މިއުޒިއަމްގެ ވަޒީފާއަކަށް ޓޭލާގެ ފޭނެއް ހޯދަނީ

ޓޭލާ ސްވިފްޓްގެ ފޭނެއް އޭނާގެ މޫނު ހިމެނޭ ޓީޝާޓެއް ލައިގެން ކޮންސާޓަކަށް ދަނީ

ލަންޑަންގެ އެންމެ ބޮޑެތި މިއުޒިއަމްތަކުގެ ތެރޭގައި ހިމެނޭ މިއުޒިއަމްގެ ވަޒީފާއަކަށް މިއުޒިކްގެ އެންމެ ބޮޑު އެއް ފަންނާނު ކަމަށްވާ ޓޭލާ ސްވިފްޓްގެ ފޭނެއް ހޯދަން އިއުލާނުކޮށްފިއެވެ.

ޓޭލާ ސްވިފްޓުގެ ފޭން ބޭސް އަކީ މުޅި ދުނިޔޭގަައި ވެސް ފާހަގަކޮށްލެވޭ ނުފޫޒު ގަދަ ފޭން ބޭސެކެވެ. ޓޭލާގެ ފޭނުން ނުވަތަ ސްވިފްޓީސްއަށް އަމާޒުކޮށްގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތަފާތު ހަރަކާތްތައް އަންނަނީ ރާވަމުންނެވެ. އެގޮތުން ބޮޑެތި ޔުނިވާސިޓީތަކުގައި ޓޭލާގެ މިއުޒިކަށް ކޯސްތައް ހިންގުން ފަދަ ކަންތައް ހިމެނެއެވެ.

މި ފަހަރު ލަންޑަންގެ މިއުޒިއަމެއް ކަމަށްވާ ވިކްޓޯރިއާ އެންޑް އެެލްބާޓް މިއުޒިއަމުުން ވަނީ ތަފާތު ވަޒީފާއެއް އިއުލާނު ކޮށްފައެވެ. އެގޮތުން މިއުޒިއަމުން އަންނަނީ ޓޭލާގެ ސުޕަފޭނެއް ބޭނުންވެގެން އުޅޭ ކަމަށް އިއުލާނުކޮށްފައެވެ.

އެ މިއުޒިއަމުން ބުނީ އާޓް އަދި ޑިޒައިންގެ ދާއިރާގައި ޓޭލާ ވަނީ ބޮޑު އިންގިލާބީ ބަދަލުތަކެއް ގެނެސްފައިކަމަށެވެ. އަދި އޭނާގެ ނުފޫޒު މުޅި ދުނިޔޭގެ މިއުޒިކްގެ އިތުރުން އެމެރިކާގެ ޕޮލިޓިކްސްއަށް ވެސް ކުރަމުން އަންނަކަމަށް އެ މިއުޒިއަމުން ބުނެއެވެ.

މި ސަބަބާހުރެ ސްވިފްޓީސްގެ ތެރޭ ހިމެނޭ ސުޕަފޭނެއް ވަޒީފާއަށް މުހިއްމު ކަމަށާއި ޓޭލާގެ މިއުޒިކްގެ ނުފޫޒް އެންމެ ރަނގަޅަށް އެނގޭނީ ފޭނުންނަށް ކަމަށް މިއުޒިއަމުން ބުނެއެވެ.

ވަޒީފާއަށް ހޮވޭ ފޭނަކަށް މިއުޒިއަމްގައި ޓޭލާގެ މައުލޫމާތު ހިއްސާ ކުރެވޭނެ ގޮތާއި އެކަމަށް ޚާއްސަ ޕްރޮގްރާމްތައް ފަރުމާކުރުމުގެ ބާރު ލިބޭނެއެވެ.

މި ވަޒީފާއަކީ ޕާޓްޓައިމް ވަޒީފާއަކަށްވާއިރު މި ވަޒީފާއަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އަންނަ މަހުގެ ހަތްވަނަ ދުވަހެވެ. އަދި މި ވަޒީފާއަށް، މިއުޒިއަމްގެ ވެބްސައިޓް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވައިލައިފައެވެ.

މި ވަޒީފާގައި މުސާރަ ދޭނީ މަސައްކަތް ކުރާ ގަޑިއަށް ބަލައިގެންނެވެ. ނަމަވެސް ލިބޭނެ ސީދާ އަދަދެއް ހާމަކޮށްފައެއް ނުވެއެވެ.

comment ކޮމެންޓް