އަހަރުގެ މިހާތަނަށް ފަތުރުވެރިން ޒިޔާރަތްކުރި މިންވަރު 16 އިންސައްތަ އިތުރުވެއްޖެ

ފަތުރުވެރިންތަކެއް ވީއައިއޭގަ ---- ސަން ފައިލް ފޮޓޯ

މިދިޔަ އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންނާ އަޅައިބަލާއިރު އިއްޔެގެ ނިޔަލަަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 16 އިންސައްތަ އިތުރުވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެ މިނިސްޓްރީއިން މިއަދު އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން އިއްޔެގެ ނިޔަލަށް ޖުމްލަ 378,245 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. އެއީ ޖެނުއަރީ މަހު އައި 192,385 ފަތުރުވެރިންނާއި ފެބްރުއަރީ މަހުގެ މިހާތަނަށް ޒިޔާރަތްކުރި 185,860 ފަތުރުވެރިންނެވެ.

ދުވާލެއްގެ މައްޗަށް އެވަރެޖްކޮށް ރާއްޖެއަށް 6,877 ފަތުރުވެރިން ޒިޔާރަތްކުރާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

އެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޗައިނާއިންނެވެ. އެގޮތުން އެގައުމުން 51،984 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު 36،423 ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ރަޝިއާއިންނެވެ.

ތިންވަނައަށް އެންމެ ގިނައިން ޒިޔާރަތްކޮށްފައިވަނީ އިޓަލީންނެވެ. އެގައުމުން އިއްޔެގެ ނިޔަލަށް 35،834 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. އެއީ އަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި 9.5 އިންސައްތަ ފަތުރުވެރިންނެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި ޔޫކޭއިން އިއްޔެގެ ނިޔަަލަށް ޒިޔާރަތްކުރީ 33،401 ފަތުރުވެރިންނެވެ. އަދި މިދިޔަ އަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައި އިންޑިއާއަކީ ފަސްވަނައަށް އެންމެ ގިނައިން ޒިޔާރަތްކުރާ ގައުމު ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. އެގޮތުން 25،096 ފަތުރުވެރިން އެ ގައުމުން އިއްޔެގެ ނިޔަލަށް ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ.

މީގެއިތުރުން، މި މަހު އެންމެ ގިނަ ފަތުރުވެރިން މިހާތަނަށް އައިސްފައިވަނީ މިމަހުގެ 10 ވަނަ ދުވަހުއެވެ. އެދުވަހު އެކަނިވެސް ރާއްޖެއަށް 10،231 ފަތުރުވެރިން އައިސްފައިވާއިރު ފެބްރުއަރީ 11 ގައި ވަނީ 9،646 ފަތުރުވެރިން އައިސްފައެވެ.

ރާއްޖޭގައި 180 ރިޒޯޓެއް ހުރި އިރު، އެ ރިޒޯޓުތަކުގައި 44،180 ޓޫރިސްޓް ބެޑް ހުރެއެވެ. އެ ރިޒޯޓްތަކުގެ ތެރެއިން 175 ރިޒޯޓެއްގައި ޚިދުމަތް ދެމުން އަންނަ އިރު، އެ ރިޒޯޓްތަކުން ހިއްސާ ކުރަނީ 43،178 ޓޫރިސްޓް ބެޑެވެ.

މީގެ އިތުރުން ރާއްޖޭގައި 140 ސަފާރީ ބޯޓު ވެސް ދުއްވާ ކަމަށާއި އެބޯޓުތަކުން ހިއްސާ ކުރަނީ 2700 ޓޫރިސްޓް ބެޑު ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

comment ކޮމެންޓް