެ ރިޕޯޓެއްގައި ވާގޮތުން ފޯލްޑަބަލް ޑިވައިސް އަކީ ނޯޓްބުކެއް ނުވަތަ ޓެބްލެޓެއްގެ ސިފައިގައި އަތުވެދާނެ ޑިވައިސްއެކެވެ.

އައިފޯން އުފެއްދުމަށް މަޝްހޫރު އެޕަލް ކުންފުނިން ފޯލްޑިން ޑިވައިސްއެއް އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް މީޑިއާގައި ޚަބަރުފެތުރޭތާ ދުވަސްކޮޅެއް ވެފައިވާއިރު، އެ ޑިވައިސް އުފެއްދުމުގެ މަސައްކަތް ފެށުމުގެ ކުރިން ޑިވައިސްގެ ޑިޒައިނާ މެދު ގޮތެއް ނިންމާނެ ކަމަށް ބެލެވެއެވެ.

އަދި މީގެ އިތުރުން މެކްރޫމާސް ރިޕޯޓެއްގައި ބުނެފައިވާ ގޮތުން އެ ކުންފުނިން މަސައްކަތްކުރަމުން ދަނީ ފޯލްޑަބަލް އައިފޯނެއްގެ ބަދަލުގައި މި ދެންނެވި ޑިވައިސްތަކުގެ ސިފައިގައި މުޅިންއާ "ބޮޑު ޑިވައިސް" އެއް އުފެއްދުމާ ކައިރި ގޮތަކަށެވެ.

އެކަން ކުރުމަށް ޓަކައި އެ ކުންފުނިން ވަނީ ވިޝަން ޕްރޯ ޓީމުގެ އިންޖިނިއަރުންނާ ފޯލްޑަބަލް ޑިވައިސަށް ބޭނުންވާ ކޮމްޕޯނެންޓްތައް އުފެއްދުމުގެ މަސައްކަތް ހަވާލުކޮށްފައެވެ.

ކުރިއަށް އޮތް އަހަރުތަކުގައި އެޕަލް އިން ފޯލްޑަބަލް ޑިވައިސްއެއް ނެރޭނެކަމަށް ބެލެވުނަސް މެކްރޫމާސް ރިޕޯޓުގައި ބުނެފައި ވަނީ 2025ގެ ކުރިން ލޯންޗު ކުރެވޭނެ ކަމަށް ނުބެލެވޭކަމަށެވެ.

އެޕަލްގެ އާ އުފެއްދުން ހުރިހާ ގޮތަކުން ވެސް ރަނގަޅުވާނެ ކަމަށް ބެލެވޭއިރު، މިހާރު ވެސް ކަސްޓަމަރުންނަށް ގަނެވޭނެ ރޭންޖެއްގައި އަގުހެޔޮކޮށް ފޯލްޑަބަލް ޑިވައިސްތައް ފޯރުކޮށްދޭ ބައެއް ކުންފުނިތައް ކަމަށްވާ ސެމްސަންގް، އޮއްޕޯ، ގޫގުލް، ވާވޭ އަދި ޝިއޯމީގެ އުފެއްދުންތަކާ އެޕަލްގެ އާ އުފެއްދުން އަޅައިބަލާއިރު، ވަރަށް ބޮޑެތި ތަފާތުތަކެއް ފެންނާނެކަމަށް ބެލެވެއެވެ.

މި މަހުގެ ކުރީކޮޅު ޗައިނާގެ ޓިޕްސްޓާ "ފިކްސްޑް ފޯކަސް ޑިޖިޓަލް" އިން ބުނެފައި ވަނީ އެޕަލްއިން ފޯލްޑަބަލް ސްކްރީނެއް ހިމެނޭ ޑިވައިސްއެއް އުފެއްދުމުގެ މަސައްކަތް ކުރިކަމަށާއި، އެ ކަން މެދުކަނޑާލީ ހިތްހަމަޖެހޭ ނަތީޖާއެއް ނުލިބުމުން ކަމަށެވެ.

އަދި އެޕަލްއިން ވާދަވެރި އެހެން ކުންފުނިތަކުގެ ފޯލްޑަބަލް ސްމާޓްފޯންތަކެއް ގަނެފައިވާ ކަމަށާއި އަދި އެފަދަ އުފެއްދުމަކަށް ތައްޔާރުވުމުގެ މަސައްކަތް އަނެއްކާ ވެސް އެޕަލްއިން އަވަސްކޮށްފައިވާކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ.

އެހެންނަމަވެސް މެކްރޫމާސްގެ ރިޕޯޓްގައި ބުނެފައިވަނީ އެޕަލްއިން ފޯލްޑަބަލް ފޯނެއްގެ މަސައްކަތް މެދުކަނޑާލާފައިނުވާ ކަމަށާއި، އެއް ފޯލްޑަބަލް ޑިވައިސްއަށް ވުރެ ގިނަ ޑިވައިސް އުފެއްދުމުގެ މަސައްކަތް އެ ކުންފުނިން ކުރަމުން އަންނަ ކަމަށެވެ.

އަދި ކޮންމެ ޕްރޮޑަކްޓެއް އުފެއްދުމުގެ މަސައްކަތް އެކި ޑިޕާޓްމަންޓްތަކާ ހަވާލުކޮށްފައިވާ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

މިފަދަ ވާހަކަތަކެއް މީޑިއާގައި ފެންމަތިވެފައިވީ ނަމަވެސް އެޕަލްއިން ކުރިއަށް އޮތް މަސްތަކުގައި ނުވަތަ އަހަރުތަކެއްގެ ތެރޭގައި ފޯލްޑަބަލް ސްމާޓްފޯނެއް ނެރޭނެ ވާހަކަ އަދި އިއުލާނު ކޮށްފައެއް ނުވެއެވެ.

comment ކޮމެންޓް