ހޫޘީން، އެމެރިކާގެ ތެޔޮ ޓޭންކަރަކަށް ވަރުގަދަ ހަމަލާތަކެއް ދީފި

ސަންޢާ (25 ފެބްރުއަރީ 2024) : އެމެރިކާއާއި އިނގިރޭސިވިލާތުން ޔަމަންގެ ހޫޘީ ޖަމާއަތަށް އިއްޔެ ދިން ވަރުގަދަ ހަމަލާތަކަށް ބަދަލު ހިފުމުގެ ގޮތުން އެމެރިކާގެ ތެޔޮ ޓޭންކަރަކަށް ހޫޘީން ވަރުގަދަ ހަމަލާތަކެއް ދީފިއެވެ.

ހޫޘީންގެ ތަރުޖަމާނު ބްރިގޭޑިއާ ޔަހްޔާ ސަރީއު ވިދާޅުވީ ޔަމަނަށް ހަމަލާދީފައި އެމެރިކާއާއި އިނގިރޭސިވިލާތަށް ސަލާމަތް ނުވެވޭނެ ކަމަށާއި ޔަމަނަށް ދޭ ހަމަލާތަކުގެ ބަދަލު ވަރަށް ވަރުގަދައަށް ހިފާނެކަމާއި އެ ކަމުގެ ނަތީޖާއާ ކުރިމަތިލާންޖެހޭނެކަން އެމެރިކާއާއި އިނގިރޭސިވިލާތް ދަންނަން ޖެހޭނެ ކަމުގައެވެ.

ހޫޘީންގެ ބަދަލު ހިފުމުގެ ހަމަލާ މި ފަހަރު އަމާޒުކުރީ އެމެރިކާގެ ބިޔަ ތެޔޮ ޓޭންކަރެއްކަމަށްވާ އެމްވީ ޓޯމް ތޯ އަށެވެ. މިއީ އެމެރިކާގެ ކުންފުންޏަކަށް ނިސްބަތްވާ ތެޔޮ ޓޭންކަރެކެވެ. ހޫޘީންގެ ތަރުޖަމާނު ޔަޙްހާ ސަރީޢު ވިދާޅުވިގޮތުގައި އެމެރިކާގެ ތެޔޮ ޓޭންކަރު ދަތުރުކުރަމުން ދިޔައީ ޔަމަންގެ ޢަދަން ކަނޑުއޮޅިއާ ގާތުން ކަމަށާއި އެ ޓޭންކަރަށް ހަމަލާދިނީ އެއީ އެމެރިކާގެ އުޅަނދެއް ކަން ކަށަވަރު ކުރުމަށްފަހުގައި ކަމަށެވެ.

އެމެރިކާގެ ނޫހެއްކަމަށްވާ "ޕޮލިޓިކޯ" ބުނާގޮތުން އެމެރިކާއާއި އިނގިރޭސިވިލާތުން ހޫޘީންގެ އަމާޒުތަކަށް ގިނަ ހަމަލާތަކެއް ދޭއިރުވެސް ހޫޘީން ބަލިނުކުރެވޭތީއާއި ރަތްކަނޑާއި ބާބުލްމަންދަބު އަދި އަދަން ކަނޑުއޮޅި ހުރަސްކުރީ އެމެރިކާއާއި އިސްރާއީލާ އަދި އިނގިރޭސިވިލާތުގެ އާގުބޯޓުތަކަށް ހޫޘީން ދޭ ހަމަލާތައް ހުއްޓުމަކަށް ގެނައުމުގައި އެމެރިކާގެ އަސްކަރިއްޔާ ނުކުޅެދިފައިވާތީ އެމެރިކާގެ އެތެރޭގައި މި މައްސަލަ ވަނީ ވަރަށް ބޮޑުވެފައެވެ.

އެމެރިކާގެ ގައުމީ ސަލާމަތާބެހޭ ކައުންސިލާއި އެމެރިކާގެ ދިފާއީ ވުޒާރާއާއި ވައިޓް ހައުސްގެ އިސްވެރިން މިދިޔަ ހަފުތާގައި ބައްދަލުކުރައްވައި އެ ބޭފުޅުން ވަނީ ހޫޘީންގެ ހަމަލާތައް ހުއްޓުވުމުގައި އެމެރިކާގެ އަސްކަރިއްޔާ ނުކުޅެދިފައިވާތީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އެ ބައްދަލުވުމަށްފަހު އެމެރިކާއާއި އިނގިރޭސި ވިލާތުން އިއްޔެ ވަނީ މިސައިލާއި ބޮންއަޅާ ބޯޓުތައް ބޭނުންކޮށްގެން ޔަމަނަށް އިއްޔެ އާދަޔާ ޚިލާފު ވަރުގަދަ ހަމަލާތަކެއް ދީފައެވެ. އެމެރިކާއާއި އިނގިރޭސި އަސްކަރިއްޔާ އިން ނެރުނު ގުޅިފައިވާ ބަޔާނެއް ބުނާގޮތުން ޔަމަނުގެ 18 އަމާޒަކަށް އިއްޔެ ވަނީ ވަރަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފައެވެ.

އެ ހަމަލާތައް އަމާޒު ކުރިތަންތަނުގެ ތެރޭގައި ހޫޘީންގެ ހަތިޔާރާއި މިސައިލް ރައްކާކުރާ ގުދަންތަކާއި ޑްރޯނާއި ރާޑަރު ސިސްޓަމްތަކާއި ސަވައިލެންސް މަރުކަޒުތަކުގެ އިތުރުން ހޫޘީންގެ ހެލިކޮޕްޓަރަކަށްވެސް ހަމަލާދީފައިވާނެކަމަށް އެ ބަޔާން ބުނެއެވެ. ހޫޘީން ވެސް ވަނީ ކުރިން ނުދޭވަރުގެ ގަދަފަދަ ހަމަލާތަކެއް އެމެރިކާއާއި އިނގިރޭސީން އިއްޔެ ޔަމަނަށް ދިންކަން ކަށަވަރުކޮށްދީފައެވެ. ހަމަލާތައް ދިންތަންތަނުގެ ތެރޭގައި ގިނައީ ޔަމަންގެ ވެރިރަށް ސަންއާގެ މަދަނީ ތަންތަންކަމަށް ހޫޘީން ބުނެއެވެ.

ހޫޘީންގެ ތަރުޖަމާނު ޔަހްޔާ ސަރީއު ވިދާޅުވިގޮތުގައި އެމެރިކާއާއި އިނގިރޭސީންގެ މި ހަމަލާތަކަކީ އިސްރާއީލުން ޣައްޒާގެ އާންމު ރައްޔިތުން މެރުމަށްޓަކައި ހިންގާ ގަތުލުއާންމުތަކާއި ނަސްލު ނައްތާލުމުގެ އަމަލުތައް ހުއްޓުވުމުގެ ގޮތުން އިސްރާއީލާއި އެމެރިކާ އަދި އިނގިރޭސިވިލާތުގެ އާގު ބޯޓުތަކާއި ތެޔޮ ޓޭންކަރުތަކަށް ހޫޘީން ދޭ ހަމަލާތައް ހުއްޓުވޭވަރުގެ ހަަމަލާތަކެއް ނޫނެވެ. އަދި ހޫޘީންގެ އަސްކަރީ ގާބިލްކަމަށް ލޮޅުން އަރުވާލެވޭފަދަ ހަމަލާތަކެއްވެސް ނޫނެވެ.

އެމެރިކާއާއި އިނގިރޭސީން ޔަމަނަށް ކިތަންމެ ވަރަކަށް ބޮންއެޅިއަސް ޣައްޒާގައި ހިންގާ ގަތުލުއާންމުތައް ހުއްޓުވުމަށްޓަކައި އިސްރާއީލާއި އެމެރިކާ އަދި އިނގިރޭސިވިލާތުގެ އާގު ބޯޓުތަކަށް ދޭ ހަމަލާތަކަށް ހުއްޓުމެއް ނުގެނެވޭނެކަމަށް ޔަހްޔާ ސަރީއު ވިދާޅުވިއެވެ.

އެމެރިކާގެ "ވޯލްސްޓްރީޓް ޖާނަލް" ބުނާގޮތުން ހޫޘީންގެ އަތުގައި ކަނޑުއަޑިން ދަތުރުކޮށް ބޯޓުތަކަށް ހަމަލާދިނުމަށް ބޭނުންކުރާ ކަނޑުގެ ޑްރޯން ގިނަ އަދަދަކަށް އެބަހުއްޓެވެ. އަދި އެންޓި ޝިޕް މިސައިލް ވެސް އެބަހުއްޓެވެ. މިތަކެތި ހުރުމުން އާގުބޯޓުތަަކަށް ހަމަލާދިނުމަކީ ހޫޘީންނަށް ވަރަށް ފަސޭހައިން ކުރެވޭނެކަމެކެވެ. މިތަކެތި ހޫޘީންނަށް ފޯރުކޮށްދޭކަމުގެ ތުހުމަތު އެމެރިކާ ކުރަނީ އީރާނުގެ މައްޗަށެވެ.

ޙޫޘީން ބުނާގޮތުން އެ މީހުންގެ މަގްސަދަކީ އިސްރާއީލުން ޣައްޒާގެ އާންމުން މެރުމަށް ހިންގާ ގަތުލުއާންމުތައް ހުއްޓާލުމަށް އިސްރާއީލަށް ފިއްތުންތައް ކުރިމަތިކުރުމެވެ. މި މައްސަލައިގެ ތެރެއަށް އެމެރިކާއާއި އިނގިރޭސީން ވަދެގަތީ އިސްރާއީލުގެ އާގު ބޯޓުތައް ދިފާއުކުރުމަށްޓަކައި ޣައިރު ގާނޫނީ ގޮތުން އަމިއްލައަށް ކަމަށާއި އެ ދެ ގައުމުގެ އުޅަނދުތަަކަށް ހަމަލާދެނީ އެ ދެ ގައުމުން ޔަމަނަށް ބޮންއަޅާތީކަމަށް ވެސް ހޫޘީން ބުނެއެވެ.

ނަމަވެސް ހޫޘީންގެ ހަތިޔާރު ގުދަންތަކަށް ބޮންއެޅުމުގެ ނަމުގައި އެމެރިކާއާއި އިނގިރޭސީން ބޮންއަޅަނީ އަދި މިސައިލުން ހަމަލާދެނީ މައިގަނޑު ގޮތެއްގައި ޔަމަންގެ މަދަނީ ތަންތަނަށްކަމަށްވެސް ހޫޘީން ބުނެއެވެ.

ހޫޘީންގެ ހަތިޔާރުތައް ރައްކާކޮށްފައިވާ ތަންތަނަށް ހަމަލާދޭކަމަށް އެމެރިކާއާއި އިނގިރޭސިވިލާތުން ބުނިނަމަވެސް "ޕޮލިޓިކޯ" ބުނާގޮތުން އެ ދެ ގައުމުން ދޭ ހަމަލާތަކުގައި ހޫޘީންގެ ހަތިޔާރުގެ މައިގަނޑު މަރުކަޒުތައް ހަލާކެއް ނުކުރެވެއެވެ. އެ ދެ ގައުމުގެ ހަމަލާތައް ގިނައިން އަމާޒުވަނީ ޔަމަންގެ ހުސްތަންތަނަށާއި މަދަނީ ތަންތަނަށެވެ.

ޣައްޒާގެ އާންމުންނާ ދެކޮޅަށް އިސްރާއީލު ހިންގާ ގަތުލުއާންމުތައް ހުއްޓުވުމަށްޓަކައި ޕްރެޝަރު ކުރުމުގެ ގޮތުން ޙޫޘީން ވަނީ ރަތް ކަނޑާއި ބާބުލްމަންދަބު އަދި އަދަން ކަނޑުއޮޅިން ދަތުރުކުރާ އާގުބޯޓުތަކާއި އަސްކަރީ އުޅަނދުތައް ހިމެނޭގޮތަށް ފާއިތުވި ތިން މަސްތެރޭގައި 50 އަށް ވުރެގިނަ އުޅަނދަށް ހަމަލާ ދީފައެވެ. މި ހުރިހާ ހަމަލާތަކެއްވެސް އަމާޒުކޮށްފައިވަނީ އިސްރާއީލާއި އެމެރިކާ އަދި އިނގިރޭސިވިލާތުގެ އުޅަނދުތަކަށެވެ.

ހޫޘީންގެ ހަމަލާތަކުގެ ސަބަބުން އިސްރާއީލާއި އެމެރިކާއާއި އިނގިރޭސިވިލާތުގެ އާގުބޯޓުކަށް ވަނީ ރަތްކަނޑުން ގޮސް ސްވޭސް ކެނެލްއިން ހުރަސް ކުރުމުގެ ބަދަލުގައި މުޅި އެފްރިކާ ވަށާލައި އެޓްލާންޓިކް ކަނޑުގެ ބޭނުން ކުރަންޖެހިފައެވެ. މިއީ އިންތިހާއަށް ދަތުރު ދިގުލައިގެންދާ ކަމަކަށް ވާތީ ހޫޘީންގެ ސަބަބުން އެ ތިން ގައުމުގެ އާގު ބޯޓުތަކަށް ވަނީ ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާންޖެހިފައެވެ. އަދި ޚާއްސަކޮށް އިސްރާއީލަށް ވަނީ އިންޕޯޓް އެކްސްޕޯޓްގެ މައްސަލަ ކުރިމަތިވެ އެ ގައުމުގެ އެންމެ ބޮޑު ބަނދަރުގެ މަސައްކަތް ދެބައިކުޅަ އެއްބަޔަށްވުރެވެސް ބޮޑަށް ދަށަށްގޮސްފައެވެ.

comment ކޮމެންޓް