ރިލީޒްވިތާ އެއް ދުވަސްތެރޭ 'ޕޯޗާ'އަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް

ބަތަލާ އާލިއާ ބަޓްގެ ފިލްމު ކުންފުނި އެޓާނަލް ސަންޝައިން ޕްރޮޑަކްޝަންސްއާ އިތުރު ދެ ފިލްމީ ކުންފުންޏަކާ ގުޅިގެން އުފެއްދި ވެބް ސީރީސް "ޕޯޗާ"އަށް އާއްމުންގެ ފަރާތުން ލިބެމުން އަންނަ ތަރުހީބަށް ބަތަލާ ޝުކުރު އަދާކޮށްފިއެވެ.

އާލިއާ އެގްޒެކެޓިވް ޕްރޮޑިއުސަރެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވާ މި ވެބް ސީރީސް ޕްރިމިއާ ކޮށްފައި ވަނީ މިދިޔަ ހުކުރު ދުވަހު އެމޭޒަން ޕްރައިމްގައެވެ.

މަޅަޔާލަން ބަހުން ޕްރިމިއާ ކުރި ވެބް ސީރީސް "ޕޯޗާ"އަކީ މިނީ ކްރައިމް ޑްރާމާ ޓެލެވިޒަން ސީރީސްއެކެވެ. މި ވެބް ސީރީސް ޕްރިމިއަ ކުރިތާ އެއް ދުވަސްތެރޭ އެމޭޒަން ޕްރައިމްގެ އެންމެ މަގުބޫލު އުފެއްދުންތަކުގެ ލިސްޓުގެ އެއް ވަނައިން "ޕޯޗާ"ވަނީ ޖާގަ ހޯދާފައެވެ. ސްޓްރީމް ކުރަން ފެށިތާ އެއް ދުވަސްތެރޭ "ޕޯޗާ"އަށް ޓްރެންޑް ލިސްޓުގެ އެއް ވަނައިން ފުރުސަތު ލިބުމުން އާލިއާ ވަނީ އެކަމާ އުފާ ފާޅުކޮށް މި ވެބް ސީރީސް ނުބަލާ ތިބި މީހުންނަށް "ޕޯޗާ" ބެލުމަށް ދައުވަތު ދީފައެވެ.

ބަތަލާ އާލިއާ ބަޓް "ޕޯޗާ"ގެ ޑައިރެކްޓަރާއެކު--ފޮޓޯ/އިންސްޓަގްރާމް
ވެބް ސީރީސް "ޕޯޗާ"ގެ އެއްވެސް މަންޒަރެއްގައި ބަތަލާ އާލިއާ ބަޓް ހިމެނިފައި ނެތް ނަމަވެސް މި ސީރީސްގެ ބައެއް މަންޒަރުތައް ޝޫޓް ކުރި ސަރަހައްދު ތަކުގައި އާލިއާ ވަނީ ހަރަކާތްތެރި ވެފައެވެ.

ބަތަލާ ޝެފާލީ ޝާހް ލީޑް ރޯލް ކުޅެފައިވާ ނެޓްފްލިކްސްގެ ކްރައިމް ޑްރާމާ "ދިއްލީ ކްރައިމް"ގެ ޑައިރެކްޓަރު ރިޗީ މެހެތާގެ "ޕޯޗާ"ގެ ކާސްޓުންގެ ތެރޭ ކާނީ ކުސްރުތީ، އަންކިތު މާދަވް، ސޫރަޖް ޕޮޕްސް އަދި ވިނޯދު ޝެރަވަތު ހިމެނެއެވެ.

ބަތަލާ އާލިއާ ބަޓް އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ މި އަހަރުގެ ސެޕްޓެމްބަރު މަހު ރިލީޒް ކުރުމަށް ތާވަލު ކުރެވިފައިވާ ފިލްމު "ޖިގްރާ"އިންނެވެ.

comment ކޮމެންޓް